ކޮލަމް

ބުރުސް ބަދަލުނުކޮށް ގިނަދުވަހު ބޭނުންކުރުމަކީ ސިއްޙަތަށް ކިހާ ގެއްލުންހުރި ކަމެއްކަން އެނގޭތަ؟

ބުރުސް ބަދަލުނުކޮށް ގިނަދުވަހު ބޭނުންކުރުމަކީ ސިއްޙަތަށް ކިހާ ގެއްލުންހުރި ކަމެއްކަން އެނގޭތަ؟

ހަލާކުވެފައިވާ ދަތްއުނގުޅާ ބުރުހެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2025، 06:00

21 ޖުލައި 2025، 06:00

ސާފުތާހިރުކަމާއި ދުޅަހެޔޮ ސިއްޙަތެއް ދެމެހެއްޓުމަށްޓަކައި، ދުވާލަކު މަދުވެގެން ދެފަހަރު ދަތްއުނގުޅުމަކީ އަޅުގަނޑުމެން އެންމެންގެވެސް އަސާސީ އާދައެކެވެ. އެހެންނަމަވެސް، އަޅުގަނޑުމެން ދަތްއުނގުޅުމަށް ބޭނުންކުރާ ބުރުސް ބަދަލުކުރަންޖެހޭ މުއްދަތާމެދު އެކަށީގެންވާ ސަމާލުކަމެއް ދެވޭތޯއެވެ؟ 

އާންމު ދިރިއުޅުމުގައި ޒީނަތްތެރިވުމަށް ބޭނުންކުރާ ތަކެތި އަވަސްއަވަހަށް ބަދަލުކުރެވޭއިރު، އަދި މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެތި އެކަށީގެންވާ ގޮތުގައި ނައްތާލެވޭއިރު، ދަތްއުނގުޅާ ބުރުހަށް އެކަށީގެންވާ ސަމާލުކަމެއް ދެވޭ ތަނެއް ނުފެނެއެވެ. އަދި ހަމައެހެންމެ، ބުރުސް ބަދަލުނުކޮށް ދިގު މުއްދަތަކަށް ބޭނުންކުރުމުގެ ނޭދެވޭ ޞިއްޙީ އަސަރުތަކާ ބެހޭގޮތުން ހޭލުންތެރިކަން ހުރީ ކިހާ މިންވަރަކަށްތޯއެވެ؟

އެމެރިކަން ޑެންޓަލް އެސޯސިއޭޝަންގެ ދަތުގެ މާހިރުންގެ ލަފާގައިވާ ގޮތުން، ކޮންމެ ތިން މަހަކުން އެއްފަހަރު ދަތްއުނގުޅާ ބުރުސް ބަދަލުކުރުމަކީ މުހިންމު ކަމެކެވެ. މިއީ އެ މުއްދަތުގެ ތެރޭގައި ބުރުހުގެ ނަރުތަކުގެ ފެންވަރު ދަށްވެ، އޭގެ އަސްލު މަސައްކަތް ކުރުމުގެ ޤާބިލުކަން ގެއްލޭތީއެވެ. ނަރުތަކުގެ ފެންވަރު ދަށްވުމުން، ދަތުގައި ހަރުލާފައި ހުންނަ ކުނިބުނި އެކަށީގެންވާ ގޮތެއްގައި ސާފެއްނުކުރެވޭނެއެވެ. މީގެ ސަބަބުން ހިރުގަނޑުގައި ޖަރާސީމު އުފެދުމާއި ދަތްފަނިކެއުން ފަދަ މައްސަލަތައް ދިމާވުމުގެ ފުރުޞަތު އިތުރުވެއެވެ.

މީގެ އިތުރުން، ޑެންޓިސްޓުންގެ ލަފާގައިވާ ގޮތުން، އަޅުގަނޑުމެންގެ ލޮލަށް ނުފެންނަ ކުދިކުދި ބެކްޓީރިއާތައް ބުރުހުގެ ނަރުތަކުގެ ދޭތެރޭގައި ހަރުލައެވެ. އެހެންކަމުން، ޚާއްޞަކޮށް ބަލިވެއުޅުމަށްފަހު ބުރުސް ބަދަލުކުރުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. ދަތްއުނގުޅާ ނިމުމަށްފަހު ބުރުސް ރަނގަޅަށް ހޫނު ފެނުން ސާފުނުކުރެވޭނަމަ، ބުރުހުގެ އެތެރެ ފަށަލާގައި ބެކްޓީރިއާ އަދި ފަންގަސް ފަދަ ޖަރާސީމު އާލާވުމުގެ ފުރުޞަތު އޮވެއެވެ. 

އެހެންކަމުން، ބުރުސް ބޭނުންކުރުމަށްފަހު އެކަށީގެންވާ ގޮތެއްގައި ސާފުކުރުމާއި، އެހެން ބުރުސްތަކާ ވަކިން، ރައްކާތެރި ތަނެއްގައި ރައްކާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބުރުސް ބަހައްޓާ ދަޅުފަދަ ތަކެތީގައި އެހެން މީހުންގެ ބުރުސްތަކާއެކު ބަހައްޓާނަމަ، ދެ ބުރުހެއްގެ ނަރުތައް ނުޖެހޭ ގޮތަށް، ބުރުހުގެ ނަރުގަނޑު ނިވާކުރެވިފައި ބެހެއްޓުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.

ތިމާގެ ދަތްއުނގުޅާ ބުރުސް ބޭނުންކުރަން ފެށި ތާރީޚު ހަނދާންނެތިއްޖެނަމަ، ބުރުހަށް އައިސްފައިވާ ބަދަލުތަކުން އެކަން  ދެނެގަނެވިދާނެއެވެ. ބުރުހުގެ ނަރުގަނޑު ފޮޅިފައި ހުރުމާއި، ނަރުތައް މަދުވެފައި ހުރުން، އަދި އެތެރެ ފަށަލާގައި ކަޅު ތިކިތަކެއް ފާހަގަކުރެވޭނަމަ، ލަސްނުކޮށް ބުރުސް ބަދަލުކުރުމަކީ މުހިންމު ކަމެކެވެ. އެހެންނޫންނަމަ، ތިމާއަށް ނޭނގި ނަމަވެސް، ތިޔަ ދަތުރުކުރަމުންދަނީ އެކިއެކި ބަލިތަކާ ދިމާއަށެވެ.

ގިނަ ފަހަރަށް ދަތަށް ދިމާވާ މައްސަލަތަކަކީ މި ދެންނެވުނު ޖަރާސީމުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށްވުން އެކަށީގެންވެއެވެ. އެހެންކަމުން، މިފަދަ ކުދިކުދި ކަންކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދިނުމުގެ ސަބަބުން، ބައެއް ޙާލަތްތަކުގައި ދަތްތައް ނަގަންޖެހުމާއި، ދަތް ވެއްޓިގެން ދިއުންފަދަ ނޭދެވޭ ނަތީޖާތަކާ ކުރިމަތިލާންޖެހިދާނެއެވެ. އެހެންކަމުން، ރައްކާތެރި އަދި ސާފުތާހިރު ދަތްއުނގުޅާބުރުހެއް ބޭނުންކުރުމަކީ ދުޅަހެޔޮ ދަތްތަކެއް ދެމެހެއްޓުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

މި ކަންކަމަށް ސަމާލުވެ، އަޅާލުން ބެހެއްޓުމަކީ ދަތުގެ ޞިއްޙަތު ރައްކާތެރިކޮށް، ދުޅަހެޔޮ ހިނިތުންވުމެއް ދެމެހެއްޓުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެކެވެ.

                    

                    

Ads by MSS

މި ލިޔުން ކިޔާލުމުން