ޚަބަރު
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން ގިނައީ އިހުމާލުވުމުގެ މައްސަލަތައް : ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން ގިނައީ އިހުމާލުވުމުގެ މައްސަލަތައްކަން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުން ދައްކައެވެ.

ފަރުދުން
24 ޖުލައި 2025، 03:10
24 ޖުލައި 2025، 03:10
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން ގިނައީ އިހުމާލުވުމުގެ މައްސަލަތައްކަމަށް ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުން ދައްކައިފިއެވެ.
ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މިއަދު ޙިއްޞާކުރި މަޢުލޫމާތުގައިވާ ގޮތުގައި މެއި މަހުގައި އެ ވުޒާރާއަށް ހުށަހެޅި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލައެވެ.
އެގޮތުން މި ބާވަތުގެ 23 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 12 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 11 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލައަކީ ޖިސްމާނީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 22 މައްސަލައެއް ވަނީ މެއި މަހު މި ވުޒާރާއަށް ހުށަހެޅިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 18 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 04 މައްސަލައެކެވެ.
ހަމައެހެންމެ، މީގެ ތެރޭގައި ޖިންސީ ހާނިކައިގެ 16 މައްސަލަ، ނަފްސާނީ ހާނިކައިގެ 13 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަންދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ 06 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 04 މައްސަލަ، އަދި އެހެންކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ ހިމެނެއެވެ.
މިނިސްޓްރީން ބުނީ އަހަރުގެ މެއި މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 97 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.