ޚަބަރު
އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ ކާރަކުން ފޭބި ދެ މީހަކު ހޯދަނީ

އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ ކާރުން ފޭބި ދެމީހުން: ފޮޓޯ- ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

ފަރުދުން
24 ޖުލައި 2025، 03:46
24 ޖުލައި 2025، 03:46
އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ ކާރަކުން ފޭބި ދެ މީހަކު ހޯދަން ފުލުހުން އިޢުލާނުކޮށްފިއެވެ.
ފުލުހުން ވަނީ މި ދެމީހު ކާރުން ފައިބާ ވީޑިއޯއެއް އާންމުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވީޑިއޯ އިން ފެންނަ ދެމީހުންނަކީ ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ހުޅުމާލެ ފޭސް 2 ވިނަރެސް 1 ކައިރި ރައުންޑް އެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެ މީހުން ކަމަށެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެމީހުން ފޭބި ކާރުގެ ކުރީކޮޅު އެއްކޮން ވަނީ ހަލާކުވެފައެވެ. ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ޓަވަރުތަކާ ދިމާ ހުސްބިމެއް ކާރިއަށް މަޑުކޮށް، ކާރު ކައިރީގައި މިދެމީހުން އުޅެމުންދާ މަންޒަރު މި ވީޑިއޯއިން ފެނިގެން ދެއެވެ.
އެހެންކަމުން އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.