ދުނިޔެ
ޣައްޒާގައި އާންމުން މަރަމުންދާކަން 25 ގައުމަކުން ހަރުކަށި ބަހުން ކުށްވެރިކޮށް ހަނގުރާމަ ހުއްޓުމަށް ގޮވާލައިފި

ޢައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ޙާލަތު
ޣައްޒާގައި އިސްރާއީލުން އާންމުންނާ މެދު އިންސާނިއްޔަތާ ޚިލާފު އަމަލު ކުރަމުންދާކަން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ޖަޕާން ހިމެނޭ ގޮތަށް 25 އަށްވުރެ ގިނަ ގައުމަކުންނާއި، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ގައުމުތަކާއި އީ.ޔޫގެ އިސްވެރިންނާ ގުޅިގެން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން "ކުރިން ދުވަހަކުވެސް ނުދެކޭ ވަރަށް ގޯސްވެފައިވާ" ކަމަށް ފާހަގަކޮށްފައިވެއެވެ.
އަދި އެހީ ފޯރުކޮށްދިނުމުގެ މި އުސޫލަކީ "ނުރައްކާތެރި، ހަމަޖެހުން ނެތިކުރުވާ، އަދި ޣައްޒާގެ ރައްޔިތުންގެ އިންސާނީ ކަރާމަތް ނިގުޅައިގަންނަ" އުސޫލެއް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
މި ބަޔާނުގައި ސޮއިކުރި ފަރާތްތަކުން ވަނީ "ކޮޅުކޮޅުން އެހީ ފޯރުކޮށްދިނުމާއި، ކުޑަކުދިން ވެސް ހިމެނޭ ގޮތަށް އާންމުންގެ އެންމެ އަސާސީ ބޭނުންތަކަށް ކަމަށްވާ ފެނާއި ކާނާއަށް އެދި ހޯދަމުން ދަނިކޮށް، އިންސާނިއްޔަތާ ޚިލާފު ގޮތަކަށް މަރަމުންދާކަން" ކުށްވެރިކޮށް، އެކަމާ ހިތާމަފާޅުކޮށްފައެވެ. އަދި، މޭ މަހުގެ ފަހުކޮޅު ފެށުނު ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަންގެ ހަރަކާތްތަކަށްފަހު، އެހީ ހޯދުމަށް މަސައްކަތްކުރަނިކޮށް 800 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރުވެފައިވާކަން ފާހަގަކޮށް، މި އަދަދުތަކަކީ "ބިރުވެރި" އަދަދުތަކެއް ކަމަށް ބުނެފައިވެއެވެ.
މި ބައިނަލްއަޤްވާމީ ގުޅުމުން ވަނީ، އިޒްރޭލު ސަރުކާރުން އާންމު ރައްޔިތުންނަށް އަސާސީ އިންސާނީ އެހީ ދިނުމަށް ދެކޮޅު ހަދަމުންދާކަން "ޤަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށް ބުނެފައެވެ. އަދި، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށް އިސްރާއީލުން ކިޔަމަންވުން ލާޒިމުކަން ވަނީ ހަނދާންކޮށްދީފައެވެ.
މި ގުޅިފައިވާ ބަޔާނުގައި، އޮސްޓްރޭލިއާ، އޮސްޓްރިއާ، ބެލްޖިއަމް، ކެނެޑާ، ޑެންމާކް، އެސްޓޯނިއާ، ފިންލެންޑް، ފްރާންސް، އައިސްލޭންޑް، އަޔަލެންޑް، އިޓަލީ، ޖަޕާން، ލެޓްވިއާ، ލިތުއޭނިއާ، ލަގްޒަމްބާގް، ނެދަލެންޑްސް، ނިއުޒީލެންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްލޮވޭނިއާ، ސްޕެއިން، ސްވީޑަން، ސްވިޓްޒަލެންޑް އަދި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުންނާއި، އީޔޫގެ ކޮމިޝަނަރ ހައްޖާ ލަހުބީބު ވަނީ ސޮއިކުރައްވާފައެވެ.
މި ބަޔާނުގައި ހަމާސް އިން ރަހީނުކޮށްފައިވާ މީހުން ދޫނުކޮށް ބަހައްޓަމުންދާކަންވެސް ކުށްވެރިކޮށްފައިވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން ދިން ހަމަލާގައި ރަހީނުކުރި 250 ވަރަކަށް މީހުންގެ ތެރެއިން، އަދިވެސް ދިރިހުރި ކަމަށް ބެލެވޭ 20 ރަހީނުން "ވަގުތުން އަދި ޝަރުތެއް ނެތި ދޫކޮށްލުމަށް" އަލުން ގޮވާލާފައިވެއެވެ.
މީގެ އިތުރުން، އެހީގެ ފްލޯއަށް އިޒްރޭލު ސަރުކާރުން ހުރަސް އަޅާފައިވާ ހުރަސްތައް "ވަގުތުން ނެތިކޮށް، އދ. އަދި އިންސާނީ ޖަމިއްޔާތަކަށް އެބައިމީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތް ރައްކާތެރިކަމާއެކު އަދި އެދެވޭ ގޮތަކަށް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް" މި ބަޔާނުގައި ސޮއިކުރި ފަރާތްތަކުން ވަނީ އިޒްރޭލު ސަރުކާރަށް ގޮވާލާފައެވެ.
ފަލަސްތީނުގެ ރައްޔިތުން "އިންސާނީ ރަށަކަށް" ބަދަލުކުރުމުގެ ހުށަހެޅުންތަކާ ދެކޮޅު ހަދައި، އެފަދަ ނިންމުންތަކަކީ "ކަނޑައެޅިގެން ގަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި، "ދާއިމީ ގޮތެއްގައި މަޖުބޫރުކޮށް ބަދަލުކުރުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއް" ކަމަށް ފާހަގަކޮށް، "ފަލަސްތީނުގެ ގަދަބާރުން ހިފާފައިވާ ސަރަޙައްދުތަކުގައި ސަރަހައްދީ ނުވަތަ ޑެމޮގްރަފިކް ބަދަލުތައް ގެނައުމަށް ކުރާ އެއްވެސް މަސައްކަތަކާ" ދެކޮޅު ހަދާކަން ވަނީ ވަރުގަދަ ބަހުރުވައަކުން ހާމަކޮށްފައެވެ.
އަދި އެންމެ ފަހުން، ޣައްޒާގައި ވަގުތުން، ޝަރުތެއް ނެތި، އަދި ދާއިމީ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތްކުރުމަށް އެމެރިކާ، ޤަޠަރު އަދި މިޞްރުން ކުރަމުންދާ މަސައްކަތަށް "ފުރިހަމަ ތާއީދު" އޮތްކަން މި ބަޔާނުގައި ހިމެނޭ ގައުމުތަކުން ވަނީ ހާމަކޮށްފައެވެ.