ވިޔަފާރި / ޚަބަރު
މިފްކޯއިން 34 ދޯންޏަކަށް 1.4 މިލިއަން ރުފިޔާ ދޫކޮށްފި

އެންމެ ފަހު މަސްވެރިންގެ ދުވަހުން ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭގައި ފައިސާ ދައްކާ އުސޫލެއް މި ސަރުކާރުން ތަޢާރަފްކޮށްފައިވެ އެވެ.

ފަރުދުން
23 ޖުލައި 2025، 02:29
23 ޖުލައި 2025، 02:29
މިފްކޯއިން މަސްވެރިންނަށް 1.4 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯ އިން މިއަދު ޢާންމުކުރި މަޢުލޫމާތުގައިވާ ގޮތުގައި އެކުންފުނިން މި އަދަދުގެ ފައިސާ ދޫކޮށްފައިވަނީ ހޯމަ ދުވަހުގައި 34 ދޯންޏަކުން ކިރުވި މަހަށެވެ. އެގޮތުން މިފްކޯއިން ވަނީ މަސްވެރިންނަށް ޖުމްލަ 1،475،754 ރުފިޔާ މިއަދު ދޫކޮށްފައެވެ.
މަސްވެރިންނަށް މި އަދަދު މިއަދުގައި ދައްކާފައިވާއިރު އިއްޔެ އެކުންފުނިން ވަނީ 21 ދޯންޏަކަށް 1،140،979 ރުފިޔާ ދޫކޮށްފައެވެ. އެއީ އާދީއްތަ ދުވަހުގައި މި 21 ދޯނިން ކިރުވި މަަހަށް ދޫކުރި ފައިސާ ކަމަށް މިފްކޯއިން ޢާންމުކުރި ރިޕޯޓްގައިވެ އެވެ.
މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފަށައިގެން މިފްކޯ އިން އަންނަނީ މި ވަޢުދު ފުއްދުމަށްޓަކައި، މަސްވެރިން ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުންނެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް މަސްވެރިކަން ހެދުން ކަމަށްވާއިރު، މި ސިނާޢަތަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.