ކޮލަމް

އެވޭލާ ދިވެހިރާއްޖެ: އިބުނު ބަޠޫޠާގެ ޤަލަމުން (ހަތަރުވަނަ ބައި)

އެވޭލާ ދިވެހިރާއްޖެ: އިބުނު ބަޠޫޠާގެ ޤަލަމުން (ހަތަރުވަނަ ބައި)

ދިވެހިރާއްޖެއާއި ސިލޯނު ހިމެނޭ ޤަދީމީ ޗާޓެއް

26 ޖުލައި 2025، 12:26

މަޝްހޫރު މުސްލިމު ދަތުރުވެރިޔާ އިބުނު ބަޠޫޠާގެ ލިޔުންތަކުން، ދިވެހިންގެ ކެއިންބުއިމާ ބެހޭ ކަންކަން އިހުގެ ބައިގައި ވާނީ ޚުލާޞާކުރެވިފައެވެ. އެހެންކަމުން، މިބައިގައި ހިމަނާލާނީ، ދިވެހި އަންހެނުންނާއި، ދިވެހިންގެ ހެދުންއެޅުމުގެ ވާހަކައެވެ.

ދިވެހި އަންހެނުން

ދިވެހި އަންހެނުންގެ މުރާލިކަމާއި ހެޔޮކަމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގެ އަންހެނުންގެ ކިބައިން އޭނާއަށް ނުފެންނަ ފަދަ ޢަޖައިބެއް ކަމަށް އިބުނު ބަޠޫޠާ ވިދާޅުވިއެވެ. ގޭތެރޭގެ ޚިދުމަތްތަކުގައި ވެސް އެކަނބަލުންނަކީ ލާމަޘީލު ނަމޫނާ އެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން، ކައިނިމިގެން އަތްދޮންނާށާއި، ވުޟޫ ކުޅައުމަށް އެކަނބަލުން ފެން ކަންވާރު ގެނެސްދެއެވެ. އަދި ނިދާ ވަޤުތު ފައި މޮޑެދެއެވެ. ދިވެހި ކަނބަލުންނަށް ވުރެ ވަކި ގޮތްހުރި، އުޅުން ރީތި ބަޔަކު ނެތް ކަމަށް ވެސް އިބުނު ބަޠޫޠާ ލިޔުއްވިއެވެ.

ދިވެހި އަންހެނުން މިހައި ރަނގަޅު ވެފައި، ކައިވެނީގެ ރަނުގެ އަގު ހެޔޮވުމުން، ދިވެހިރާއްޖޭގައި ކައިވެނި ކުރުމަކީ އެއިރު ނުހަނު ފަސޭހަ ކަމެއް ކަމަށް އިބުނު ބަޠޫޠާ ފާހަގަކުރެއްވިއެވެ. މިގޮތުން، އޭނާ ވެސް، ދިވެހިރާއްޖޭގެ އަންހެނުންނާ ވަނީ ކައިވެނި ކުރައްވާފައެވެ.

އިބުނު ބަޠޫޠާ ކައިވެނިކުރެއްވި ދިވެހި އަންހެނުން ކުރެ ނުހަނު ޢަޖައިބުކުރަނިވި ކަމެއް އޭނާ ފާހަގަކުރެއްވިއެވެ. އެއީ ދުވަހަކުވެސް އޭނާގެ އަނބިން ކާއެތިކޮޅެއް އަނގަޔަށް ލާ ތަން ނުފެންނަ ވާހަކައެވެ. އިބުނު ބަޠޫޠާ ފާހަގަކުރެއްވި ގޮތުގައި، އޭނާ ކައިވެނި ކުރެއްވި އަންހެނުން ދުވަހަކުވެސް އޭނާ އާ އެކުގައި ނުކައެވެ. އެހެނަސް، އެކަނބަލުން ތިބެނީ އޭނާ ފަރިއްކުޅުއްވާ ތަން ބަލާށެވެ. މިކަމާ ޙައިރާން ވެވަޑައިގެން، ވަގުވަގަށް ޖާސޫސްކުރައްވައިގެން ނަމަވެސް، މިކަނބަލުން ކާއެތިކޮޅެއް ކާތަން ފެނޭ ތޯ އިބުނު ބަޠޫޠާ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް މިކަން މަދުފަހަރަކު މެނުވީ ކާމިޔާބު ނުވި ކަމަށް އޭނާ ވަނީ ލިޔުއްވާފައެވެ.

ދިވެހި އަންހެނުންގެ ޢަޖައިބުކުރަނިވި އަނެއް ކަމަކީ އުޖޫރައްށް ގޭގޭގައި ނޯކަރީކަން ކުރުމެވެ. 5 ދީނާރަށް ވުރެ ބޮޑު ނޫން އަގަކަށް، އެކަނބަލުން ގޭގެއަށް ޚިދުމަތް ކުރަން ދެއެވެ. މިކަމުގެ އެންމެހައި ޚަރަދުބަރަދު ކުރަނީ ގޭގެ ވެރިފަރާތުންނެވެ. އެކަނބަލުންގެ އަތުން ގެއްލުންވެއްޖެ މުދަލަކަށް މެނުވީ އެކަނބަލުން ޒިންމާ ވާކަށް ނުޖެހެއެވެ. މިފަދަ ކަނބަލުން އެންމެ ގިނައިން ކޮށް އުޅޭ އިތުރު މަސައްކަތަކީ ރޯނު ވެށުމެވެ. މުއްސަނދި މީހަކު ވިއްޔާ މީގެ 10 ނުވަތަ 20 ނޯކަރީ ކަނބަލުން ވެސް ގެންގުޅެއެވެ.

ދިވެހިންގެ ހެދުން

އިބުނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި، ދިވެހިންގެ ފޭރާމަކީ ފޮއްޗެވެ. އުނަގަނޑުން ތިރީގައި، ހަރުވާޅުގެ ބަދަލުގައި ފިރިހެނުން ހުންނަނީ ފޮތިގަނޑެއް (މުންޑެއް) އަނދެފައެވެ. ބުރަކަށި މަތީގައި އަޅަނީ "ވިލްޔާން" ކިޔާ ފޮތިގަނޑެކެވެ. އޭނާ ޞިފަކުރައްވާ ގޮތުގައި، ވިލްޔާން އެންމެ ވައްތަރީ އިޙުރާމު ފޮތިގަނޑަކާއެވެ. ބައެއް މީހުން ބޮލުގައި ފޮށާ އޮޅާއިރު، އަނެއް ބައި މީހުން ތިބެނީ ކުދިކުދި މިންދީލެއް (މިބަހީ: ރުމާލެއް) ބޮލުގައި އޮޅައިގެންނެވެ.

ދިވެހި އަންހެނުންގެ ހެދުންއެޅުމަށް ބަލާއިރު، ދިވެހި ގިނަ ކަނބަލުން ނިވާކޮށްފައި ތިބެނީ ފޫޅުން ތިރި އެކަނި ކަމަށް އޭނާ ވަނީ ލިޔުއްވާފައެވެ. އަދި އެއްވެސް އަންހެނަކު އިސްތަށިގަނޑު ނިވައެއް ނުކުރެއެވެ. ރަނިކަމަނާ (މިބަހީ: ރެހެންދި ޚަދީޖާ) ވެސް ބޮލުފުޅުގައި އެއްޗެއް ތުރުނުކުރައްވައެވެ. އެހެނެއްކަމަކު، އެކަނބަލުން ތިބެނީ އިސްތަށިގަނޑު އެއް ފަރާތަކަށް އައްސާލާފައެވެ. މޭމައްޗާއި ބުރަކަށި ހުންނަނީ ހާމައަށެވެ. ލިބާހެއް ލަނީ ވަރަށް ވެސް މަދު އަންހެނެކެވެ. އެ ލިބާސް ވެސް ހުންނަނީ އަތް ކުރުކޮށް، އުނަގަނޑާ ހަމައަށް ފޯރާ ވަރަށެވެ.

ދިވެހިރާއްޖޭގައި އޭނާ ޤާޞީކަން ކުރެއްވިއިރު، އަންހެނުން މޭމަތި ނިވާނުކުރުމުގެ ލަދުވެތި ޢާދަ ކެނޑުވުމަށް ވަރަށް ވެސް މަސައްކަތް ކުރެއްވިކަމަށް އިބުނު ބަޠޫޠާ ވަނީ ލިޔުއްވާފައެވެ. ނަމަވެސް، އޭނާ އަށް މިކަން ތަންފީޛު ކުރެވުނީ މަދު ބައެއްގެ މައްޗަށެވެ. މިގޮތުން، އޭނާގެ ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވާ ކޮންމެ އަންހެނަކު ވެސް މޭމަތި ނިވާކުރުމަށް އޭނާ ޝަރުޠުކުރެއްވިއެވެ. އަދި އޭނާގެ މިލްކުލް ޔަމީން ކަނބަލުންނަށް އޭނާ ހެދުންލައްވައި، އިސްތަށިގަނޑު ނިވާކުރައްވައި ހެއްދެވިއެވެ. މިކަމުގެ ސަބަބުން އެކަނބަލުންނަށް ދިވެހިންކުރެ ގިނަބަޔަކު ހަޖޫޖަހައި ޢައިބުކިޔާފައިވާކަމަށް އިބުނު ބަޠޫޠާ ހިތާމައާ އެކު ފާހަގަކުރެއްވިއެވެ.

ގަހަނާއަށް ބަލައިލާ އިރު، ދިވެހި ގިނަ އަންހެނުން އެއިރުގައި ތިބެނީ ގަހަނާ އަޅާފައެވެ. ކުޑަހުޅާއި އުޅަނބޮށްޓާ ދެމެދު ފުރެން ދެން ރިހި އުޅާ އަޅާފައި ތިބެއެވެ.  ރަސްރަސްކަލުންގެ އަނބިކަނބަލުން ފިޔަވައި، ރަން އުޅައެއް ނާޅައެވެ. މިފަދަ ޝަރަފުވެރި ކަނބަލުން "ބާޔަލް" އޭ ކިޔުނު ތަކަހޮޅިއެއްވެސް ވެސް ތުރުކުރައްވައެވެ. އަދި "ބަސްދަރަދު" އޭ ކިޔާ ގިލަފައްޗެއް ވެސް މޭފުޅު މަތީގައި އޮވެއެވެ. 

ދިވެހިރާއްޖޭގެ މޮޅުމީހުންނާއި ދެރަމީހުން ވެސް ފައިވާނަށް ނާރާ ކަމަށް އިބުނު ބަޠޫޠާ ލިޔުއްވިއެވެ. އެހެނީ، ރާއްޖޭގެ މަގުތައް ހުންނަނީ ކުނިކަހައި، ނުހަނު ރީތިކޮށް ޠާހިރުކޮށްފައެވެ. 

ދިވެހިންގެ ބައެއް ޢާދަކާދަ

އިބުނު ބަޠޫޠާ ފާހަގަކުރައްވާފައިވާ ދިވެހިންގެ ޢާދަކާދަތަކުގެ ތެރެއިން ބައެއް ޢާދަތައް ހިމަނާލާނަމެވެ:

- ކޮންމެ ދުވަހަކު ފަތިސް ނަމާދަށް ފަހު ކޮންމެ އަންހެނަކު ވެސް ފިރިމީހާ އާއި ދަރިފުޅު ގާތަށް ރީތިވާ ތަކެއްޗައިގެން އާދެއެވެ. އަނދުން ދަޅާއި، ފިނިފެނާއި، މީރުވަސް ދުވާ ތެޔޮ ފުޅި އެއް ހިފައިގެންނެވެ. އަންހެނާ އައިސް ތަކެތި ޙަވާލުކުރުމުން، އެމީހުން އަމިއްލައަށް ލޮލުގައި އަނދުންއަޅައި، ގައިގައި ފިނިފެނާއި ތެޔޮ ކާއްތާ ހަދައެވެ.

- ދިވެހިންނަކީ ނުހަނު ޞާފުޠާހިރު ބައެއް ކަމުގައި އިބުނު ބަޠޫޠާ ޞިފަކުރައްވައެވެ.  މަދުވެގެން ދުވާލަކު ދެފަހަރު ފެންވެރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ޢާދައެވެ.

- ދިވެހި ފިރިހެނަކު މަތީ ފަންތީގެ ބޭފުޅަކާ ބައްދަލު ވެއްޖެ ނަމަ، ބުރަކަށީގައި އޮންނަ ފޮތިގަނޑު ނަގައެވެ. މިއީ އިޙުތިރާމުގެ ރަމުޒެކެވެ. އެބޭފުޅާ އާ އެކު ގެއަށް ދެވެންދެން، މިފަދައިން ބުރަކަށި ހާމަކޮށް ބަހައްޓައެވެ.

- ގެއަށް ނުވަތަ މިސްކިތަށް ވަންނަ ނަމަ، ކޮންމެ މީހަކު ވެސް ދޮރުމަތީގައި ހުންނަ ރުނބައިން ފައިދޮންނަން ޖެހެއެވެ.

- ރަށަށް ނަވެއް އަތުވެއްޖެއްޔާ، އެރަށަކު ފިރިހެނުން ބިލެތާއި ކުރުނބާ ހިފައިގެން އެމީހުންނަށް ހަދިޔާ ކުރަން ދެއެވެ. އެހަދިޔާ ހިފި މީހަކު އެއީ، ހަދިޔާ ދިން މީހާގެ ގޭގައި ހުންނަން ޖެހޭ މީހާއެވެ. އެގޭގެ ޢާއިލާ މީހެއް ފަދައިން އެގޭގެ މީހުން އޭނާއަށް މެހުމާންދާރީ އަދާކުރެއެވެ.

- ދިވެހި ފިރިހެނަކު މީހަކާ އިނދެ، އަނބިމީހާގެ ގެއަށް ދާން ޤަޞްދިކޮށްފި ނަމަ، ފިރިމީހާގެ ގެއިން އަނބިމީހާގެ ގެއާ ހަމައަށް މަގުމަތީގައި ހުދު ފޭލިތަކެއް ފަތުރައި، ބޮލިކޮއްޓޭތައް އަތުރައެވެ. އެއިރު އަނބިމީހާ ހުންނާނީ ގޭގެ ދޮރުމަތީގައި، ފިރިމީހާގެ އިންތިޡާރުގައެވެ. ފިރިމީހާ ވާޞިލްވުމުން، އަނބިމީހާ ފިރިމީހާގެ ފައި ދޮށަށް ފޮތިގަނޑެއް އެއްލައެވެ. މިފޮތިގަނޑު ނަގަނީ ފިރިމީހާގެ ޚާދިމުންނެވެ. އަނބިމީހާ ފިރިމީހާގެ ގެއަށް ދާ ނަމަ ވެސް، މިއެންމެހައި ކަންކަން ހަމަ މިގޮތުގެ މަތިން ކުރެެއެވެ.


މިޙިސާބުން 4 ވަނަ ބައި ނިމުނީ އެވެ. ދިވެހިންގެ ގެދޮރުވެރިކަމާއި އިޤްތިޞާދުގެ ވާހަކަ އިރާދަކުރެއްވިއްޔާ ލިޔުމުގެ 5 ވަނަ ބައިގައި ހިމަނާލާނަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން