ޚަބަރު
ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރާއި ވަޒީރު ޝިޔާމް ބައްދަލުކުރައްވައިފި

ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރާއި ވަޒީރު ޝިޔާމް ބައްދަލުކުރެއްވުން

ފަރުދުން
22 ޖުލައި 2025، 03:52
22 ޖުލައި 2025، 03:52
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ޗައިނާގެ ވައިސް ގަވަރުނަރު އޮފް ފުޖިއާން ޕްރޮވިންސް ވެއި ޝިއައޮކުއި އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ބްލޫ އިކޮނޮމީގައި ރާއްޖެއާއި ޗައިނާގެ ގުޅުމަށް އަލިއާޅުއްވާ ވާހަކަ ދައްކަވާފައިވާކަމަށެވެ.
މީގެ އިތުރުން ސީ ކިއުކަމްބާ އެކްވާކަލްޗަރ ޕްރޮގްރާމާއި މޯލްޑިވްސް ރިސާޗްސެންޓަރަށް ފުޖިއަން ޕްރޮވިންސް އިން ވެދެއްވަމުން ގެންދާ ފަންނީ އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ޗައިނާގެ އަމިއްލަ ފަރާތްތަކުން ރާއްޖޭގެ އެކްވާކަލްޗަރ ޑިވެލޮޕްމަންޓްގައި ވެދެއްވާ އެހީތެރިކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މަސްވެރިކަމާއި އެކްވާކަލްޗަރގެ ފަންނީ ތަމްރީނުތައް އިތުރުކުރުމާއި ކޮލަބަރޭޓިވް މެރިޓައިމް ރިސާޗާއި، ރާއްޖޭގައި އެކްވާކަލްޗަރ އަދި ސްޕޯޓްސް ފިޝިންގ ވެންޗަރތަކަށް އިންވެސްޓްކުރުން އިތުރުކުރުމާއި އެއްބާރުލުން ދިނުމާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ފުޖިއަން ޕްރޮވިންސުން ޒިޔާރަތްކުރި ވަފުދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގަންނަވާފައިވާކަމަށެވެ.