ދީން

މައްކާގައި ބާވާލެއްވުނު މަދަނީ އާޔަތެއް، ގެފުޅުގެ ތަޅުދަނޑީގެ ވާހަކަ

މައްކާގައި ބާވާލެއްވުނު މަދަނީ އާޔަތެއް، ގެފުޅުގެ ތަޅުދަނޑީގެ ވާހަކަ

ގެފުޅުގެ ތަޅުދަނޑި.

farudhun logo

ފަރުދުން

24 ޖުލައި 2025، 11:22

24 ޖުލައި 2025، 11:22

بسم الله الرحمن الرحيم

ކީރިތި ޤުރުއާނުގައި މައްކީ އަދި މަދަނީ އާޔަތްތަކެއް ހުންނަ ކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި، މައްކީ އާޔަތްތަކަކީ މައްކާގައި ބާވާލެއްވުނު އާޔަތްތަކެވެ. އަދި މަދަނީ އާޔަތްތަކަކީ މަދީނާގައި ބާވާލެއްވުނު އާޔަތްތަކެވެ. ނަމަވެސް، ޤުރުއާނުގެ ޢިލްމުވެރިންގެ މަޝްހޫރު އިޞްޠިލާޙުގައި މައްކީ އަދި މަދަނީ އާޔަތްތަކުގެ މަފުހޫމަކީ އެއީ އެއް ނޫނެވެ. އެހެނަސް، ޤުރުއާނުގެ ޢިލްމުވެރިންގެ އަރިހުގައި، މައްކީ އާޔަތްތަކަކީ، ހިޖުރައިގެ ދަތުރުމަތި ހިމެނޭހެން، ކީރިތި ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ކުރިން ބާވާލެއްވުނު އާޔަތްތަކެވެ. އަދި މަދަނީ އާޔަތްތަކަކީ، ހިޖުރައަށް ފަހު ބާވާލެއްވުނު އާޔަތްތަކެވެ. މިތަޢުރީފުގެ މައްޗަށް ބިނާކޮށް، ކީރިތި ރަސޫލާ صلى الله عليه وسلم ހިޖުރައިގެ ފަހުގައި މައްކާ އަށް ވަޑައިގެން ހުންނެވި ވަޤުތުތަކުގައި ބާވާލެއްވުނު އާޔަތްތަކަކީ މަދަނީ އާޔަތްތަކެކެވެ.

މިކަމުގެ އެންމެ މަޝްހޫރު މިޘާލަކީ ގެފުޅުގެ ތަޅުދަނޑީގެ ވާހަކައެވެ. އެއީ އައްނިސާ ސޫރަތުގެ 58 ވަނަ އާޔަތުގައިވާ ވާހަކައެވެ. ތަފްސީރުތަކުގައި ވާ ގޮތުން، ކީރިތި ރަސޫލާ صلى الله عليه وسلم މައްކާ ފަތަޙަ ކުރެއްވުމަށް ފަހު، ގެފުޅުގެ ތަޅުދަނޑިކޮޅަށް އަމުރުދެއްވިއެވެ. އެއިރު ގެފުޅުގެ ތަޅުދަނޑި ބެލެހެއްޓެވީ ޢުޘްމާނު ބުނު ޠަލްޙާ ކިޔާ ބޭކަލެކެވެ. މިކަލޭގެފާނު އެއިރު އަދި އިސްލާމްވެވަޑައި ނުގަންނަވާ ކަމަށް ބައެއް ރިވާޔަތްތަކުގައި ވެއެވެ. ކޮންމެއަކަސް، ރަސޫލުﷲ صلى الله عليه وسلم މިކަލޭގެފާނުގެ ގާތުން ގެފުޅުގެ ތަޅުދަނޑި އަށް އެދިވަޑައިގެންނެވިއެވެ. އެހިނދު ޢުޘްމާނު ބުނު ޠަލްޙާ ތަޅުދަނޑި ދެއްވުމަށް އިންކާރުކުރައްވައި ވިދާޅުވިއެވެ: "އެކަލޭގެފާނަކީ ﷲގެ ރަސޫލާ ކަމަށް ތިމަންކަލޭގެފާނު ޤަބޫލުކުރައްވާ ނަމަ، މިތަޅުދަނޑި ދެއްވީމުހެވެ." އެހިނދު، ޢަލީގެފާނު ގަދަބާރުފުޅުން އެތަޅުދަނޑި ނަންގަވައި، ގެފުޅުގެ ދޮރުކޮޅު ހުޅުއްވިއެވެ. ދެން، ކީރިތި މާތް ރަސޫލާ صلى الله عليه وسلم ގެފުޅަށް ވަދެވަޑައިގެން، 2 ރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ. ނަމާދުކުރެއްވުމަށްފަހު ގެފުޅުން ނުކުމެވަޑައިގެން، ކީރިތި ރަސޫލާ صلى الله عليه وسلم ޢަލީގެފާނަށް އަމުރުކުރެއްވީ، ޢުޘްމާނު ބުނު ޠަލްޙާގެ ކިބައަށް ތަޅުދަނޑި ރައްދުކުރައްވައި، ޢަލީގެފާނުގެ ޢަމަލަށް މަޢާފަށް އެދިވަޑައިގަތުމަށެވެ. މިއަމުރުފުޅު ކިރިތި ރަސޫލާ صلى الله عليه وسلم  ދެއްވީ، އައްނިސާ ސޫރަތުގެ 58 ވަނަ އާޔަތް އެވަޤުތު ބާވާލެއްވުމުގެ ސަބަބުންނެވެ.

އެއާޔަތް:

إِنَّ اللهَ يأمُرُكُم أنْ تُؤَدُّوا الأَمانَاتِ إلَى أهْلِهَا وإِذَا حَكَمْتُمْ بَينَ النّاسِ أَنْ تَحْكُمُوا بِالْعَدْلِ إِنَّ اللهَ نِعِمَّا يَعِظُكُمْ بِهِ إِنَّ اللَّهَ كانَ سَمِيعًا بَصِيرًا

އާޔަތުގެ މާނަ:

ހަމަކަށަވަރުން، އަމާނަތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާނަމަ، ޢަދުލަށް ޙުކުމް ކުރުމަށް ވެސް، އަމުރު ކުރައްވަތެވެ. ހަމަކަށަވަރުން، ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވާ ކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވޮޑިގެންވިއެވެ.

ކޮންމެއަކަސް، ރަސޫލުﷲ صلى الله عليه وسلم ގެ އަމުރުފުޅާ އެއްގޮތަށް، ޢަލީގެފާނު ވަޑައިގެން ޢުޘްމާނު ބުނު ޠަލްޙާއަށް ތަޅުދަނޑި ރައްދުކުރައްވައި، މަޢާފަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ޢުޘްމާނު ބުނު ޠަލްޙާ ޢަލީގެފާނަށް މަޢާފެއް ނުދެއްވިއެވެ. އެހިނދު ޢަލީގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން، ކަލޭގެފާނުގެ ޙައްޤުގައި މާތް ﷲ ޤުރުއާނުގެ އާޔަތެއް ބާވާލައްވައިފިއެވެ." އެއަށްފަހު، ޢަލީގެފާނު އެއާޔަތް ކިޔަވައި ވިދާޅުވިއެވެ. އެހިނދު ޢުޘްމާނު ބުނު ޠަލްޙާ ޝަހާދަތުގެ ދެކަލިމަ ކިޔައި، އިސްލާމްވެއްޖެއެވެ.

ދެން ފަހެ، މިއަދާ ހަމައަށް ވެސް ގެފުޅުގެ ތަޅުދަނޑި ބަލަހަށްޓަވަމުން ގެންދަވަނީ ޢުޘްމާނު ބުނު ޠަލްޙާ ގެ ޢާއިލާގެ ދަރިފަސްކޮޅުގެ ބޭފުޅުންނެވެ. އެންމެ ފަހުން ތަޅުދަނޑި ބަލަހައްޓަވަމުން ގެންދެވި ޞާލިޙް އައްޝައިބީ މިދިޔަ އަހަރުގެ ޖޫން މަހު އަވަހާރަވުމުން، މިހާރު އެތަޅުދަނޑި ބަލަހައްޓަވަނީ ތަޅުދަނޑީގެ 109 ވަނަ ބެލެނިވެރިޔާ ކަމުގައި ވާ ޢަބްދުލްވައްހާބު އައްޝައިބީ އެވެ.

މައްކާގައި ބާވާލެއްވުނު މަދަނީ އާޔަތެއް، ގެފުޅުގެ ތަޅުދަނޑީގެ ވާހަކަ

މީލާދީން 2024 ވަނަ އަހަރު އަވަހާރަވި ޞާލިޙް އައްޝައިބީ = ގެފުޅުގެ ތަޅުދަނޑީގެ ކުރީގެ ބެލެނިވެރިޔާ

މައްކާގައި ބާވާލެއްވުނު މަދަނީ އާޔަތެއް، ގެފުޅުގެ ތަޅުދަނޑީގެ ވާހަކަ

ގެފުޅުގެ ތަޅުދަނޑީގެ މިހާރުގެ ބެލެނިވެރިޔާ -ޢަބްދުލްވައްހާބް އައްޝައިބީ- އާ ރަސްމީކޮށް ތަޅުދަނޑި ޙަވާލުކުރެއްވުން

މައްކާގައި ބާވާލެއްވުނު މަދަނީ އަނެއް އާޔަތަކީ، ޙައްޖަތުލް ވަދާޢުގައި، ހުކުރު ދުވަހެއްގައި، ޢަރަފާތުބިމުގައި ބާވާލެއްވުނު، އަލްމާއިދާ ސޫރަތުގެ 3 ވަނަ އާޔަތުގައިވާ ބަސްފުޅެވެ:

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْأِسْلامَ دِينًا

މިބަސްފުޅުގެ މާނަ:

މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމުއެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފީމުއެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމުއެވެ.

والله أعلَم.

މި ލިޔުން ކިޔާލުމުން