ދުނިޔެ
އެއަރ އިންޑިއާ ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑު ބަދަލުވެ، ދެ އާއިލާއަކަށް އެހެންބައެއްގެ ހަށިގަނޑު ލިބިއްޖެ

އެއަރ އިންޑިއާ ވެއްޓުނު ހާދިސާ
ޖޫން 12 ގައި ހިނގި އެއަރ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑު ބަދަލުވެ، ޔޫނައިޓެޑް ކިންގްޑަމް (ޔޫކޭ) ގައި ދިރިއުޅޭ ދެ އާއިލާއަށް ގޯސް ހަށިގަނޑު ލިބިފައިވާ ކަމަށް ހާދިސާގައި އަސަރު ކުރި އާއިލާތަކުގެ ފަރާތުން ވަކާލާތު ކުރާ ވަކީލަކު ދައުވާކޮށްފިއެވެ. މިކަމާ ގުޅިގެން ޔޫކޭއާއި އިންޑިއާގައި މަތީ ފެންވަރުގެ ތަހުގީގުތައް މިހާރު ވަނީ ފަށާފައެވެ.
އެއަރ އިންޑިއާގެ ފްލައިޓް AI171 އަކީ އަޙްމަދާބާދުން ގެޓްވިކަށް ދަތުރުކުރަމުން ދަނިކޮށް ޖޫން 12 ގައި ވެއްޓުނު ބޯޓެކެވެ. މި ހާދިސާގައި ބޯޓުގައި ތިބި 241 މީހުން މަރުވިއިރު، އޭގެ ތެރޭގައި 53 ބްރިޓިޝް ރައްޔިތުން ހިމެނެއެވެ.
ލިބިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ހަށިގަނޑުތައް ފޮނުވާފައިވަނީ އަޙްމަދާބާދުގައި ހުންނަ ސަރުކާރު ހޮސްޕިޓަލަކުން ބަންދު ކުރެވިފައިވާ ފޮށިތަކުގައެވެ. މި މައްސަލައިގައި އެއަރ އިންޑިއާއަށް އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވަނީ ބުނެފައެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، މަރުވި މީހުންގެ ނަންބޯޑު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގާއިމުކުރެވިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ހަށިގަނޑުތަކަށް އިހުތިރާމާއެކު މުއާމަލާތްކޮށްފައިވާނެ ކަމަށެވެ.
މި ކަން އެނގިފައިވަނީ ލަންޑަންގައި މަރުވި މީހުންގެ ހަށިގަނޑުން ނެގި ޑީއެންއޭ، އެމީހުންގެ އާއިލާތަކުގެ ޑީއެންއޭއާ މެޗުކުރަން މަސައްކަތްކުރުމުންނެވެ. މި ގޯހުގެ ސަބަބުން އެއް އާއިލާއަކުން އެމީހުންގެ މައްޔިތާގެ ޖަނާޒާގެ ކަންކަން ހުއްޓާލަން ޖެހުނެވެ. އަނެއް މައްސަލައިގައި ވަކީލު ހާމަކުރެއްވި ގޮތުގައި، ދެވަނަ އާއިލާއަށް ލިބުނު ފޮށި ތެރެއިން ތަފާތުދެ މީހުންގެ ހަށިގަނޑު އެއްކޮށް ލިބިފައިވާތީ، މޫނު ދެނެގަތުމުގެ ކުރިން އެމީހުންނަށް ހަށިގަނޑު ވަކިކުރަން ޖެހުނެވެ.
މި ސީރިއަސް މައްސަލައާ ގުޅިގެން ޔޫކޭގެ ބޮޑުވަޒީރު ކީއާ ސްޓާރމަރ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ހަފުތާގެ ފަހުކޮޅު ޔޫކޭއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މި މައްސަލަ ފާހަގަކުރައްވާނެ ކަމަށް ލަފާކުރެވެއެވެ.