ކޮލަމް

ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ޤަރުނެއް ކުރީގެ ޙައްޖު ދަތުރެއް (ފުރަތަމަ ބައި)

ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ޤަރުނެއް ކުރީގެ ޙައްޖު ދަތުރެއް (ފުރަތަމަ ބައި)

މީލާދީން 1907 ވަނަ އަހަރުގައި މައްކާ

23 ޖުލައި 2025، 10:06

ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ގަރުނެއް ކުރީގެ ޙައްޖު ދަތުރެއް

بسم الله الرحمن الرحيم

وَأَذِّن فِي النّاسِ بِالحَجِّ يَأتُوكَ رِجالًا وعلى كُلّ ضامِرٍ يأتينَ مِن كُلّ فَجٍّ عَميقٍ

ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި، ތަނަވަސްކަން ހުރި ކޮނެމް މީހަކަށް މެ ޙައްޖުވުމަކީ ދާދި ފަސޭހަ ކަމަކަށް ވެއްޖައޫއެވެ. އެހެނަސް، އިހު ޒަމާނުގައި ކަން ހުރީ މިފަދައިންނެއް ނޫނެވެ. މަތިންދާބޯޓާއި އެހެނިހެން ވަސީލަތްތައް ނެތުމުގެ ސަބަބުން، އެޒަމާނުގައި ޙައްޖަށް ދިއުމަކީ އެއްގަމުމަގާއި ކަނޑުގެ މަގުން ކަޑައްތު ކުރަން ޖެހޭ ދިގުދެމިގެންދާ ރާސްތާ އެކެވެ. މިލިޔުމުގައި ޚުލާޞާ ކޮށްލާނީ، އައްޝައިޚުލް މަރްޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވި "ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް" މިފޮތުގައި ވާ ޙައްޖު ދަތުރުގެ ވާހަކައެވެ. މިއީ ގާތްގަނޑަކަށް މީގެ 100 އަހަރު ކުރިން، ހިޖުރައިން 1346 ވަނަ އަހަރު ކުރެވުނު ދަތުރެކެވެ. އެއީ މީލާދީ ގޮތުން 1927 ވަނަ އަހަރެވެ.

ޚުލާޞާކުޅައުމުގެ އުސްލޫބު

މިޚުލާޞާ ލިޔެފައިވާނީ އައްޝައިޚު ޙުސައިން ޞަލާޙުއްދީން ގެ ޙައިޘިއްޔަތުން، ފުރަތަމަ ނަޡަރުންނެވެ. އަމިއްލަ ވާހަކައެއް އިތުރު ކުޅައުމަށް ޤަޞްދުކުރާ ނަމަ، قُلتُ މިފަދައިން ބުނާ ހުށީމެވެ. އަދި އެވާހަކައެއް ނިމުމުން، والله أعلَم މިފަދައިން ބުނާ ހުށީމެވެ. މިހެނީ، ޙުސައިން ޞަލާޙުއްދިން ގެ ވާހަކަފުޅާއި، އަޅުގެ އިތުރުކުޅައުންތައް ވަކިކުޅައުމަށެވެ. وَبِالله التوفيق.

ކޮޅުނބަށް ފުރާން ތައްޔާރުވުން

     1346 ވަނަ އަހަރުގެ ޖުމާދަލް އޫލާ މަހުގެ 14 ވީ ބުރާސްފަތި ދުވަހު މަތިގެއަށް ބޮޑުން އެއްވެ، މަޝާވިރުކުރައްވާފައި، މިއަހަރުގެ ޙައްޖު ދަތުރަށް އަމުރުފުޅު ދެއްވައިފޫއެވެ. ހަމަ މިދުވަހު އަޅުގަނޑު މަތިގެއިން ފޭބި ތަނުން ސިޓީ އެއް ލިބިއްޖައޫއެވެ. މިސިޓީއަކީ އައްޝައިޚު އަބޫބަކުރު ބުނު ބާބަޞީލު ފޮނުއްވައިފައިވީ ސިޓީއެކެވެ. (قُلتُ: މިކަލޭގެފާނަކީ މައްކާގައި ޤާޟީ ކަން ކުރައްވައި، ޙަރަމްފުޅުގައި ކިޔަވައިދެއްވައި އުޅުއްވި ޢިލްމުވެރިއަކީއެވެ. މިކަލޭގެފާނުންގެ ބައްޕާފުޅަކީ މައްކާގައި އެއިރު ހުންނެވި ޝާފިޢީ މަޛުހަބުގެ މުފްތީކަލޭގެފާނެވެ. وَالله أعلَم.) ކޮންމެއަކަސް، މިސިޓީގައި އޮތް ވާހަކައަކީ: އެކަލޭގެފާނުން ޖާވާ އިން ވަޑައިގެން މައްކާ އަށް ދުރުވެފައިވާ ކަމާއި، މާތްވެގެންވާ މައްކާގެ ބިމުގައި އަޅުގަނޑާ ބައްދަލުވާނޭކަމަށް އުންމީދު ކުރައްވާ ވާހަކައެވެ. 

     ދެންފަހެ، ދަތުރުގެ ތައްޔާރީތައް ވެއްޖައީމުއެވެ. އެއަށްފަހު، ޖުމާދަލް އޫލާ މަހު 26 ވީ އަންގާރަ ދުވަހު، މުޙައްމަދު ޢަލީ ކަރީމްޖީ ފިހާރައިގެ "ޖުމްކާ" އޭ ކިޔުނު ބަގަލައިގައި ޙައްޖު ދަތުރަށް ފުރައިފީމުއެވެ. އަޅުގަނޑުމެން ފުރުވާން ގިނަ މީސްތަކުން އެއްވެފައި ތިބޫއެވެ. ސަލާމާއި މުޞާފަޙަތަށް ދަމަދަމައި ތިބި އަތްތަކުގައި ހިފަމުން، بِسمِ اللهِ مجرىها އޭ ކިޔަމުން، ދަތުރަށް އަރައްޖައީމުއެވެ. (قُلتُ: މިބަސްފުޅުގެ މާނައީ: "މިއޮޑީގެ ދުވުން ވަނީ ﷲގެ އިސްމުފުޅުންނެވެ." މިބަސްފުޅަކީ ސަލާމްލެއްވި ނޫޙުގެފާނުން ނާކޮޅަށް އަރާވަޑައިގެންނެވި ހިނދު ވިދާޅުވި ބަސްފުޅު މެއެވެ. واللهُ أعلَم.) ސަރުކާރުގެ ހެޔޮފުޅުކަމުން، ހުރިހާ ކަމެއް ފުރާފުރިހަމަ ވެގެން، އުފާ ފާގަތިކަމުގައި މާލޭ ބަނދަރުން ފުރީ އެދުވަހު އިރުއަރައި 3 ވަނަ ސާޢަތުގައެވެ. މިދަތުރުގައި އަޅުގަނޑާ އެކު ދިޔައީ 23 މީހުންނެވެ. ތުއްތު ގޮމަޔާއި، ދެން ތިބި އަންހެނުންނާއި ކުޑަކުދީން ފަތިހު 4 ޖެހިއިރު ފުރުވާލައިފިއެވެ. 

ކޮޅުނބަށް ދެވުން

     ކޮޅުނބު ބައްތި ފެނުނީ ޖުމާދަލް އާޚިރާ މަހު 8 ވީ އާދީއްތަ ވިލޭ ރެއި މެންދަމު 1 ޖެހިއިރުއެވެ. ކޮޅުނބަށް ވަދެވުނީ އަނެއް ދުވަހު މެންދުރުން އަނބުރާ 2 ޖެހިއިރުއެވެ. އަޅުގަނޑުމެން އިސްތިޤުބާލު ކުޅައުމަށް، އީޖީ އާދަމް ޢަލީ ފޮނުވި މީހަކު އަތުވެއްޖައޫއެވެ. ދެން ފަހެ އަޅުގަނޑުމެން ގޮވައިގެން ގޮސް، ޕެޓާގެ "ކުރޮސް އިސްޓްރީޓު"ގައި ހުރި ދުއްކާނެއްގެ މަތީ ބުރީގައި ބައިތިއްބައިފޫއެވެ. ކެއިންބުއިމުގެ ކަންކަން ވެސް ހަމަޖައްސައި، ތަރުތީބުކޮށްފައިވޫއެވެ.

     ކޮންމެއަކަސް، މިމަހުގެ 14 ވަނަ ދުވަހު، އަޅުގަނޑުގެ ބައްޕަ ހިމެނޭހެން، އަތްނުކަނޑާ ތިބި 11 މީހެއްގެ އަތް ކަނޑުވައިފީމުއެވެ. (قُلتُ: މާނައީ: އަތުގެ މުލައްދަނޑިން ތަންކޮޅަކުން ހަން ދުއްވާލައި، އެތަނުގައި ބޭސްދިޔަ ހާކާލުމެވެ. މިއީ އެޒަމާނުގެ ވެކުސިނެވެ. وَاللهُ أعلَم.) އިހަށް އަތް ކަނޑާފައި ތިބި މީހުން ކުރެ އަތް ކެނޑީ އަޅުގަނޑު އެކަންޏެވެ. ދެން، އަތްކެނޑި މީހުންގެ އަތްތައް ދުޅަވެ، ހުން އަންނާން ފަށައިފޫއެވެ. އެހެނަސް، ދުވަސް ކޮޅެއް ފަހުން އަތްތައް ފަސޭހަވެފައި ރަނގަޅުވެއްޖައޫއެވެ. މިކަމުގައި އެންމެ ބޮޑުވަރު ވީ ބައްޕައަށާއި، އިބްރާހީމް މަނިކަށާއި، ތުއްތުގޮމައަށެވެ. އަތްޕުޅު ދުޅަވުމުގެ އިތުރުން، އެހެނިހެން އާލާސްކަންފުޅުތައް ވެސް ބައްޕައަށް ޖެހިވަޑައިގަތެވެ. ޑަކުތަރުން ގެނުވައި، ބޭސްފަރުވާ ކުރެވިގެން، ކިރިޔާ ވެސް ބައްޕައަށް ލުއިފުޅު ވީ ގާތްގަނޑަކަށް 20 އަކަށް ދުވަސް ފަހުންނެވެ. ޖުމާދަލް އާޚިރާ މަހު 21 ދުވަހު މައްޗަންގޮޅީ ގަނޑުވަރު މަނިއްޕުޅު އަވަހާރަވީ ޚަބަރު ލިބުނީ ރަޖަބު މަހު 10 ދުވަހުއެވެ. ދެން ރަޖަބުމަހު 18 ދުވަހު، ޕާސްޕޯޓުގެ ޕާރަމް ލިޔެ، ސަރުކާރަށް ފޮނުވައިފީމުއެވެ.

     ދެންފަހެ ޝަޢުބާން މަސް ފެށުނު އިރު ވެސް ޕާސްޕޯޓުތައް އެނބުރި ނައިސް ލަސްވެއްޖައޫއެވެ. މިކަމުގެ ޝަކުވާ ކޮލޯނިޔަލް ސެކުރިޓީއަށް ޝަޢުބާން މަހު 2 ވަނަ ދުވަހު ލިޔެފީމުއެވެ. ނަޞީބަކުން، މީގެ ފަހު ދުވަހު ޕާސްޕޯޓުތައް ލިބިއްޖައޫއެވެ. އެހެނެއްކަމަކު، އޮމަދޫ ކަޅުކޮއްކޮ އާއި، ކާސިންފުޅާއި، ހައްދުންމަތީ ދޮން ޙުސައިން- މިތިން މީހުންނަކަށް ޕާސްޕޯޓެއް ނުލިބުނެވެ. މިބައިމީހުން ޙައްޖަށް ދާން އަމުރުފުޅު ލިބުނުކަން ކޮޅުނބުގެ ސަރުކާރަށް އެނގިފައި ނެތަތީވެއެވެ. ދެން މިޙިސާބުން މިމީހުން ދަތުރުން ވަކި ވެއްޖައޫއެވެ.

     ރާއްޖެއިން ޙައްޖަށް ދާން އައި ދެވަނަ ވަފުދުގެ މީހުންނައިގެން މަލިންކަލޭގެފާނުން ދުރުވެ ކޮޅުނބަށް ފައިބެންނެވީ ޝަޢުބާން މަހު 17 ދުވަހުއެވެ. މަލިންކަލޭގެފާނުން ފިޔަވައި 29 މީހުން މިވަފުދުގައި އަތުވެއްޖައޫއެވެ. މިބައިމީހުންގެ ތެރެއިން އަތްކަނޑާންވީ ބަޔަކު އަތްކަނޑައި، ޕާސްޕޯޓުތައް ލިބިގެން އައިސް ސުވޭހުން ބައްދަލުކުރާން އަންގާފައި، ޝަޢުބާން މަހު 19 ވީ ބުރާސްފަތި ދުވަހު ސުވޭހަށް ދާން އަޅުގަނޑުމެން ފުރައިފީމުއެވެ. އެއީ "އެސް.އެސް. ޗަންޓިއްލީ" ކިޔާ ފަރަންސޭސި ވިލާތުގެ އުޅަނދެއްގައެވެ.

ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ޤަރުނެއް ކުރީގެ ޙައްޖު ދަތުރެއް (ފުރަތަމަ ބައި)

އެސް.އެސް. ޗަންޓިއްލީ

ސުވޭހުން ބޫރުސަޢީދަށް

     ކޮޅުނބުން ފުރީ 19 ވަނަ ދުވަހު މެނދުރު 2 ޖެހިއިރުއެވެ. 20 ވަނަ ދުވަހުގެ މެނދުރު މަލިކުގެ ދެކުނުން، މަލިކާ ވަރަށް ގާތުން ބޯޓު ދިޔައެވެ. ޝަޢުބާން މަހު 26 ވިލޭ ރެއި 9 ޖެހިއިރު ޖިބޫތީ އަށް ޖައްސައިފީމުއެވެ. އަނެއް ދުވަހު ހެނދުނު އިރުއެރިތަނާ ފުރައިގެން ސުވޭހަށް ދާން ޤަޞްދުކޮށްފީމުއެވެ. ސުވޭހަށް ދެވުނީ އަންގާރަ ދުވަހު 9 ޖެހިއިރުއެވެ. ސުވޭހުގައި 2 ގަޑި ވަންދެން ޖައްސާފައި ދެން ފުރީ ބޫރުސަޢީދަށް ދިއުމަށެވެ. ބޫރުސަޢީދަށް ދެވުނީ މާތްވި ރަމަޟާންމަހުގެ 1 ވީ ބުދަދުވަހުއެވެ. އަޅުގަނޑުމެން ދަތުރު ކުޅަ ބޯޓުގައި ވަރަށް ގިނަ ފަސިންޖަރުން ތިބޫއެވެ. މިބޯޓުގެ މީހުންނީ ވެސް ނުހަނު އޯގާތެރި ހެޔޮލަފާ ބަޔަކީ އެވެ.

ބޫރުސަޢީދުން މިޞްރަށް

     ބޫރުސަޢީދުގެ ބަނދަރަށް ޖެއްސި ތަނާ މުޙައްމަދު ސަޢީދު ދީދީ އާއި، ހުތް ޢަބްދުﷲ ފަހުމީ ދީދީ އާއި، އިބްރާހީމް ލުޠުފީ ދީދީ އާއި، މުޙައްމަދު ވަޙީދުއްނައިފަރީ އާއި މިބޭބޭކަލުން ބޯޓުދޮށަށް އައިސް ތިބޫއެވެ. ބޯޓުން ފައިބައި، ކަރަންޓީނާއި ފަރުމޭޓުން ވީއްލައިގެން، މިތާ ހުރި ލޯކަންދާ ކިޔާ ހޮޓަލަކަށް ދިޔައީ މެންދުރުން އަނބުރައި 2 ޖެހިއިރުއެވެ. މިދުވަހުމެ، 6 ގަޑީގެ ރޭލުން، އަންހެނުންނާއި ކުޑަކުދީންނާއި އަޅުގަނޑާއި ބައްޕައާއި އިބްރާހީމް ދީދީ ނޫން އެންމެން ގޮވައިގެން އެއްކަލަ ތިންބޭކަލުން މިޞްރަށް ފޮނުވައިފީމުއެވެ. މިބައިމީހުންނަށް މިޞްރަށް ދެވުނީ 10 ގަޑި ބައިގައެވެ. (قُلتُ: ސުވޭހާއި، ބުރުސަޢީދާއި މިއެންމެހައި ތަންތަން މިއީ މިޞްރުގެ ތަންތަނެވެ. އެހެނެއްކަމަކު މިޞްރު އިޠުލާޤު ކުރެވިއްޖެ ނަމަ މުރާދަކީ ވެރިރަށް ޤާހިރާއެވެ. + ފަރުމޭޓަކީ މިއަދުގެ ބަހުން ނަމަ ކަސްޓަމްސް އެވެ. وَالله أعلَم.) މީގެ ފަހު ދުވަހު މެންދުރު ރޭލުން އަޅުގަނޑުމެން ވެސް މިޞްރަށް ފައިބައްޖައީމުއެވެ.

     ކޮންމެއަކަސް، މިޞްރުގެ ޖައްވު އިންތިހާއަށް ފިންޏެވެ. މިއީ ދިވެހީންނަށް ތަޙައްމަލުކުރެވޭ ވަރުގެ ފިނިކަމަކަމަކީ އެއް ހަމަ ނޫނީއެވެ. އަލިފާންގަނޑަށް އަތް ދިއްކޮށްގެން އަބަދުމެ ތިބޭން ޖެހެނީއެވެ. ތުންފަތާއި އަތްފައި ފެޅިފެޅިގެން ދަނީއެވެ. އެހެނަސް މިއީ އަދި މިތަނުގެ އެންމެ ފިނި މޫސުން ނޫން ކަމަށް މިތަނުގެ މީހުން އަންގަތެވެ. މިމޫސުމުގައި މިތަނުގައި ރޭގަނޑުން 2 ގަޑި މަދުވުމާއި ދުވާލުން 2 ގަޑި އިތުރު ވުން ވެސް މިއީ ނުހަނު އުނދަގޫވާ ކަމަކީ އެވެ. އެހެނަސް، މިޞްރުގެ މަނާޡިރުގެ ރިވެތިކަމާއި، ފެނުގެ ރަހަމީރުކަމުން ހިތްތަކަށް ފަސޭހަކަން ގެނުވައިފޫއެވެ.

މިޞްރުގައި ހިނގި ބައެއް ކަންކަން

     މިޞްރުގައި އަޅުގަނޑުމެން ފޭބީ، ޙާއްރާ މަދުރަސާގެ 3 ނަންބަރު ގެއަށެވެ. މިގޭ ވެރިއަކީ، ލޯފެކަލްޓީ ޖީޒާ ކޮލެޖުގެ ސެކުރެޓަރީއެވެ. މީނާގެ ނަމަކީ ޢަލީ ބުނު ޢަބްދުލް ޢަޒީޒެވެ. ގެއަކީ އެންމެ ރަނގަޅަށް ހަދައި، އިލެކުޓަރީ ލައިފައި 4 ބުރިއަށް އަރުވައިފައި ހުރި ގެއަކީ އެވެ. މިގޭގައި ތިބެ ރަމަޟާން މަހު ރޯދަ ހިފައި، ޝައްވާލުމަހު ފަހުކޮޅު ޙިޖާޒުކަރައަށް ދާން ކަމަށް ޤަޞްދުކޮށްފީމުއެވެ. ދެންތިބި ދިވެހީން ފޭބީ މިތާ ކައިރީ ހުރި އެހެން ގެއަކަށެވެ.

     ކޮންމެއަކަސް، މިޞްރަށް އައި ރޭގެ ފަހުރެއި، އަޒުހަރުގެ ދަންނަބޭކަލުންތަކެއް އަޅުގަނޑާ ބައްދަލު ކުރައްވައި، މުބާރަކުބާދީ ދެއްވަމުން ދުރުވެންނެވޫއެވެ. މިޖަމާޢަތުގެ ވެރިއަކަށް ދުރުވީ ރުއްސުންލެއްވި ސައްޔިދުނާ ޙުސައިންގެފާނުންގެ މިސްކިތުގެ އިމާމު: އައްޝައިޚު ޢަބްދުލްޣަނީ އައްޠުމޫޢީ އެވެ. މިބައިމީހުންގެ މަޖިލިސް ހަމަވުމުން، އައްޝައިޚު އަޙުމަދު ޙުސައިނީ ނާޞިރު މިކަލޭގެފާނުން ތެދުވެވަޑައިގެން ޚުޠުބާއެއް ކިޔުއްވައިފޫއެވެ. އެއަށްފަހު ރުވާޤުލްހުނޫދުގެ ފަރާތުން އިންޑިޔާ ދަރިވަރަކު ވެސް ޚުޠުބާ އެއް ކިޔައިފޫއެވެ. އެހެން ދަރިވަރުކު ޅެމެއް ކިޔައިފޫއެވެ. (قُلتُ:  ރުވާޤުލްހުނޫދަކީ އަޒުހަރު ގައި ހުންނަ، އިންޑިޔާއާއި އިންޑިޔާ ކައިރި ރަށްތަކުގެ ދަރިވަރުން ކިޔަވާ ރުވާޤެވެ. ދިވެހިން ވެސް ހިމެނެނީ މިބައިގައެވެ. والله أعلَم.) ދެން ފަހެ މަޖުބޫރުވެފައިވާ ޙާލު، ބަޞްރާއަށް އަޅުގަނޑު ކަދުރުވިއްކާން ޖެހިއްޖެއެވެ. އެހެނީ، އަޅުގަނޑު ވެސް ޝުކުރުގެ ޚުޠުބާއެއް ކިޔާން ހަމަ ލާޒިމުވެއްޖެއެވެ. އަޅުގަނޑު ކީ ޚުޠުބާގެ ތަންކޮޅެއް:

إنَّ المسلِمينَ وإن اختَلفَت أجناسُهم وألوانُهم، وتباعَدت أقطارُهم وأوطانُهم، وتبايَنَت ألسِنَتُهم وأشكالُهم، وتفاوَتَت مراتِبُهم وأحوالُهم... فلا بُدّ أن تجمَعَهم تلكَ الوحدَةُ الإسلامِيّة الّتي هِي سرّ الإسلام. قال الله تعالى: {إنّمَا المؤمِنونَ إخوَة}. ولو أنّ المُسلِمين في سائر الأمصار يفهَمونَه كما تفهَمون، ويعمَلونَ بِمُقتضاهُ كما تعمَلون، لكانُوا خيرًا مِمّا تعلَمون.

(قُلتُ: رَحِم الله الشيخ.. މިޚުޠުބާގެ ފަޞާޙަތްތެރިކަމާއި ބަލާޣަތްތެރިކަން ކޮންފަދަ ތޯއެވެ؟ މިއީ ވަކި ދިވެއްސަކު ހެދި ޚުޠުބާ އެއް ކަމެއް އެނގޭ ވަރަށް ވުރެ މާ ފަށުވި ވެފައި ރީއްޗެވެ. ما شاء اللهُ لا قوّة إلا بالله.

މިތަންކޮޅުގެ މާނަ:

     "ހަމަކަށަވަރުން، މުސްލިމުންގެ ޖިންސިއްޔަތު (nationality) ތަކާއި ހަމުގެ ކުލަތައް ތަފާތު ވިޔަސް، އެބައިމީހުންގެ ބިންތަކާއި ވަޠަނުތައް ދުރުދުރުގައި އޮތަސް، އެބައިމީހުންގެ ބަހުރުވަތަކާއި ބުރުޞޫރަތައް ވަކިވަކި ވެފައި ވިޔަސް، އެމީހުންގެ ދަރަޖަތަކާއި ޙާލުއަޙުވާލު ތަފާތުވެފައި ވިޔަސް... އެއްކަލަ އިސްލާމީ ވަޙުދަތު (އެއްބައިވަންތަކަން) އެމީހުން އެއްބަޔަކަށް ޖަމަޢަކުރަން ޖެހޭނެއެވެ. މިކަމަކީ އިސްލާމް ދީނުގެ ސިއްރެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ: 'ހަމަކަށަވަރުން، މުއުމިނުތަކުން ވާކަންކަށަވަރީ އަޚުންތަކެއް ކަމުގައެވެ.' އެހެނިހެން ބިންތަކުގައި އުޅޭ މުސްލިމުން ވެސް ތިޔަ ބޭކަލުން (މިޞްރުގެ ބޭކަލުން) ފަހުމުވާ ފަދައިން މިކަންތައް ފަހުމު ވާނަމަ، އަދި ތިޔަ ބޭކަލުން ޢަމަލުކުރައްވާ ފަދައިން މިކަމުން ލާޒިމުކުރުވާ ކަންކަމަށް ޢަމަލުކުރާ ނަމަ، ތިޔަބޭކަލުންނަށް އެނގިވަޑައިގަންނަވާ ގޮތަށް ވުރެ އެމީހުން މާ ރަނގަޅު ވީސް ކަން ޔަޤީނެވެ."

واللهُ أعلَم.)

މިއިން ކޮންމެ ޚުޠުބާއެއް ކިޔުމުން ވަރަށް އަތްތިލަ ބަޑިޖަހައި ހަދަތެވެ. ދެން، އެންމެން ޙަލުވާއާއި ޤަހުވާއަށް ފަހުގައި ސަލާމްކޮށްފައި ހިނގައްޖައޫއެވެ.

ބައްޕަ ފަސްދާނުލުން

     ރަމަޟާންމަހު 15 ވަނަ ދުވަހު ބައްޕަ މާގަދައަށް ހުންފުޅު އަތުވެއްޖެއެވެ. ބައްޕަގެ އާލާސްކަންފުޅު ބޮޑުވެ، ޑަކުތަރުން ގެނެސް ބޭސްފަރުވާ ކޮށްކޮށް ތިއްބައިމެ، ރަމަޟާންމަހު 20 ވީ ހޯމަ ވިލޭރެއި 9 ޖެހިއިރު އަވަހާރަވެއްޖެއެވެ. إنّا لله وإنّا إليه راجِعون. ބައްޕަގެ ނާނި ފިއްލެވީ އައްޝައިޚު ޞާލިޙު ކިޔާ ބޭކަލަކާއި، އައްޝައިޚު އިބްރާހީމް ޠަމޫޠީއާއި ދެބޭކަލުންނެވެ. އެއިގެ ފަހު ދުވަހު، ވަރަށް ޢިއްޒަތުގައި ބައްޕަގެ ކަށުކަމާކެމީގެ ކަންކަން ހިންގައި، ޤަރާފަތުލް މުޖާވިރީން ޤަބުރުސްތާނުގައި ފަސްދާނު ލެވިއްޖެއެވެ. މިރެއި ޤުރުއާން ކިޔަވަން ތައްޔާރު ކޮށްފައި ހުރި ގެއަކީ ވެސް ވަރަށް ރީތިކަމާއި ޒީނަތްތެރިކަން ހުރި ގެއެކެވެ. 

     ބައްޕަ ދުނިޔެ ދޫކުރެއްވުމުން ހިތަށް ލިބުނު ދެރަކަމާއި ހިތާމަތަކެއް ބަޔާންކުރާން ވެސް ނޭނގޭނެއެވެ. ބައްޕާގެ ހެޔޮފުޅުކަމާއި އިތުރުކަމަކީ ވެސް ބަޔާންކުރެވޭ ވަރު ކަމެއް ނޫނެވެ. ބައްޕަ ފަސްދާނުލެވުނު ތަނުގައި، ވަރަށް މޮޅުމޮޅު މީހުން ޚުޠުބާތަކާއި ޅެންތައް ހަދަހަދައިގެން ކިޔޫއެވެ. އެއިތެރެއިން ޅެމެއްގެ ބައެއް:

يَقولُونَ مُوسَى قَد تَغَيَّبَ بَدْرُهُ ... وَلِلْبَدْرِ مِنْ بَعدِ الشّرُوقِ أُفُولُ

رَحِلْتَ مِن الدّنيَا وَحَمَّلْتَهَا الأَسَى ... وَلِلْمَجْدِ في ذاكَ الرّحِيلِ رَحِيلُ

ألا كُلُّ حَيٍّ لِلْمَنيّةِ صَائرٌ ... وَكُلُّ امْرِئٍ في ذا الوُجودِ نَزيلُ

(قلتُ: މިޅެމުގެ މާނަ:

     އެމީހުން ބުނެއޭ "މޫސާގެ ހަނދު ފިލައި ހިނގައްޖެއޭ"...

                         ނަމަވެސް، ހަނދަކީ އެރުމަށް ފަހު އޮއްސެން ޖެހޭ އެއްޗެކޭ.

     ތިބާ ދުނިޔެއިން ތިޔަ ދަތުރުކުރީ ދުނިޔެއަށް ހިތާމަ ތަޙައްމަލުކުރަން ޖައްސާފައޭ...

                         ތިޔަ ދަތުރުގައި މަޖުދު (nobility) ގެ ބައެއް ވެސް ދަތުރުކޮށްފައި ހިނގައްޖެއޭ.

     ފަހެ ކޮންމެ ދިރިހުރި އިންސާނަކީމެ މަރާ ކުރިމަތިވާނެ މީހެކޭ...

                         އަދި ކޮންމެ މީހަކުމެ މިވުޖޫދުގައި (ދުނިޔޭގައި) ވަނީ މެހުމާނަކު ކަމުގައޭ.

والله أعلَم.)

މިޅެމަކީ 20 ނުވަތަ 22 ވަރަކަށް އަހަރުގެ ޒުވާނަކު ހަމަ އެތާ ހުންނަވައި ހައްދަވައިގެން ކިޔުއްވި ޅެމެކެވެ. މީނާގެ ނަމަކީ އައްޞާވީއެވެ. އަޅުގަނޑަށް ތަޢުޒިޔާ ކިޔަން މިޞްރުގެ ވަރަށް ގިނަ މޮޅު މީހުން ވެސް އައޫއެވެ. ދެން ފަހެ، ބައްޕަ އަވަހާރަވީ ކަމުގެ ޚަބަރު ތެލިގިރާފުން އަންގައިފީމުއެވެ. 

     ކޮންމެއަކަސް، ރަމަޟާންމަހު 23 ވިލޭރެއި ޖަމްޢިއްޔަތުއްތަޢުލީމުލް އިސްލާމިއްޔާ އަލްހިންދިއްޔާ މިބައިމީހުންގެ ޖަލްސާއަކަށް ދަޢުވަތުއަރުވައިފޫއެވެ. ބައްޕަ އަވަހާރަވީ ދުވަސްކޮޅު މިޖަމްޢިއްޔާ މީހުން ވީ އެހީ ދެކެފައި، މިރެއި ނުގޮސް ނުކެރުނީއެވެ. ހަމަ ދިއުމުން، މަޖިލިހުގެ ޞަދާރަތުކަމުގެ ގޮނޑި ދީފޫއެވެ. ދިވެހިންކުރެ މިޞްރުގައި ތިބޭ މީހުން ވެސް މިޖަލްސާއަށް އައޫއެވެ. ދެން ޞަދުރަކު ކިޔާންވީ ޚުޠުބާ ކިޔާށޭ ބުނުމުން، އަޅުގަނޑު ތެދުވެ ޚުޠުބާއެއް ކިޔައިފީމުއެވެ. މިއަށް ފަހު އެކިއެކި މީހުން ޚުޠުބާތައް ކިޔައި ހެދޫއެވެ.

     ކޮންމެއަކަސް، ރަމަޟާންމަހު 19 ދުވަހު ދެވަނަ ވަފުދައިގެން މަލިންކަލޭގެފާނުން ސުވޭހަށް އަންނާނޭކަން އެނގި އޮތަތީވެ، އެމީހުންނާ ބައްދަލު ކުރަން ނައިފަރު މުޙައްމަދު ވަޙީދު ސުވޭހަށް ފޮނުވީ 18 ދުވަހުއެވެ. މިޞްރުގައި ތިބުމުގެ ކަންކަމާ ބެހޭ ސިޓީއެއް މީނާ އާ އެކު ފޮނުވީމެވެ. ދެން ރަމަޟާންމަހު 21 ދުވަހު މިބައިމީހުން މިޞްރަށް އަތުވެއްޖެއެވެ. 

ފިޠުރު ޢީދު

     މަލިންކަލޭގެފާނުން ގެންނެވި ވަފުދު އަޅުގަނޑުމެންނާ އެކު މިޞްރުގައި ތިއްބައި ފިޠުރު ޢީދު އަތުވެއްޖެއެވެ. ހުކުރު ދުވަހަކާ ދިމާވި މި ޢީދުގައި ކުޑަސޮރު ކާސިމު ނިޔާވެއްޖެއެވެ. إنَّا لِلّهِ وإنَّا إلَيهِ رَاجِعُون.

     ކޮންމެއަކަސް، ދިވެހިންގެ މިހާ ބޮޑު ޖަމާޢަތެއް މިތަނުގައި ތިބެ، މިއޮތް ފަދަ ޢީދު ދުވަހު، އަޒުހަރުގައި ހުންނަ ރުވާޤުލްހުނޫދުގެ ދަރިވަރުންނަށް އެއްޗެއް ނުދީ ތިބޭން ހެޔޮ ނުވާނޭ ކަމަށް އަންގައިފީމުއެވެ. އެރުވާޤުގައި 18 ވަރަކަށް މީހުން ތިބި އިރު، އެއިތެރެއިން 4 މީހުންނަކީ ދިވެހީންނެވެ. މިތަނަށް ޒިޔާރަތްކުޅަ އެހެން ޤައުމުތަކު މީހުން ވެސް އެބަަިމީހުންގެ ރުވާޤުގައި ތިބޭ ދަރިވަރުންނަށް ކޮންމެވެސް މިންވަރެއް ހަދިޔާ ކުރެތެވެ. މިދަރިވަރުންނަކީ އުޅެބޮޑުވި ވަޠަނާއި އަނބިދަރިން ދޫކޮށް، މުސްލިމުންގެ މައްޗަށް އޮތް ކިފާއީ ފަރުޟެއް އަދާކުރަން އައިސްފައި ތިބި ބައެއް ކަމާއި، އަޅުގަނޑުމެން އެއްޗެއް ހަދިޔާ ނުކޮށްފިނަމަ، ދެންތިބި ކުދިންގެ ނަޡަރުގައި ދިވެހި ދަރިވަރުންގެ އަގު ވެސް ވެއްޓިދާނޭކަން ވިސްނައިދީފީމުއެވެ. ހުރިހާ އެންމެންގެ ބައިވެރިވުން ލިބިއްޖެނަމަ، ކޮންމެ މީހަކު ކިތަންމެ ކުޑަ ފައިސާކޮޅެއް ލައިގެން ވެސް ފުދޭނެ ކަން ހަނދާންކޮށްދީފީމުއެވެ.

ޤުދުސަށް ދިޔުން

     ދެން ފަހެ ޝައްވާލުމަހުގެ ކުރީކޮޅު ދިވެހީންގެ ތެރެއިން ބަޔަކު ޤުދުސަށް ދާން އުޅެފޫއެވެ. އަޅުގަނޑު އެންގީމެވެ: "މީހަކަށް 10 12 ފަވަން ޚަރަދު ވެގެން ނޫނީ ތިޔަ ކަމެއް ނުވާނެއެވެ." (قُلتُ: ފަވަނަ: މިބަހީ ފައުނު = ރަނުގެ ސިއްކަ، والله أعلَم.) "އެވަރަށް ޚަރަދު ވެފައި، އަދި ޙައްޖުވެ މަދީނާވެގެން މާލެދެވޭ ވަރަށް ފައިސާ ހުރީ ވިއްޔާ ހުރި މީހަކު ދިޔައަސް އެންމެ ރަނގަޅެވެ." ދެން މަލިންކަލޭގެފާނާއި އިތުރު 6 މީހަކު ޤުދުސަށް ދާން ނިންމައިފޫއެވެ. މި 7 މީހުން ގޮވައިގެން ދިޔައީ އައްޑޫ ތުއްތީދީ އެވެ. މިބައިމީހުން ޤުދުސަށް ދާން ރޭލަށް އެރީ ޝައްވާލުމަހު 10 ދުވަހުއެވެ. މިޞްރުން ޤުދުސަށް ދެވެނީ 10 ގަޑިއިރުންނެވެ. މިބައިމީހުން ޤުދުސަށް ފުރި ދުވަހުގެ ފަހު ދުވަހު މަނަދޫ ހާރޫނު ބަލިވެގެން ހަސްފަތާލަށް ގެންގޮސްފިއެވެ.

     ޤުދުސަށް ދިޔަ ޖަމާޢަތް ޤުދުސުން އެނބުރި އައީ ޝައްވާލުމަހު 14 ދުވަހުއެވެ. ކޮންމެއަކަސް، ޙިޖާޒްކަރައިގެ ކަންކަން ހުރިނެތް މަގެއް ނޭނގުމާއި، އިހަށް ވެސް މުޙައްމަދު ދީދީ އެކަރައިގައި އުޅެފައި ހުރިކަމުން، ޙިޖާޒްކަރައަށް މިދީދީ ފޮނުވާން އަންގައިފީމުއެވެ. ދެން މީނާއާއި ބޮޑުގަލު ތުއްތުމަނިކާއި ދެމީހުން ޙިޖާޒަށް ދާން ސުވޭހަށް ފުރީ ޝައްވާލުމަހު 18 ދުވަހުއެވެ. މިދެމީހުން ޚަދީވީ ކުންފުނީގެ "މަންޞޫރާ" ކިޔާ ބޯޓުގައި ސުވޭހުން ޙިޖާޒަށް ފުރީ ޝައްވާލުމަހު 21 ދުވަހުއެވެ. ޖިއްދާ އަށް ދެވުނީ 24 ގައެވެ. މިމަހު 20 ދުވަހު، ކަނދޮޅުދޫ އިސްމާލު ކަލޭގެފާނުން ހުންއައިސް ބަލިވެގެން، ހަސްފަތާލަށް ގެންދެވުނެވެ. މަނަދޫ ހާރޫނު ގަދަވެގެން ނެރުނީ 23 ދުވަހުއެވެ.

ޙިޖާޒުކަރައަށް

     ދެން ފަހެ، ޝައްވާލުމަހު 27 ދުވަހު އެއްބަޔަކު ސުވޭހަށް ފޮނުވާފައި، 28 ދުވަހު ދެން ތިބި މީހުން ގޮވައިގެން ސުވޭހަށް ގޮސް، އެންމެންމެ ލޯކަންދާ ގައި 4 ދުވަހު ތިބެފައި، ޛުލްޤަޢިދާ 2 ވީ ހޮނިހިރު ދުވަހު ޚަދީވީ ކުންފުނީގެ "އެސް.އެސް. ކިނާ" ބޯޓުން ޙިޖާޒްކަރައަށް ފުރައިފީމުއެވެ.

     ސުވޭހުން ޙިޖާޒަށް ދާން ދަތުރަށް އެރުމަކީ ވަރަށް ބޮޑު ކަމަކީއެވެ. ހުރިހައި ސާމާނައިގެން ބޫރުތައުފީޤު ކިޔާ ތަނަށް ގޮސް، އެތަނުގައި އެތައް އިރަކު ތިބެގެން، ކަރަންޓީނުން ފެންވެރުވި ދުންބުރުވިގެން، އެތައް ކަމަކުން ފާސްވެގެން، ބޯޓަށް އަރައި، ފުރައިފީމެވެ. މިބޯޓަކީ ވެސް ދާދި ކުޑަ ވަރެއްގެ އާގު ބޯޓެކެވެ.

     ކޮންމެއަކަސް، ޛުލްޤަޢިދާ މަހު 3 ވީ އާދީއްތަ ދުވަހު ޠޫރުގައި ޖައްސައި، މިތަނަށް ބާލާންހުރި މުދަލާއި މީހުން ބާލާފައި 9 ޖެހިއިރު ފުރައިގެން ގޮސް، މީގެ ފަހު ދުވަހު ޔަންބުޢުގެ ބަނދަރުގައި ޖައްސައި، މިތަނަށްމެ ބާލާންހުރި މުދަލާއި މީހުން ބާލާފައި، ހަމަ މިދުވަހު ފުރައިގެން، ޛުލްޤަޢިދާ މަހު 5 ދުވަހު ޖިއްދާއަށް ދެވިއްޖެއެވެ. ޙިޖާޒުކަރައިގެ ރަސްގެފާނުންގެ މުސްތަޝާރު ކަމުގައިވާ ޙާފިޡު ވަހުބަތު ވެސް މި ބޯޓުން ދުރުވެންނެވިއެވެ. މީނާ އަކީ އެރަސްގެފާނުންގެ ހިޔަނިފުޅެވެ. ދެން މީނާ އާ އަޅުގަނޑު ވަރަށް ރަށްޓެހިވެ، ޙިޖާޒުކަރައިގެ ޚަބަރުތައް އެނގި އޮޅުން ފިލައިފިއެވެ. މުޠައްވިފަކާ މެދު އެހީމައި: "ހުރިހާ މުޠައްވިފުންނަކީ ވެސް ޙަރާމީން، ޚާއްޞަގޮތެއްގައި ސިރާޖުވަލީ.. ދެން ކަލޭމެން ބޭނުންވާ ބަޔަކު އެމީހުންކުރެ އިޚުތިޔާރު ކުރޭ، ކަލޭމެން ތިޔައީ މިނިވަނުން" މިފަދައިން ބުނުއްވައިފިއެވެ. (قُلتُ: މުޠައްވިފުންނަކީ ޠަވާފުގެ އިތުރުން، ޙައްޖުގެ އެކިއެކި މަނާސިކުތަކުގައި އިރުޝާދު ދީ، މަގުދައްކައިދީ ހަދާ މީހުންނެވެ. މިބައިމީހުންނަށް އުޖޫރައެއް ދޭން ޖެހެއެވެ. والله أعلَم.)

ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ޤަރުނެއް ކުރީގެ ޙައްޖު ދަތުރެއް (ފުރަތަމަ ބައި)

ޙާފިޡު ވަހުބަތު


     ދެން، ޖިއްދާ އަށް ލެފި ދުވަހު މެންދުރު ވީއިރު، 24 ގަޑީގެ ކަރަންޓީނުގައި ތިބުމަށް ބަނދަރުތެރޭގައި އޮތް ޖަޒީރަތު އަބޫ ސަޢީދަށް ފައިބައްޖައީމެވެ. މިރަށަށް ޙާފިޡު ވަހުބަތު ވެސް ފައިބެންނަވައިފޫއެވެ. މީނާ ފައިބެންނެވީ ދުންބައްތެއްޔެއްގައެވެ. (قُلتُ: ދުންބައްތެލި މިއީ ބައްތެލިފަހަރު ތެރެއިން އިންޖީނުލީ އޮޑިފަހަރެވެ. والله أعلَم.) މިރަށުގައި ބޯން ހުރީ ކިންދާޓާގެ ފެނެވެ. ކިންދާޓާއަކީ ލޮނު ކައްކައިގެން ފެން ނެރޭން ހުންނަ އިންޖީނަކަށް ކިޔާ ނަމެކެވެ. ދެން އަނެއް ދުވަހު މެންދުރުވީއިރު ކަރަންޓީނު ފިލައި، ޑަކުތަރުން އައިސް ބެލީމައި، ކޮންމެ ބަޔަކުމެ އެބަޔަކު އައި ބައްތެއްޔެއްގައި އެބައެއްގެ ސާމާނު އަރުވައިގެން ޖިއްދާއަށް ދަތުރުކޮށްފޫއެވެ.

ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ޤަރުނެއް ކުރީގެ ޙައްޖު ދަތުރެއް (ފުރަތަމަ ބައި)

ޖަޒީރަތު އަބޫ ސަޢީދު

ޖިއްދާގެ ފަރުމޭޓު

ޖިއްދާގެ ފަރުމޭޓަށް ފޭބުމުން އެކިއެކި ދޮރުން ވަދެވޭއިރު އެކިއެކި ސުވާލު ވެވެއެވެ. ފުރަތަމަ ތަނުން ޕާސްޕޯޓާ މެދުގައެވެ. ދެވަނަ ތަނުން ބައްތެލީގެ ކުއްޔެވެ. ތިންވަނަ ތަނުން މުޠައްވިފަކާ މެދުގައެވެ. ޙައްޖާޖީންގެ ފޮށިތަންމަތި ބެލުން މިތަނުގައި ވަރަށް ވެސް ލުޔެވެ. ކޮންމެއަކަސް، މުޠައްވިފަކާ މެދު ސުވާލުވެވުމުން، އިޚްތިޔާރުކުރީ ޢަބްދުލްވައްހާބު މައްދާޙު ކަމުގައި ބުނެފީމެވެ. ޖިއްދާގައި ކަލޭމެންގެ ވަކީލަކީ ކާކުހޭ އެހީމާ، މާލަބާރީ މޫސާގެ ޢަބްދުﷲ އޭ ބުނެފީމެވެ. ފަރުމޭޓުން އަވަދިވެގެން މިނަންގަތް ޢަބްދުﷲގެ ގެއަށް ދެވުނީ މެންދުރުން އަނބުރައި 2 ޖެހިއިރުގައެވެ.


މިޙިސާބުން މިލިޔުމުގެ ފުރަތަމަ ބައި ނިމުނީ އެވެ. ދެވަނަ ބަޔަށް އިންތިޡާރު ކުރައްވާށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން