ޚަބަރު
ފްރާންސް އިން ފަލަސްޠީނު މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމުން ރާއްޖެ އިން މަރުޙަބާ ކިޔައިފި

ފަރަންސޭސި ވިލާތުގެ ރައީސް އިމޭނުއެލް މެކްރޯން

ފަރުދުން
26 ޖުލައި 2025، 11:33
26 ޖުލައި 2025، 11:33
ފަރަންސޭސި ވިލާތުން ފަލަސްޠީނު މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.
ޚާރިޖީ ވުޒާރާއިން މިއަދު އެ ވުޒާރާގެ އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ވަނީ ފަރަންސޭސިވިލާތުގެ ރައީސް އިމޭނުއެލް މެކްރޯންގެ މި ނިންމެވުން ފާހަގަކޮށްފައެވެ. ފަލަސްޠީނަކީ މިނިވަންކަމާއި އިސްތިޤްލާލުކަން އޮތް ދަޢުލަތަކަށް ހެދުމަށް އެޤަައުމުން ކުރަމުންދާ ޝަރުޢީ މަސައްކަތަށް އެހެން ޤައުމުތަކުންވެސް ތާއީދުކުރުމަށް ދިވެހި ޚާރިޖީ ވުޒާރާއިން ގޮވާލާފައިވެ އެވެ.
އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެކްރޯންގެ ނިންމެވުން އެމަނިކުފާނު ހާމަކުރައްވާފައިވަނީ ފަލަސްޠީނާއި އިޒްރޭލު ދެ ދައުލަތެއްގެ ގޮތުގައި އޮތުމަށް ހުށަހަޅާފައިވާ ޙައްލާއި ގުޅޭގޮތުން އދ. ގައި ބައްދަލުވުމެއް ބާއްވަން ރާވާފައިވަނިކޮށެވެ. އެކްސް މެދުވެރިކޮށް މިކަން އިޢުލާންކުރައްވަމުން މެކްރޯން ވިދާޅުވީ އެމަނިކުފާނު ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމެވީ މެދުއިރުމަތީގެ ސުލްހަވެރިކަމާއި ދޭތެރޭ ވިސްނަވާފައި ކަމަށެވެ.
ފަރަންސޭސި ރައީސް މިގޮތަށް ނިންމަވާފައިވާއިރު އދ.ގެ 193 މެންބަރުންގެ ތެރެއިން މަދުވެގެން 142 ޤައުމަކުން މިހާރު ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެެއްގެ ގޮތުގައި ބަލައިގަންނަން ނިންމާފައެެވެ. ފަރަންސޭސި ވިލާތަކީ ހުޅަނގުގެ ބާރުތަކުގެ ތެރެއިން ޖީ7ގައި ހިމެނޭ ޔޫރަޕް ބައްރުގެ އެންމެ ނުފޫޒުގަދަ އެއް ޤައުމެވެ. އަދި އިޒްރޭލާއި އެންމެ ރަޙުމަތްތެރި އެއް ޤައުމުކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް ހުޅަނގުގެ އެންމެ ނުފޫޒުގަދަ ޤައުމުތަކެއްގެ ގޮތުގައި ބެލެވޭ ބައެއް ޤައުމުތަކުން ވަނީ ދެ ދައުލަތުގެ ޙައްލާއި ދެކޮޅަށް ވޯޓްލާން ނިންމާފައެވެ. އޭގެ ތެރޭގައި އެމެރިކާއާއި ޖަރުމަނާއި އިނގިރޭސި ވިލާތް ހިމެނެއެވެ. ޔޫރަޕިއަން ޔޫނިއަންގެ މެންބަރުން ކަމަށްވާ ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ވަނީ ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާކަމަށް އިޢުލާންކޮށްފައެވެ. ހުޅަނގުގެ ބައިވަރު ޤައުމުތައް ހިމެނޭ ގޮތަށް 28 ޤައުމަކުން ވަނީ ހޯމަ ދުވަހުގައި އިޒްރޭލާއި ދެކޮޅަށް ބަޔާނެއް ނެެރެފައެވެ. ޖަޕާނާއި އިނގިރޭސިވިލާތް ވެސް ހިމެނޭހެން ނެރުނު މި ބަޔާނުގައި ވަނީ ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށް ބުނެފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިކަމާއި ގުޅޭގޮތުން ނުރުހުން ފާޅުކޮށްފައެެވެ. އަދި ފަލަސްޠީނުން ދެ ދަޢުލަތުގެ ޙައްލުގެ ބަދަލުގައި އިޒްރޭލު ޤައުމެއްގެ ގޮތުގައި ބަލައިނުގަތުމަށް ބޭނުންވާކަމަށް ތުހުމަތުކޮށްފައިވެ އެވެ. އދ. ގެ އެ ބައްދަލުވުމަށް ވަޑައިގަތުމަށް އިންކާރުކުރެއްވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މެކްރޯންގެ އިޢުލާންކުރެއްވުމަށް ފާޑުވިދާޅުވެފައެވެ. އަދި އެއީ ހަމާސްގެ ޕްރޮޕެގެންޑާއަށް ވާގިދޭ ސުލްހަވެރިކަން ނަގާލާ ނިންމެވުމެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ. އެމެރިކާއިން އަބަދުވެސް ވަނީ ދެ ދައުލަތުގެ ޙައްލަށް ތާއީދުކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރު ވެރިކަމަށް ވަޑައިގަތް ޓްރަމްޕް ވަނީ މިޚިޔާލުގެ ކާމިޔާބީއާއި ދޭތެރޭ ސުވާލު އުފައްދަވާފައެވެ. ޣައްޒާގެ 2 މިލިއަނެއްހާ ރައްޔިތުން އެސަރަހައްދުން ބޭރުކުރަން ރާއްވަވާފައިވާ ކަަމަށް ޓްރަމްޕް މީގެ ކުރިން ހާމަކުރައްވާފައިވެ އެވެ.