ޚަބަރު
ރައީސް، މިލަދުންމަޑުލު ދެކުނުބުރީގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މިލަދުންމަޑުލު ދެކުނުބުރީގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވަލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ މާލެއަށް ވަޑައިގަތުން

ފަރުދުން
24 ޖުލައި 2025، 01:02
24 ޖުލައި 2025، 01:02
މިލަދުންމަޑުލު ދެކުނުބުރީގެ އަތޮޅުތަކަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙަައްމަދު މުޢިއްޒު އަނބުރާ މާލެއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އެ ސަރަހައްދުގެ މީހުން ދިރިއުޅޭ 13 ރަށްރަށަށް ވަޑައިގެންފައެވެ. ކޮންމެ ރަށެއްގެ ކައުންސިލްއާއި، އަންހެނުންގެ ތަރައްޤީގެ ކޮމިޓީތަކާއި، ރަށު މުއައްސަސާތަކުގެ ވެރިންނާއިއެކު ރައީސް ވަނީ ރަށުގެ ރައްޔިތުން ބޭނުންވާ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތަކުގެ އަދާހަމަތައް ގުޅުންހުރި ވުޒާރާގެ ވަފްދު މެދުވެރިކޮށް ޙިއްޞާ ކުރައްވާފައިވެ އެވެ.
މި ރަސްމީ ދަތުރުގައި ސަރުކާރުން ވަނީ މިލަދުންމަޑުލު ދެކުނުބުރީގެ އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒު ތަަަރައްޤީކުރުމާއި ފިޓްނަސް ސެންޓަރުތަކާއި ޕޮލިސް ސްޓޭޝަންތަކުގެ ބިންގާ އަޅާފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތައް ވެސް ފަށާފައިވެ އެވެ.
މީގެ އިތުރުންވެސް، ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ސަރުކާރުން އަތޮޅުތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މުޙިންމު ބައެއް މަޝްރޫޢުތައް ވެސް އިޢުލާންކުރައްވާފައެވެ. އޭގެ ތެރޭގައި ވެލިދޫ ސީޕްލޭން ޕްލެޓްފޯމްގެ މަސައްކަތުގެ ވާހަކަވެސް ހިމެނެއެވެ. އެއާއެކު، ރަށްރަށަށް ސްކޫލްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވައިގެން ކުރައްވަން އެކަށައަޅުއްވާފައިވާ ބައެއް މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފައްޓަވައިދެއްވާފައިވެ އެވެ.
މިލަދުންމަޑުލު ދެކުނުބުރީގެ އަތޮޅުތަކަށް ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގަތީ ހޯމަ ދުވަހުގެ ވަގުތެއްގައެވެެ. މި ދަތުރުފުޅުގައި ރައީސް ވަނީ ނ. އަތޮޅު ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެެވެ.