ކޮލަމް
ބަހުގެ ހަމަލާ : ނުފެންނަ ޒަޚަމްތަކެއް، މުޅި އުމުރަށް ދެމިގެންދާ އަސަރުތަކެއް

ބެލެނިވެރިއެއް ކުޑަކުއްޖަކާއި ދިމާލަށް ހަޅޭލަވަނީ
މިއަދާ ހަމައަށްވެސް، ނަފްހާއަށް (އެދުމުގެ މަތިން ނަން ބަދަލުކުރެވިފައި) އާންމު ތަންތަނުގައި ސުވާލެއް ކުރެވުމުން ހިތްހަމަނުޖެހުން އިހުސާސްވެއެވެ. އެއީ މަސައްކަތުގެ މާޙައުލުގައި ނުވަތަ ގޭގައި ކަމުގައިވިޔަސް، އަދި އެއީ އެއަރކޮންޑިޝަނަރގެ ފިނިހޫނުމިން ބަދަލުކުރުން ފަދަ ކުޑަކުޑަ ކަމަކާ ގުޅޭ ސުވާލެއް ކަމުގައިވިޔަސްމެއެވެ. އެންމެންގެ ސަމާލުކަން އޭނާއަށް އަމާޒުވެފައިވާކަމާއި، އޭނާ ޖަވާބެއް ދޭންޖެހޭކަން އިހުސާސްވެއެވެ. އަދި ޖަވާބު ނުދެވިއްޖެނަމަ ދިމާވެދާނެ ނަތީޖާއާމެދު ކަންބޮޑުވެއެވެ. މިއީ މުޅިން އޭނާގެ ހިތުގައި އުފެދޭ ޚިޔާލުތަކެކެވެ.
އޭނާގެ ސިކުނޑި އިންތިހާއަށް މަސައްކަތްކުރަން ފަށައެވެ. އަދި އެތައް އަހަރެއްގެ ތެރަޕީއަށްފަހު، އޭނާއަށް މިކަން ފެށިގެން އައީ ކޮންތަނަކުންކަން އެނގުނެވެ. އެކަން ފެށުނީ މައިންބަފައިންގެ ފަރާތުންނާއި ސްކޫލުންނެވެ. "މަންމަ އަހަރެންނާ މެދު ވަރަށް ކެތްމަދުވެ، އަހަރެންނަށް މަންމަ އެދުނު ގޮތަށް ކަންތައް ނުކުރެވުނީމާ، ނުވަތަ މަންމަގެ އެދުންތަކާމެދު އޮޅުން އަރައިފިނަމަ ރުޅިއައިސް، އަހަރެންނަކީ ހަމަ ހުރިހާ ކަމެއްގައިވެސް އެއްވެސް ބޭނުމެއް ނެތް މީހެއްކަމަށް ބުނޭ. މިއީ ގޭގައި ހިނގާ ކަންތައްތައް،" ނަފްހާ ހިތާމައާއެކު ކިޔައިދިނެވެ. އަދި ސްކޫލުގައިވެސް މިގޮތަށްމިކަން ހިނގާފައިވެއެވެ. އެއްފަހަރު ޓީޗަރަކު އޭނާއަށް ސުވާލަކަށް ޖަވާބު ނުދެވުނު ކަމަށްޓަކައި، އެހެން ދަރިވަރުންގެ ކުރިމަތީގައި ނަފްސާނީގޮތުން އޭނާ ބަލިކަށިކޮށްލިއެވެ. "މުޅި ކްލާހުގައި އަހަރެން ރުއިން، އަދި މިއަދާ ހަމައަށްވެސް، މީހުންގެ ކުރިމަތީގައި ކަމެއް ކުރަން އެދިއްޖެނަމަ، އަހަރެންގެ ސިކުނޑި ހުއްޓޭ."
މިއީ ފުށުއެރުމެކެވެ. އޭނާ ވަނީ ދެބައެއްގެ ދެމެދުގައެވެ. އެއްބައިގައި ވަނީ ކަމަކާއިމެދު ފެންނަ ގޮތް ހިފެހެއްޓުމާއި އިތުބާރާއެކު ފަރިތަކަމާއެކު ކަމެއް ފެނުމުގެ ރޫހެވެ. އަނެއްބައިގައި ވަނީ ކުޑައިރުއްސުރެ އޭނާއާއެކު އައިސްފައިވާ ކަންކަމާއި، އޭނާއަކީ އެއްވެސް ކަމެއް ނުވާ މީހެއްކަމަށް ބުނެވިފައިވާ ބުނުންތަކުން އުފެދޭ ހިޔާލުތަކެވެ.
ބަހުގެ ބަރުދަން
ބަހުގައި ވަކި ޚާއްޞަ ބާރެއް ނުވަތަ ބަރުދަނެއް ވެއެވެ. އެއާ ގުޅިފައިވާ އެތައް ހަލާކުކުރަނިވި އަސަރުތަކެއް ވެއެވެ. އެއިން ތިބާގެ އިތުބާރު ގެއްލުވާލެވިދާނެއެވެ. ވަޅިއަކުން ކަފާލާހެން ތިބާ ކަފާލެވިދާނެއެވެ. އެއިން ތިބާގެ އަމިއްލަ އަގު ކަނޑުވާލެވިދާނެއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ތިބާއަށް އެކަން ހިނގަމުންދާކަން ނޭނގިވެސް ހުރެދާނެއެވެ. އެއިން ނުފެންނަހުރަސްތަކެއް، ހަމަ ޖިސްމާނީ ޒަޚަމްތަކެކޭ އެއްފަދައިން ދޫކޮށްލައެވެ. ތަފާތަކީ ބޭރުފުށަށް ނުފެންނަކަމެވެ.
އަދި ކުޑަކުއްޖެއްގެ ހައިސިއްޔަތުން، މި ބަސްތަކުން ސިކުނޑި އަލުން ބައްޓަންކުރެވިދާނެއެވެ. އެއިން މީހުންނާއި ގުޅުންތަކާމެދު ސިކުނޑިން ދެކޭގޮތް ބަދަލުވެއެވެ. ނަފްސާނީ ޑޮކްޓަރުން ކިޔައިދޭގޮތުގައި: ކުއްޖަކަށް ލަދުގަންނަވައި، ކުޑައިމީސްކޮށް ދެރަކޮށް އަދި ނިކަމެތިކުރާއިރު، އެމީހެއްގެ 'ނުރައްކަލުގެ' ނިޒާމު އިންތިހާއަށް މަސައްކަތްކުރަން ފަށައެވެ. ކަންބޮޑުވުން އިތުރުވެ، އަދި ރައްކާތެރި ހާލަތްތަކުގައިވެސް ދިފާޢުވާން ފަށައެވެ. "އެއާއެކުއެކީގައި، ހެޔޮކަމާއި ހިތްވަރުދިނުމުން އުފާވުމުގެ ޤާބިލުކަން ކުޑަވެގެން ހިނގައިދާނެ،" ދުބާއީގައި މަސައްކަތްކުރާ ނަފްސާނީ ޑޮކްޓަރު ރަމްޔާ ކްރިޝްނާ ކިޔައިދެއެވެ. ކުދިން ބޮޑުވަމުން އަންނައިރު، މިކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކާއި، އިތުބާރުކުރުމުގެ މައްސަލަތަކާއި އަދި އަމިއްލަ އަގު ދަށްވުމަށް މަގުފަހިވެ މައްސަލަތައް ކުރިމަތިކުރުވައެވެ.
ބަހުގެ ހަމަލާއަކީ ހަމައެކަނި މަދުމަދުން ހަޅޭއްލެވުމެއް ނޫން
ޔޫކޭގައި 20،000 އަށްވުރެ ގިނަ ބޮޑެތި މީހުންނާއެކު 2023 ވަނަ އަހަރު ކުރެވުނު ދިރާސާއެއްގައި، 5 މީހުންކުރެ 1 މީހަކު ބުނެފައިވަނީ އެމީހުން ބޮޑުވަމުން އައިއިރު ބަހުގެ ހަމަލާތައް ތަޖުރިބާކޮށްފައިވާ ކަމަށެވެ. މި ދިރާސާ ކުރީ ވާރޑްސް މެޓަރ އޮގަނައިޒޭޝަނުންނެވެ. މި ޖަމްޢިއްޔާ އުފެއްދީ ޖެސިކާ ބޮންޑީއެވެ. މި ޖަމްޢިއްޔާގެ މަޤްޞަދަކީ ބޮޑެތި މީހުން ކުޑަކުދިންނަށް ކުރާ ބަހުގެ އަނިޔާ ނުވަތަ ހަމަލާ ހުއްޓުވުމެވެ.
"ބަހުގެ އަނިޔާ ނުވަތަ ހަމަލާއަކީ ހަމައެކަނި މަދުމަދުން ރުޅިއައިސްގެން ހަޅޭއްލެވުމެއް ނޫން،" ކްރިޝްނާ ކިޔައިދެއެވެ. "އެއީ ވަކި ގޮތަކަށް އާދަވެފައިވާ އުޅުމެކެވެ. އަބަދުވެސް ފާޑުކިޔުމާއި، ކުރާ ކަންކަން ބަލައިނުގަތުމާއި، ނުވަތަ ހަރުކަށި ބަހުރުވައިން ވާހަކަދެއްކުމެވެ. މިއިން ކުއްޖާއަށް އިހުސާސްވަނީ އޭނާއަކީ އަގެއްނެތްކަމާއި، ބިރާއި، ނުވަތަ ލޯބިނުލިބޭ މީހެއްކަމެވެ. އަދި މިއިން ބޭރަށް ފެންނަ ޒަޚަމްތަކެއް ނުހުރިނަމަވެސް، މީގެ ގެއްލުން ވަރަށް ފުންކޮށް ސިކުނޑިއަށް ކުރޭ"
ދިރާސާއިން ދައްކާގޮތުގައި، މިއިން ސިކުނޑީގެ ނުރައްކަލުގެ ނިޒާމު އިންތިހާއަށް ތަޙައްމަލުކުރަންޖެހެއެވެ. އެހާ މިންވަރަށް އެ ނިޒާމު ތަޙައްމަލުކުރަންޖެހޭތީ، ނުރައްކަލެއް ނެތް ވާހަކަތައްވެސް ނުރައްކާތެރި ކަމެއްގެ ގޮތުގައި އިހުސާސްކުރެވެއެވެ. އެއާއެކުއެކީގައި، ސިކުނޑީގެ އިނާމުގެ ނިޒާމު ބަލިކަށިވެއެވެ. މިކަމުގެ ސަބަބުން ކުދިންނަށް އުފާވުމާއި، އެހެން މީހުން އިތުބާރުކުރުމާއި، އަދި އަމިއްލަ އަގުވަޒަންކުރަން އުނދަގޫވެއެވެ.
"މި ބަދަލުތައް ވަގުތު ފާއިތުވުމާއެކު ނުފިލާހުރޭ. މީގެ ސަބަބުން ބޮޑުވެގެން އަންނައިރުވެސް ދުޅަހެޔޮ ގުޅުންތައް ބިނާކުރުމާއި ނުވަތަ ނަފްސާނީގޮތުން ރައްކާތެރިކަން އިހުސާސްކުރުން އުނދަގޫވެދާނެ،" ކްރިޝްނާ ކިޔައިދެއެވެ.
އަދި އަހަރެމެންނަށް މިހުރިހާ ކަމެއް އެނގޭއިރުވެސް، ބަހުގެ ހަމަލާ ގިނަފަހަރު ފާހަގަނުކުރެވި ދެއެވެ. ތިބާ ރުޅިއައިސްގެން ބުނަންޖެހުނު އެއްޗެއް ބުނެ، ފަހުން އެކަން ހަނދާންނެތުނީއޭ ހިތަށްއަރައެވެ. އެކަމަކު ސިކުނޑިން އެކަން ރެކޯޑުކޮށްފައި ބަހައްޓައެވެ.
މީގެ އިތުރުން، ނިއުރޯސައިންސް ނިއުސްގެ ދިރާސާތަކުން ދައްކާގޮތުގައި ބަހުގެ ހަމަލާއިން ކުޑަކުއްޖެއްގެ ސިކުނޑީގެ އެކި ސަރަޙައްދުތަކަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ފައިޓް-އޯ-ފްލައިޓް ނިޒާމަކީ މީހުން ރައްކާތެރިކަމާއެކު ތިބުމަށް ނުރައްކާ ދެނެގަނެ އެއަށް ރައްދުދިނުމަށް އެހީވާ ނިޒާމެކެވެ. އެހެންނަމަވެސް، ގިނަގިނައިން އަނިޔާ ލިބުމުގެ ސަބަބުން މި ނިޒާމު އިންތިހާއަށް މަސައްކަތްކުރަން ފަށައެވެ. މި ހާލަތުގައި، އާދައިގެ ކަންތައްތައް ނުވަތަ ރަނގަޅު ނިޔަތުގައި ދެކެވޭ ވާހަކައެއްވެސް ނުރައްކަލެއްގެ ގޮތުގައި މާނަކުރެވިދާނެއެވެ. އަދި މި ބިރުވެރިކަން އެމީހުންގެ އިންސާނީ ގުޅުންތަކަށް ވަދަދެގަނެއެވެ. މިއިން ސިކުނޑީގެ އިނާމުގެ ނިޒާމު ބަލިކަށިވެއެވެ. މިއާ ޚިލާފަށް، ނުރައްލާއި ރައްކާތެރިކަމާއެކު އޮންނަ ގުޅުންތަކުން ކުދިންނަށް ރައްކާތެރި ގުޅުންތައް ބިނާކުރަން ދަސްވެއެވެ.
މުޅި އުމުރަށް ދެމިގެންދާ ނަތީޖާތައް
ކްރިޝްނާ ކިޔައިދޭގޮތުގައި، ބަހުގެ ހަމަލާގެ އަސަރު ވަރަށް ފުޅާކޮށް ފެތުރިގެންދެއެވެ. މިފަދަ އަނިޔާއާއެކު ބޮޑުވާ ކުދިންނަށް ގިނަފަހަރު އެހެން މީހުން އިތުބާރުކުރުމަށް އުނދަގޫވެއެވެ. އެމީހުން ބިރުގަންނަނީ ބަލައިނުގަތުމާއި އެކަނިވެރިކަމަށެވެ. އަދި ރައްކާތެރި ގުޅުމެއް އޮތުމުގެ ޚިޔާލު އެމީހުންނަށް އާދަޔާ ޚިލާފު ނުވަތަ ނުރައްކާތެރި ކަމެއްގެ ގޮތުގައި އިހުސާސްވެދާނެއެވެ. "ބަހުގެ އަނިޔާ ލިބިފައިވާ ކުއްޖަކު ބޮޑުވެގެން އަންނައިރު، އެމީހަކަށް ވެދާނެ ކަންކަމާއި ކުރިމަތިލުމަށް ޖެހިލުންވާ މީހަކަށް، އަދި އަބަދުވެސް އެހެން މީހުން އުފާކުރުވައިގެން ލޯބި ހޯދަން މަސައްކަތްކުރާ މީހަކަށް،" ކްރިޝޤނާ ކިޔައިދިނެވެ.
ވަގުތު ފާއިތުވަމުންދާއިރު، މި ކޮޕިންގ ސްޓައިލްގެ ސަބަބުން އެމީހުން ދެމިތިބެނީ ސަރވައިވަލް މޯޑުގައެވެ. މިކަމުގެ ސަބަބުން ދާއިމީ ނަފްސާނީ ބުރައާއި ބާރްންއައުޓަށް މަގުފަހިވެއެވެ. އަދި މިއިން އެމީހުންގެ ޞިއްޙަތަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި އާއިލީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރެއެވެ.
ކްރިޝްނާ އިތުރަށް ކިޔައިދޭގޮތުގައި، ބަހުގެ އަނިޔާގެ ސަބަބުން ބޮޑުވާ ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރުކުރުމަށް އުނދަގޫވެއެވެ. އެމީހުންނަށް އަމިއްލަ ޤާބިލުކަމާމެދު ޝައްކުވެ، އަދި އަމިއްލަ ނަފްސު ދަށްކޮށް ދެކުމަށް މަގުފަހިވެއެވެ. މީގެ ސަބަބުން އެމީހުންގެ ކާމިޔާމިޔާބީއަށާއި، އުފާވެރިކަމަށާއި، އަދި ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރެއެވެ. "ބަހުގެ އަނިޔާއިން ލިބޭ ޒަޚަމްތައް ފަސޭހައިން ނުފިލައެވެ. އެހެންނަމަވެސް، ރަނގަޅު ސަޕޯޓް ސިސްޓަމްތަކާއި ތެރަޕީގެ އެހީގައި، މި ޒަޚަމްތަކުން ރަނގަޅުވެ، ދުޅަހެޔޮ ގުޅުންތަކާއި އަމިއްލަ ނަފްސަށް އިތުބާރު ބިނާކުރެވިދާނެ،" ކްރިޝްނާ މައުލޫމާތުދެއެވެ.