ދުނިޔެ
ރަޝިއާގެ ބޯޓެއް ވެއްޓި ދަތުރުކުރި އެންމެން މަރުވެއްޖެ

ރަޝިއާގައި ވެއްޓުނު ބޯޓްގެ ބައެއް
ރަޝިޔާގެ އިރުމަތީގައި ރާޑަރުން ގެއްލިފައިވާ އަންތޮނޮވް-24 ބޯޓާއި ބޯޓުން ދަތުރުކުރިމީހުންގެ އަނދާފައިވާ ހަށިގަނޑު، އެ ޤައުމުގެ ކުއްލި ހާލަތްތަކާ ބެހޭ ޓީމުތަކުން ބުރާސްފަތި ދުވަހު ހޯދާފައިވާކަމަށް ރަޝިޔާގެ އޮފިޝަލުން ބުނެފިއެވެ.
ރަޝިޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ރޮސަވިއޭޝިޔާ) ގެ އެމްއައި-8 ހެލިކޮޕްޓަރަކަށް ބޯޓާއި ބޯޓުން ދަތުރުކުރި މީހުންގެ އަނދާފައިވާ ހަށިގަނޑު ފެނިފައިވާކަމަށް، ރަޝިޔާގެ އިމަރޖެންސީ މިނިސްޓްރީން ޓެލެގްރާމް މެދުވެރިކޮށް ކަށަވަރުކޮށްދީފައިވެއެވެ.
ޗައިނާގެ ބޯޑަރާ ކައިރިން އެއާރ ޓްރެފިކް ކޮންޓްރޯލަރުންނާ ބޯޓާ ދެމެދު ގުޅުން ކެނޑިފައިވަނީ، އެންގަރާ އެއާރލައިންސް އިން އޮޕަރޭޓްކުރި މި ބޯޓު، ޗައިނާ ބޯޑަރާ ކައިރީގައިވާ ބްލަގޮވެޝްޗެންސްކް އިން ޓިންޑާގެ މިހާރަށް ދަތުރުކުރަމުން ދަނިކޮށެވެ.
އަމޫރު ސަރަހައްދުގެ ގަވަރުނަރު ވަސީލީ އޮރްލޯވް ވިދާޅުވީ، މި ބޯޓުގައި 43 ފަސިންޖަރުން ދަތުރުކުރިކަމަށާއި، އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭކަމަށެވެ. އަދި ހަތަރު ފަޅުވެރިންނާއެކު ޖުމްލަ 47 މީހުން މި ބޯޓުގައި ތިބިކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
އޮރްލޯވް ޓެލެގްރާމްގައި ލިޔުއްވާފައިވަނީ "ބޯޓު ހޯދުމަށް ބޭނުންވާ ހުރިހާ ބާރުތަކާއި ވަސީލަތްތައް ހަރަކާތްތެރިކޮށްފައިވާ" ކަމަށެވެ.
ބޯޓު ގެއްލުނުކަމުގެ ރިޕޯޓު ލިބުނުތާ މާގިނައިރުތަކެއް ނުވެ، ކުއްލި ހާލަތްތަކާ ބެހޭ ޓީމުތަކުން ވަނީ ފުޅާ ދާއިރާއެއްގައި ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ. ސަލާމަތީ މަސައްކަތްތައް ކުރިއަށްދާ ވަރަކަށް އިތުރު މައުލޫމާތުތައް ލިބޭނެކަމަށް ބެލެވެއެވެ.