ވިޔަފާރި
ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ޔޫކޭގެ ޑަބްލިޔު.އެލް.ސީ.ސީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ވަޒީރު ސަޢީދު "ދިވެހިރާއްޖެ-ޔޫކޭ ބިޒްނަސް ފޯރަމް 2025"ގައި

ފަރުދުން
24 ޖުލައި 2025، 02:47
24 ޖުލައި 2025، 02:47
ދިވެހިރާއްޖެއާއި ޔުނައިޓެޑް ކިންގްޑަމްއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށްޓަކައި ވެސްޓް ލަންޑަން ޗެމްބަރ އޮފް ކޮމާސް (ޑަބްލިޔު.އެލް.ސީ.ސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ލަންޑަންގައި ބޭއްވުނު "ދިވެހިރާއްޖެ-ޔޫކޭ ބިޒްނަސް ފޯރަމް 2025" ގެ ތެރެއިންނެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ވިޔަފާރި އަދި އިންވެސްޓްމަންޓް ތަރައްޤީކުރުމުގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމަށް އޮނިގަނޑެއް ޤާއިމްކޮށް، ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރޭވިފައިވާކަމަށެވެ. މި ބައިވެރިވުމުގެ ދަށުން ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ދެފަރާތުގެ ވިޔަފާރި މިޝަންތަކާއި އިންވެސްޓްމަންޓް ކުރިއެރުވުމުގެ ޙަރަކާތްތައް އެކުގައި ފަސޭހަކޮށްދިނުން ހިމެނެއެވެ. އަދި މާކެޓަށް ވަނުމުގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ދެނެގަނެ ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މައުރަޒުތަކާއި ވިޔަފާރިތަކާއި ގުޅުން ހުރި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން ވިޔަފާރި ގުޅުވައިދިނުމުގެ މަސައްކަތްތަކާއި އިންވެސްޓްމަންޓް ކުރިއެރުވުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ޖޮއިންޓް ބިޒްނަސް ކައުންސިލްއެއް ޤާއިމްކޮށްފައިވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުޅާ އިޤްތިޞާދީ އެޖެންޑާއަށް ސީދާ ގޮތެއްގައި ދެވޭ އެހީތެރިކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެފައި ވެއެވެ. އެއީ ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ތަފާތުކުރުން ހާސިލުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ގުޅުންތަކާއި އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން، ދިގު މުއްދަތަކަށް ދެމިގެންދާނެ އިޤްތިޞާދީ ފުދުންތެރިކަމެއް ބިނާކުރުން ކަމަށްވެސް ވިދާޅުވިއެވެ.
17 ޖުލައި 2025 ގައި ސޮއިކުރެވުނު މި އެމް.އޯ.ޔޫ އަށް ޢަމަލުކުރެވޭނީ ފުރަތަމަ 3 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ އިތުރަށް އައުކުރުމުގެ ފުރުޞަތު ލިބިގެންވާކަމަށާއި، މި އެއްބަސްވުމުގައި ހިމެނެނީ އެއްބާރުލުމުގެ މަސައްކަތްތައް ޢަމަލީ ގޮތުން ތަންފީޛުކުރެވޭ މިންވަރު ވަޒަންކުރުމަށާއި، އެ މަސައްކަތްތަކުގެ ފެންވަރު މުސްތަޤުބަލުގައިވެސް އަބަދުމެ ރަނގަޅުކުރަމުން ގެންދިއުމަށްޓަކައި، މުރާޖަޢާކުރުމުގެ ހަރުދަނާ ނިޒާމުތަކާއި ގަވާއިދުތައްކަން ވިޔަފާރިއާއިބެހޭ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.