ޚަބަރު
ސިފައިންނާއި ފުލުހުންނަށް ތަމްރީނާއި އިތުރު ފުރުސަތުތައް ހޯދައިދޭނަން: ރައީސް

މިނިވަން ދުވަހުގެ މުނާސަބަތުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު---ފޮޓޯ: ރައީސް އޮފީސް

ފަރުދުން
26 ޖުލައި 2025، 11:35
26 ޖުލައި 2025، 11:35
ސިފައިންނާއި ފުލުހުންނަށް ތަމްރީނާއި އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ މިޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ސިފައިން އަދާކުރެއްވި ދައުރު ފާހަގަކުރައްވާފައެވެ. ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ސަފަށް ނުކުންނަނީ ސިފައިންނާއި ފުލުހުންކަން ވެސް ރައީސް ފާހަަގަކުރެއްވިއެވެ. އަދި ޤައުމު ހިމާޔަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ރާއްޖެއިން ބޭރުގެ އެހީތެރިކަން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ސިފައިންނާއި ފުލުހުންނަށް ތަމްރީނާއި އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމުގައި ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވަނީ ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީ ދިވެހި ރައްޔިތުންނަށްކޮށްދޭ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރައީސްގެ ވާހަކައިގައި ވަނީ އަންނަން އޮތް ޖީލުތަކަށް ދިވެހި ޤައުމު މިނިވަން ޤައުމެއްގެ ގޮތުގައި ފޯރުކޮށްދެވޭނީ ސިފައިންނާއި ފުލުހުންނަށްކަން ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކަށްވާންޖެހޭނީ ސިފައިންނަށާއި ފުލުހުންނަށް އެ 2 މުއައްސަސާ ކުރިއެރުވުމަށްޓަކައި، އެ މުއައްސަސާއަށް ޚިދުމަތްކުރާ ޚިދުމަތްތެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އިސްކަން ދިނުން. މި ސަރުކާރުގެ ސިޔާސަތަކީ އެއީ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު މަސައްކަތް ކުރަމުންދަނީ އެ ގޮތުގައި.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.