Ads by Stelco

ޚަބަރު

މި ސަރުކާރުން ޅޮހީގެ ދިގު ލިސްޓު ކުރުކޮށްދީ، އެއްކޮން ނިންމާދޭނަން: ރައީސް

މި ސަރުކާރުން ޅޮހީގެ ދިގު ލިސްޓު ކުރުކޮށްދީ، އެއްކޮން ނިންމާދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ނ.ޅޮހީ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ- ރައީސް އޮފީސް

farudhun logo

ފަރުދުން

24 ޖުލައި 2025، 10:53

24 ޖުލައި 2025، 10:53

މި ސަރުކާރުން ޅޮހީގެ ތަރައްޤީގެ މަޝްރޫޫޢުތަކުގެ ތެރެއިން ކުރިއަށް ނުގޮސް ހުއްޓިފައިއޮތް ދިގު ލިސްޓު ކުރުކޮށްދީ، އެއްކޮން ނިންމަވާ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރަށަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ ރަށު ކައުންސިލުން ހިއްސާކުރެއްވި ދިގު ލިސްޓަކީ ކުރިން އަޅާނުލެވި ދޫކޮށްލެވިފައިވާ ކަމުގެ ހެއްކެއް ކަމަށާއި، އެހެންނަމަވެސް އެކަންކަމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމަށް ދެކި ހުރިހާ ކަމެއްވެސް ރައްޔިތުން އެދޭފަދައިން ނިންމަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުން ރަށުގެ ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރައްޔިތުންނާއި ކައުންސިލުން އެދިވަޑައިގަންނަވާ ގޮތައް، އޮޑިއެހެލާ ސަރަހައްދަކާއެކީގައި ދިގު މުއްދަތަކަށް ބޭނުންކުރެވޭނެގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޅޮހީ ސްކޫލަށް ޢުމްރާނީ ތަރައްޤީ ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އެހެންކަމުން އަންނަ އަހަރު ތެރޭގައި ޅޮހީ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެކަށީގެންވާ ފެންވަރުގެ އިމާރާތެއް، އެންމެ ފުރިހަމަ ޚިދުމްތަތްތަކާއެކު ޤާއިމްކޮށްދޭނެ ކަމަށް ރައިސް ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު މި މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމައި ދިނުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ވަނީ ސިއްޙީ ދާއިރާގައި ހުރި ގޮންޖެހުންތަކަށްވެސް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ލެބޯރަޓަރީ އެއް ހުރިހާ ޚިދުމަތްތަކާއެކު ޤާއިމް ކުރުމާއި ޖާގައިގެ ދަތިކަން ހައްލުކުރުމާއި، މުވައްޒަފުންގެ ދަތިކަން ހައްލުކޮށްދިނުމުގެ މަސައްކަތްތައް މިއަހަރުތެރޭ ކޮންޓްރެކްޓަރާއި ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ކުޅިވަރު ދާއިރާއަކީ މިސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވާ ދާއިރާއެއްކަމުން ލައިޓް ހަރުކުރުމާއެކު، ފުޓްސަލް ދަނޑަކާއި ރަނގަޅު ފެންވަރުގެ ވޮލީކޯޓެއް ޤާއިމްކޮށްދެއްވާނެ ކަމަށެވެ. ހަމައެއާއެކު ކުޑަކުދިންގެ ޕާކު ހެދުމުގެ މަޝްރޫޢުގެ ދަށުން ޅޮހީގައިވެސް ކުޑަކުދިންގެ ޕާކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ ބަނދަރުގެ މަސައްކަތްކުރާ ކޮންޓްރެކްޓުންނާއި ކަމާބެހޭ ފަރާތްތަކަށް ޅޮހީގައި ރިންގްރޯޑެއް ޤާއިމް ކުރުމަށް އަންގަވާފައިވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރަށުގެ ތަރައްޤީއަށާއި ލޯކަލް ޓުއަރިޒަމްއަށް ބޮޑެތި ފައިދާތަކެއް ވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި އާބާދީއަށް ބެލުމެއްނެތި ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދާނެކަމަށެވެ. 

 ޅޮއްސަކީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 13ވަނަ ރަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަޑައިގަންނަވާ އެންމެ ފަހު ރަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން