ދީން
ދަރިފުޅަށް ވުރެ ބައްޕަ ހަގު!!

ވިސްނާލަމާ.

ފަރުދުން
23 ޖުލައި 2025، 11:21
23 ޖުލައި 2025، 11:21
ބަފައަކަށް ވުރެ ދަރިއަކު ދޮށީވުމަކީ ޢާންމު ޙާލަތުގައި މުސްތަޙީލު ކަމެކެވެ. ސަބަބަކީ، ދަރިއަކު އުފަން ވަނީ ބައްޕައަކު މެދުވެރިވެގެންނެވެ. ވީމާ، މިކަން ޙާޞިލުވުމަށްޓަކައި ދަރިފުޅަށް ވުރެ ކުރިން ބައްޕަ މީހާ ވުޖޫދަށް އަންނަން ޖެހެއެވެ. ނަމަވެސް، ބައްޕަ އަށް ވުރެ ކުރިން ދަރިފުޅު ވުޖޫދަށް އައިސްގެން ނޫނީ ބައްޕައަށް ވުރެ ދަރިފުޅު ދޮށްޓެއް ނުވާނެއެވެ. ބައްޕައާއި ދަރިފުޅާއި ދެމީހުން ވެސް އެކަކު އަނެކަކަށް ވުރެ ކުރިން އުފަން ވުމަކީ ހަމަ ޔަޤީނުން ވެސް ފުށުއެރުމެކެވެ. ވީމާ، މިކަމަކީ މުސްތަޙީލު ކަމެއް ކަން ހަމަ ބުއްދި ޤަބޫލު ކުރެއެވެ. ނަމަވެސް، މިފުށުއެރުން ކުރިމަތި ނުވެ، ބައްޕަ އަށް ވުރެ ފަހުން އުފަން ވެފައިވާ ދަރިއަކު، ބައްޕައަށް ވުރެ ޢުމުރުން ދޮށީ ވެފައިވާ ވާހަކައެއް ތާރީޚުގެ ޞަފުޙާތަކުގައި ވެއެވެ.
މިއީ ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ މުޢުޖިޒާތެކެެވެ. އިހުގެ ދަންނަ ބޭކަލުން މިވާހަކަ އަރަތަކަށް ހައްދަވައިގެން ވެސް ކިޔުއްވައި އުޅުއްވިއެވެ. އާދެ، މިއީ އަލްބަޤަރާ ސޫރަތުގައި ވާ ޢުޒައިރުގެ ފާނުގެ ވާހަކައެވެ. އެސޫރަތުގެ 259 ވަނަ އާޔަތުގެ މާނައިގައި ވެއެވެ:
ނުވަތަ، ހިޔާވަހިކަންދޭ ފުރާޅުތަކާއި ޢިމާރާތްތައް ވެއްޓި ފަޅުވެފައިވާ ރަށެއްގެ ކައިރިންލާފައި ވަޑައިގަތް ބޭކަލެއްގެ ވާހަކައާ މެދު (ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟) އެކަލޭގެފާނު ވިދާޅުވިއެވެ. "މިރަށް މަރުވުމަށްފަހު، (އެބަހީ: ފަޅުވެ ވީރާނާ ވުމަށްފަހު) ﷲ، އަލުން މިރަށް ދިރުއްވާނީ ކޮންފަދައަކުން ހެއްޔެވެ؟" ދެން، ﷲ، ސަތޭކަ އަހަރަށް، އެކަލޭގެފާނު މަރުގެންނެވިއެވެ. ދެން އަލުން އެކަލޭގެފާނު ދިރުއްވައި ޙަޔާތަށް ފޮނުއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. "ކަލޭގެފާނު އޮންނެވީ ކޮން މުއްދަތަކަށް ތޯއެވެ؟" އެކަލޭގެފާނު ދެންނެވިއެވެ. "ތިމަންއަޅާ އޮތީ އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހަކުން ބަޔެއްގައެވެ." އެކަލާނގެ ވަޙީ ކުރެއްވިއެވެ. "އަދި ކިޔެއްހެއްޔެވެ! ސަތޭކަ އަހަރު ވަންދެން ކަލޭގެފާނު އޮންނެވީމުއެވެ. ފަހެ، ކަލޭގެފާނުގެ ކާތަކެއްޗަށާއި ބޯތަކެއްޗަށް ބައްލަވާށެވެ! އެތަކެއްޗަށް ބަދަލެއްނާދެއެވެ. އަދި، ކަލޭގެފާނުގެ ޙިމާރަށް ބައްލަވާށެވެ! (އެކަން އެގޮތަށް ކުރެއްވީ ކަލޭގެފާނު ދެނެވަޑައިގަތުމަށްޓަކައެވެ.) އަދި، މީސްތަކުންނަށް ހެތްކެއްކަމުގައި ކަލޭގެފާނު ލެއްވުމަށްޓަކައެވެ. އަދި، ތިމަންރަސްކަލާނގެ އެ ކަށިތައް އެއްކުރައްވައި، އެ ކަށިތަކުގައި މަސް ލައްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ!" ދެން، އެކަލޭގެފާނަށް އެކަން ބަޔާންވެ އެނގިވަޑައިގަތްހިނދު ދެންނެވިއެވެ. "ހަމަކަށަވަރުން، ﷲއީ، ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ކަލާނގެ ކަން ޔަޤީން ކޮށް ދެނެގަންނަމެވެ."
މިއާޔަތުގައި ވާ ބޭކަލަކީ ޢުޒައިރުގެ ފާނު ކަމަށް ތަފުސީރުތަކުގައި ވެއެވެ. ސަލާމް ލެއްވި ޢުޒައިރުގެ ފާނަކީ ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ގާތަށް ފޮނުއްވުނު ނަބީ ބޭކަލެކެވެ. މިކަލޭގެފާނު 100 އަހަރު ވަންދެން އަވަހާރަވެފައި އޮންނެވުމަށް ފަހު، އަވާހަރަވީ ދުވަހު ހުންނެވި ޢުމުރުފުޅުގައި މާތް ﷲ އެކަލޭގެފާނުގެ ހަށިކޮޅު އިޢާދަކުރެއްވިއެވެ. މިކަމުގެ ސަބަބުން، އެކަލޭގެފާނު ކުޑަ ވަޤުތުކޮޅެއްގައި އަވަހާރަ ލައްޕަވަން އޮންނެވުނީ ކަމަށް އެކަލޭގެފާނަށް ހީފުޅުކުރެއްވުނެވެ. ސަބަބަކީ، ހަށިކޮޅަށް އެއްވެސް ބަދަލެއް އައިސްފައި ނުވުމެވެ. ޢުޒައިރުގެ ފާނު ދިރުއްވުމަށް ފަހު، މަރުވެފައިވާ ތަކެތި މާތް ﷲ ދިރުއްވާ ގޮތް އެކަލޭގެފާނަށް ދެއްކެވުމަށްޓަކައި، އެކަލޭގެފާނުގެ ލޯފުޅު ކުރިމަތީގައި މާތް ﷲ އެކަލޭގެފާނުގެ ޙިމާރު އަލުން ދިރުއްވިއެވެ.
ކޮންމެއަކަސް، ރުއްސުންލެއްވި އިބުނު ޢައްބާސް ގެފާނުގެ އަރިއަހުން ރިވާ ވެގެން ވާ ގޮތުގައި، ޢުޒައިރުގެފާނު އަވަހާރަވި ދުވަހާއި، ދިރުއްވުނު ދުވަހު، އެކަލޭގެފާނުގެ ޢުމުރު ފުޅަކީ 40 އަހަރެވެ. އެކަލޭގެފާނު އަލުން ދިރުއްވިއިރު އެކަލޭގެފާނުގެ ދަރިކަލުން ޢުމުރުން 120 އަހަރު ވެފައިވީ އިރު، ކާފަދަރިކަލުންގެ ޢުމުރުން 90 އަހަރެވެ. މިކަމުގެ ސަބަބުން، އެކަލޭގެފާނުގެ ދަރިކަލުންނާއި ކާފަދަރިކަލުން ވެސް ޢުޒައިރުގެ ފާނަށް ވުރެ ޢުމުރުގެ ގޮތުން ބޮޑެވެ. ނަމަވެސް، މިއީ އެކަލޭގެފާނުގެ ހަށިކޮޅުގެ ޢުމުރެވެ. ދުނިޔެއަށް އުފަންވެވަޑައިގަތް ފަހުން ވޭތުވީ މުއްދަތެއް ނޫނެވެ. ޢުމުރުން 40 އަހަރުގައި އެކަލޭގެފާނު އަވަހާރަވެފައި 100 އަހަރު އޮންނެވުމުން، ދުނިޔެ އަށް އުފަން ވެވަޑައިގަތް ތާ ޖުމުލަ 140 އަހަރު އެކަލޭގެފާނަށް ވާނީ ފުރިފައެވެ. ނަމަވެސް، އެކަލޭގެފާނު އަވަހާރަ ވީ އިރު ހުންނެވި 40 އަހަރުގެ ޞޫރައިގެ މަތީގައި މާތް ﷲ އެކަލޭގެފާނުގެ ހަށިކޮޅު ދިރުއްވުމުން، ބަފައަކަށް ވުރެ ދަރިއަކު ދޮށީ ވީ ކަމަށް އަރަތެއްގެ ގޮތުގައި ކިޔައި އުޅުނީ އެވެ.