ދުނިޔެ

އިންޓަނޭޝަނަލް މެތަމެޓިކަލް އޮލިމްޕިއާޑްގައި އޭ.އައި އާ ވާދަކޮށް އިންސާނުން ކުރިހޯދައިފި!

އިންޓަނޭޝަނަލް މެތަމެޓިކަލް އޮލިމްޕިއާޑްގައި އޭ.އައި އާ ވާދަކޮށް އިންސާނުން ކުރިހޯދައިފި!

އިންޓަނޭޝަނަލް މެތަމެޓިކަލް އޮލިމްޕިއާޑްގައި އޭ.އައި އާ ވާދަކޮށް އިންސާނުން ކުރިހޯދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖުލައި 2025، 04:43

22 ޖުލައި 2025، 04:43

މިފަހަރު އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގައި ބޭއްވުނު އިންޓަނޭޝަނަލް މެތަމެޓިކަލް އޮލިމްޕިއާޑް (އައި.އެމް.އޯ.) ގައި، ގޫގުލް އާއި އޯޕަންއޭ.އައި.އިން އުފައްދާފައިވާ އޭ.އައި. މޮޑެލްތަކުން ފުރަތަމަ ފަހަރަށް ގޯލްޑް-ލެވެލް ނަތީޖާ ހޯދާފައިވާ ނަމަވެސް، މުޅި މުބާރާތުން މޮޅުވެފައިވަނީ އިންސާނުންނެވެ. އެއްވެސް އޭ.އައި. މޮޑެލްއަކަށް ފުލް މާކްސް ލިބިފައި ނުވާއިރު، މުބާރާތުގައި ބައިވެރިވި ފަސް ބައިވެރިއަކަށް ވަނީ ފުރިހަމަ މާކްސް ހޯދާފައެވެ.

އުމުރުން 20 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭ، ދުނިޔޭގެ އެންމެ ޝަރަފުވެރި މި މުބާރާތުގައި، ގޫގުލްގެ ޖެމިނީ ޗެޓްބޮޓްގެ އެޑްވާންސްޑް ވަރޝަންއިން ވަނީ ކަނޑައެޅިފައިވާ ހަ ހިސާބުގެ ތެރެއިން ފަސް ހިސާބު ހައްލުކޮށްފައެވެ. ގޫގުލްއިން ހާމަކުރި ގޮތުގައި އެ ކުންފުނީގެ ޑީޕްމައިންއިން ވަނީ 42 ޕޮއިންޓުގެ ތެރެއިން 35 ޕޮއިންޓު ހޯދައި، "ގޯލްޑް މެޑަލް" ގެ ދަރަޖައަށް އަރާފައެވެ. އައި.އެމް.އޯ.ގެ ރައީސް ގްރެގޯރ ޑޮލިނާ ވިދާޅުވެފައިވާ ގޮތުގައި އޭ.އައި. މޮޑެލްތަކުން ހައްލުކުރި މައްސަލަތަކުގެ ޖަވާބުތައް ހައިރާންކުރުވަނިވި ގޮތަކަށް ސާފުކޮށް، ސީދާކޮށް އަދި  ފަސޭހައިން ދެނެގަނެވޭ ގޮތަށް ހުށަހަޅާފައިވެއެވެ.

އިންސާނުންގެ ތެރެއިން ގާތްގަޑަކަށް ދިހަ އިންސައްތަ ބައިވެރިން ގޯލްޑް-ލެވެލް މެޑަލް ހޯދާފައިވާއިރު، ފަސް ބައިވެރިއަކަށް ވަނީ 42 ޕޮއިންޓުގެ ފުރިހަމަ މާކްސް ލިބިފައެވެ. ޗެޓްޖީޕީޓީ އުފައްދާފައިވާ އެމެރިކާގެ ކުންފުނި އޯޕަންއޭ.އައި.އިން ވެސް ބުނެފައިވަނީ އެ ކުންފުނީގެ އެކްސްޕެރިމެންޓަލް ރީޒަނިން މޮޑެލްއަށް 35 ޕޮއިންޓު ލިބި، ގޯލްޑް-ލެވެލް ނަތީޖާއެއް ހޯދިފައިވާ ކަމަށެވެ.

 އޯޕަންއޭ.އައި.ގެ ރިސާޗަރ އެލެގްޒެންޑަރ ވެއި ސޯޝަލް މީޑިއާގައި ލިޔުއްވާފައިވަނީ، "މި ނަތީޖާއަކީ އޭ.އައި. ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ބޮޑު ގޮންޖެހުމެއް" ކާމިޔާބުވުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ 2025 ވަނަ އަހަރުގެ އައި.އެމް.އޯ.ގެ މައްސަލަތައް އިންސާނުންނަށް ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އެ މޮޑެލްތައް ވަޒަންކުރެވިފައިވާ ކަމަށާއި، ކޮންމެ މައްސަލައެއް ވެސް  ކުރީގެ އައި.އެމް.އޯ. މެޑަލިސްޓުން ވަކިވަކީން ބަލައި ޗެކްކޮށްފައިވާ ކަމަށެވެ.

ދާދި ފަހުން ވެސް އޭ.އައި.ގެ ގާބިލުކަން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރު ބްރިޓިޝް ސިޓީ އޮފް ބަރތްގައި ބޭއްވުނު އައި.އެމް.އޯ.ގައި ގޫގުލްއިން ވަނީ ހަ ހިސާބުގެގެ ތެރެއިން ހަތަރު ހިސާބު ހައްލުކޮށް ރިހި މެޑަލްގެ ނަތީޖާއެއް ހޯދާފައެވެ. އެފަހަރު އެކަމަށް ތިން ދުވަހުގެ ކޮމްޕިއުޓޭޝަން ބޭނުންވި ނަމަވެސް، މިފަހަރު ގޫގުލްގެ ޖެމިނީ މޮޑެލްއިން ވަނީ 4.5 ގަޑިއިރުގެ ވަގުތު ތެރޭގައި ހިސާބުތައް ހައްލުކޮށްފައެވެ.


                    

Ads by MSS

މި ލިޔުން ކިޔާލުމުން