ދުނިޔެ

ޤައުމުތަކުގެ އިސްވެރިންނާއެކު އެޑިޓްކޮށްފައިވާ ފޮޓޯތަކާއި ފައިސާއާއެކު ފޭކް އެމްބަސީ ހިންގި މީހަކު ހައްޔަރަށް

ޤައުމުތަކުގެ އިސްވެރިންނާއެކު އެޑިޓްކޮށްފައިވާ ފޮޓޯތަކާއި ފައިސާއާއެކު ފޭކް އެމްބަސީ ހިންގި މީހަކު ހައްޔަރަށް

އެމްބަސީ އުފެއްދި ހަރްސްވާދަން ޖެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖުލައި 2025، 11:59

24 ޖުލައި 2025، 11:59

އިންޑިއާގެ ވެރިރަށް ދިއްލީ ކައިރި ޣާޒިޔާބާދުގައި ފޭކް އެމްބަސީއެއް ހިންގި މައްސަލައެއް ފަޅާއަރައި، މިކަމުގެ މައި ކުށްވެރިޔާ ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިއެވެ. އުއްތަރު ޕްރަދޭޝް ސްޕެޝަލް ޓާސްކް ފޯސް (އެސް.ޓީ.އެފް) އިން ވަނީ މި އޮޕަރޭޝަން ހިންގާ، އެތަނުން ޑިޕްލޮމެޓިކް ނަންބަރު ޕްލޭޓް ޖަހާފައިވާ އުޅަނދުތަކާއި، ފޭކް ޑިޕްލޮމެޓިކް ޕާސްޕޯޓުތަކާއި، ސަރުކާރުގެ އިސްވެރިންނާއެކު އެޑިޓްކޮށްފައިވާ ފޮޓޯތަކާއި، ބޭރު ފައިސާ ފަދަ ތަކެތި ހޯދާފައެވެ. މިތަން ބޭނުންކޮށްފައިވަނީ ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނެގުމަށާއި، ފައިސާ ދޮވުމުގެ ނެޓްވޯކެއްގެ ގޮތުގައެވެ.

މި މައްސަލައިގެ މައި ކުށްވެރިޔާ ކަމަށް ތުހުމަތު ކުރެވޭ ހަރްސްވާދަން ޖެއިން ވަނީ ޣާޒިޔާބާދުގައި ހުންނަ ކަވީ ނަގަރު ސަރަހައްދުގެ ދެ ބުރީގެ ލަގްޒަރީ އިމާރާތެއް ކުއްޔަށް ނަގައި، އެތަން "ވެސްޓާޓިކާ" ގެ އެމްބަސީގެ ގޮތުގައި ހިންގާފައެވެ. ވެސްޓާޓިކާއަކީ އެއްވެސް ދައުލަތަކުން ގަބޫލުނުކުރާ، އެމެރިކާގެ ނޭވީ އޮފިސަރެއްގެ ފަރާތުން އުފެދިފައިވާ "މައިކްރޯނޭޝަން" އެކެވެ. 

ޖެއިން ވަނީ މިފަދަ އެކަށީގެންނުވާ އެހެން ދައުލަތްތައް ކަމަށްވާ ސެބޯރގާ، ޕޯލްވިޔާ، އަދި ލޮޑޯނިޔާ ފަދަ ތަންތަނުގެ ކޮންސުލް ނުވަތަ އެމްބަސަޑަރެއްގެ ގޮތުގައި ވެސް އޭނާ ހަރަކާތްތެރިވެފައިވާ ކަމަށް ބުނެ، އޭނާގެ ފޭކް ޑިޕްލޮމެޓިކް ނެޓްވޯކް އިތުރަށް ފުޅާކޮށްފައެވެ.

އެސް.ޓީ.އެފް އިން ހިންގި މި އޮޕަރޭޝަނުން ގިނަ އަދަދެއްގެ މުދާ ހޯދާފައިވެއެވެ. މިގޮތުން 44.7 ލައްކަ ރުފިޔާ (192,210 ދިރުހަމް) ފައިސާއާއި، އެކި ގައުމުތަކުގެ ބޭރު ފައިސާއާއި، މި ހީވެސް ނުކުރާ ދައުލަތްތަކުން ކަމަށް ބުނެ ނެރެފައިވާ 12 ފޭކް ޑިޕްލޮމެޓިކް ޕާސްޕޯޓާއި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ފޭކް ސިއްކަތައް ޖަހާފައިވާ އޮޅުވާލާފައިވާ ލިޔެކިޔުންތައް ހިމެނެއެވެ. 

މީގެ އިތުރުން ދެ ފޭކް ޕެން ކާޑާއި، އެކި ގައުމުތަކާއި ކުންފުނިތަކުގެ 34 ނަކަލު ސިއްކައާއި، ދެ ފޭކް ޕްރެސް ކާޑާއި، މީހުން އޮޅުވާލުމަށްޓަކައި ބޭނުންކޮށްފައިވާ ކުންފުނީގެ ރެކޯޑުތައް ވެސް ވަނީ އަތުލާފައެވެ. ޑިޕްލޮމެޓިކް ނަންބަރު ޕްލޭޓް ޖަހާފައިވާ ހަތަރު އުޅަނދު ވެސް މި އޮޕަރޭޝަނުގައި ވަނީ ހޯދާފައެވެ.

ޖެއިންގެ ހަރަކާތްތަކާ ބެހޭ ގޮތުން ކުރެވުނު ތަހުގީގުތަކުން ދައްކާ ގޮތުގައި، އޭނާ ވަނީ މިފަދަ މަކަރާއި ހީލަތުން ހިންގާ ޑިޕްލޮމެޓިކް ޗެނަލްތައް ބޭނުންކޮށްގެން ބޭރު ގައުމުތަކުން ވަޒީފާ ހޯދައިދޭނެ ކަމުގެ ދޮގު ވަޢުދުވެ، ގިނަ އަދަދެއްގެ ބަޔަކަށް އޮޅުވާލާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން، ޝެލް ކުންފުނިތަކެއް މެދުވެރިކޮށް، ފައިސާ ދޮވުމުގެ ބޮޑު ނެޓްވޯކެއްގައި ވެސް އޭނާ ބައިވެރިވެފައިވާ ކަމަށް ޝައްކުކުރެވެއެވެ. 

ތަހުގީގުން އިތުރަށް ފަޅާއަރާފައިވާ ގޮތުގައި، ޖެއިންއަށް ކުރިން ޗަންދްރަސްވާމީ އަދި ބައިނަލްއަގްވާމީ ހަތިޔާރު ވިޔަފާރިވެރިއެއް ކަމަށްވާ އަދުނާން ކަގޯޝީ ފަދަ ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅުން އޮވެއެވެ. މީގެ ކުރިން 2011 ވަނަ އަހަރު ޖެއިންގެ އަތުން ގާނޫނާ ހިލާފު ސެޓެލައިޓް ފޯނު ހޯދާފައިވާއިރު، އެ މައްސަލަ ކަވީ ނަގަރު ފުލުހުންގެ މަރުކަޒުގައި ރެޖިސްޓްރީކޮށްފައި ވެއެވެ.


                    

                    

Ads by MSS

މި ލިޔުން ކިޔާލުމުން