ދުނިޔެ
ޕާކިސްތާނުގެ އުތުރުގައި ބިންގަނޑު ކަނޑައިގެންގޮސް ތިން މީހުން މަރުވެ، ގިނަ ބަޔަކު ގެއްލިއްޖެ

ޕާކިސްތާޏުގައި ބިންގަނޑު ކަނޑައިގެން ގޮސް ބައެއް އުޅަނދުތަކަށް ގެއްލުން ލިބިފައި
ޕާކިސްތާނުގެ އުތުރުގައި ބޯކޮށް ވެހުނު ވިއްސާރަ ވާރޭގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ފަރުބަދަމަތީ ހައިވޭއެއްގައި ދުއްވި ކާރުތަކެއް ވެއްޓިފައިވާކަމަށް ރަސްމީ ފަރާތްތަކުން ހާމަކޮށްފިއެވެ. މި ހާދިސާގައި ތިން މީހުން މަރުވެފައިވާއިރު، އިތުރު ކާރުތަކެއް ތަކެތީގެ ދަށުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
ޖޫން މަހުގެ ފަހުކޮޅުން ފެށިގެން، ވިއްސާރަ މޫސުން ފެށުނު ފަހުން، ކުއްލި ފެންބޮޑުވުންތަކާއި، އިމާރާތްތައް ބިމާ ހަމަވުމާއި، ކަރަންޓު ޖެހުމުގެ ސަބަބުން 180 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ހިނގި ހާދިސާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ގިލްގިޓް-ބަލްޓިސްތާންގެ ޑައިމަރ ޑިސްޓްރިކްޓްގެ ސީނިއަރ ފުލުސް އޮފިސަރ އަބްދުލް ހަމީދު ވިދާޅުވީ، ހޯމަ ދުވަހު ބޯކޮށް ވެހުނު ވާރެއާ ގުޅިގެން ހިނގި މިހާދިސާގައިި 8 އަށް ވުރެ ގިނަ އުޅަނދަށް ގެއްލުންވެފައިވާ ކަމަށެވެ.
ޑައިމަރ ޑިސްޓްރިކްޓްގެ ޑިސްޓްރިކްޓް ފުލުސް އޮފިސަރު އަބްދުލް ހަމީދު ވިދާޅުވީ "މަރުވެފައިވާ ތިން މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި ކަމަށާއި، 15 އަށް ވުރެ ގިނަ މީހުން އަދިވެސް ގެއްލިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ 10 އުޅަނދަށް ވުރެ ގިނަ އުޅަނދު ތަކެތީގެ ދަށުވެފައިވާ ކަމަށެވެ.
"މިއަދު ހެނދުނު 6:00 ގައި ސަލާމަތް ކުރުމުގެ އޮޕަރޭޝަން އަލުން ފަށާފައިވާ ކަމަށް" އޭނާ އިތުރަށް ވިދާޅުވިއެވެ.
ގިލްގިޓް-ބަލްޓިސްތާން ސަރުކާރުގެ ތަރުޖަމާނު ފައިޒުﷲ ފަރަޤް ވަނީ އޭއެފްޕީއަށް މަރުގެ އަދަދު ކަށަވަރުކޮށްދެއްވާފައެވެ.
ހޯމަ ދުވަހު އެ ސަރަހައްދުގައި ހިނގި ފެންބޮޑުވުމުގެ ސަބަބުން 50 ގޭބިސީއަށާއި، ހަތަރު ބުރިޖަށާއި، ހޮޓަލަކަށާއި، ސްކޫލަކަށް ވަނީ ގެއްލުންވެފައެވެ. އަދި މައިގަނޑު ހައިވޭތައް ބަންދުވެ، ކޮމިއުނިކޭޝަންގެ ސިގްނަލްތަކަށް ގެއްލުންވެފައިވެއެވެ.
ފަރަޤް އިތުރަށް ވިދާޅުވީ، "ފަހުން އެތައް ސަތޭކަ ފަތުރުވެރިން ސަލާމަތް ކުރެވިފައިވާ ކަމަށެވެ؛ ސަރުކާރުގެ ޓީމުތަކުން ބިންގަނޑުން ތަކެތި ނަގާ، އެމީހުން ފަރުބަދަމަތީ މަގުން ސަލާމަތް ކޮށްފައިވާ އިރު، ހާލުގައި ޖެހުނު ފަތުރުވެރިންނަށް އަވަސް ފަރުވާއާއި އެހީތެރިކަން ދިނުމަށް އެ ސަރަހައްދުގެ ރައްޔިތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ."
މި ސަރަހައްދަކީ އުސް ފަރުބަދަތަކާއި، ވާދީތަކާއި، ބޮޑެތި ކޯރުތަކުން ފުރިފައިވާ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެކެވެ.
މޫސުމީ ވިއްސާރަ ވާރޭގެ ސަބަބުން ދެކުނު އޭޝިއާއަށް އެ އަހަރުގެ ވާރޭގެ 70 އިންސައްތައިން 80 އިންސައްތައާ ދެމެދުގެ ވާރޭ ވެހި، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންޑިއާ އާއި ޕާކިސްތާނުގައި މި މޫސުން ކުރިއަށްދެއެވެ.
އަހަރީ ވާރޭއަކީ ދަނޑުވެރިކަމަށާއި ކާނާގެ ސަލާމަތަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަދި މިލިއަން މީހުންގެ ދިރިއުޅުމުގައި ވެސް މުހިންމު ރޯލެއް އަދާކުރެއެވެ. ނަމަވެސް، މި ވާރޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެސް ކުރިމަތިވެއެވެ.
ޖޫން މަހުގެ ފަހުކޮޅު، ކުއްލި ފެންބޮޑުވުމެއްގައި ގަދަފެނުން ރައްކާތެރިވުމަށް ކޯރުގެ އައްސޭރިއެއްގައި ހަރަކާތްތެރިވަމުން ދިޔަ މަދުވެގެން 13 ފަތުރުވެރިއަކު ވަނީ މަރުވެފައެވެ.
2022 ވަނަ އަހަރު މޫސުމީ ވިއްސާރައިގެ ސަބަބުން ޤައުމުގެ ތިންބައިކުޅަ އެއްބައި ފެނުއަޑީގައި ޖެހި، 1,700 މީހުން މަރުވެފައިވެއެވެ.