ޚަބަރު
އައު ޓާމިނަލްގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ޓެސްޓް ޓްރަޔަލްތައް

ފޮޓޯ: އެމްއޭސީއެލް

ފަރުދުން
23 ޖުލައި 2025، 09:57
23 ޖުލައި 2025، 09:57
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ ގޮތުން މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ޓެސްޓް ޓްރަޔަލްގެ މަސައްކަތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އައު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ސިލްސިލާ ޓްރަޔަލްތަކެއް ކަމަށް ބުނެފައެވެ. އެމްއޭސީއެލްގެ މުވައްޒަފުންނާއެކު ކުރިއަށް ގެންދާ މި ޓްރަޔަލްތަކުގައި އާ ޓާމިނަލްގައި ބޭނުންކުރާ ހުރިހާ ސިސްޓަމްތަކާއި މެޝިނަރީޒްތަކުގެ އެންމެ ފަހުގެ ޓެސްޓުތައް ހަދަމުންދާ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ. އޭގެ އިތުރުން އަލިފާނުގެ ހާދިސާއެއް މެދުވެރިވެއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ އެކްސަސައިޒެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ނިންމައި ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ވަރަށް ފުރިހަމައަށް ނިންމާލެވިފައިވާ ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްއާން ވިދާޅުވެފައިވެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް 26 ޖުލައިގައި ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ޑީއެމްޑީ ލަމްއާން ވިދާޅުވީ މިހާރު ކުރިއަށްދަނީ ފުލް ޓްރަޔަލްތައް ކަމަށާއި އާ ޓާމިނަލްގެ ސިސްޓަމްތައް ހުރީ ތައްޔާރަށް ކަމަށެވެ. އަދި އާ ޓާމިނަލް ހުޅުވުމަށް މުވައްޒަފުން ކުރައްވަމުން ގެންދަނީ ފަޚުރުވެރި މަސައްކަތެއް ކަމަށާއި އެކަމަށްޓަކައި ޝުކުރުވެރިވާ ކަމަށްވެސް ޑީއެމްޑީ ލަމްއާން ވިދާޅުވިއެވެ.
"ރައިސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅު މި އޮތީ ފުރިހަމައަށް ނިންމާލެވިފައި," ޑީއެމްޑީ ލަމްއާން ވިދާޅުވެފައިވެ އެވެ.