Ads by Stelco

ޚަބަރު

ފްލެޓްތަކަށް ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭ ވާހަކަ އެއީ ބޮޑު ދޮގެއް: އެފްޑީސީ

ފްލެޓްތަކަށް ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭ ވާހަކަ އެއީ ބޮޑު ދޮގެއް: އެފްޑީސީ

އެފްޑީސީ އެމްޑީ ހަމްދާން ޝަކީލް

farudhun logo

ފަރުދުން

21 ޖުލައި 2025، 02:30

21 ޖުލައި 2025، 02:30

ފްލެޓްތަކަށް ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭ ކަމަށް ފަހި ޔޫނިއަންއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ދޮގު ޚަބަރެއް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ. 

"ފަރުދުން" އަށް މަޢުލޫމާތު ދެއްވަމުން ހަމްދާން މިގޮތަށް ވިދާޅުވީ މިއަދު މީޑިއާއެއްގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީ އިން ތަރައްޤީކުރި ފްލެޓްތަކުގެ ކުލިއާއި ބެހޭގޮތުން ދައްކަވާފައިވާ ވާހަކައަކަށް އިޝާރާތްކުރައްވަމުންނެވެ. ހަމްދާން ވިދާޅުވީ ކުލި ނުދައްކާ ފަރާތްތައް ޖޫރިމަނާކުރުމުގެ ފުރުސަތެއް އެފްޑީސީއަށް އެގްރީމެންޓުގެ ދަށުުން ފަހިކޮށްދީފައިނުވާ ކަމަށެވެ. އެހެންކަމުން، ކުލި ނުދައްކާ ފަރާތްތަކާމެދު އެފްޑީސީ އިން މިފަދަ ފިޔަަވަޅެއް ނާޅާނެކަމުގެ ޔަގީންކަން ހަމްދާން ވަނީ ދެއްވާފައެވެ. 

"އަޅުގަނޑުމެން މިއުޅެނީކީ ޖޫރިމަނާއެއް ކުރާކަށް ނޫން. ޖޫރިމަނާއެއް ނުވެސް ކުރެވޭނެ މި އެގްރީމެންޓްގެ ދަށުން. އިސްލާމިކް ޝަރީޢާ ކޮމްޕްލަޔަންޓް އެގްރީމެންޓެއް. މިއަކުއެއް ނީންނާނެ އެއްވެސް ޖޫރިމަނާއެއް"

ހަމްދާން ވިދާޅުވީ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ނުދައްކާ މައްސަލައަށް އެފްޑީސީގެ ފަރާތުން މިވަގުތު އަޅަންއޮތީ އެންމެ ފިޔަވަޅެއް ކަމަށެވެ. އެގޮތުން، މަހުން މަހަށް ކުލި ދައްކަން ޖެހޭ ދުވަހަށް ކުލި ދައްކާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން އެފްޑީސީ އިން ތަޢާރަފްކުރަން ހަމަޖެހިފައިވާ ސަބްސިޑީއަށް ހަމްދާން ވަނީ އިޝާރާތްކުރައްވާފައެވެ. މި ބީދައިން މަހުން މަހަށް ކުލި ބަރާބަރަށް ދައްކާ ފަރާތްތަކަށް 100 އިންސައްތައިގެ ސަބްސިޑައިޒްޑް ރެންޓް ދޭން ނިންމާފައިވާއިރު މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކުލި ނުދައްކާ ފަރާތްތަކަށް މި ސަބްސިޑީ ނުދިނުމަކީ އެފްޑީސީ އިން އަޅަން ކަނޑައެޅި ފިޔަވަޅުގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިސާލަކަށް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާ މީހަކަށް ފުލް ސަބްސިޑީ ލިބޭނެ ކަމަށާއި 15 ވަނަ ދުވަހާއި ހަމައަށް ނުދައްކައިފިއްޔާ ސަބްސިޑީގެ 25 އިންސައްތަ މަދުވާނެ ކަމަށް ހަމްދާން ވިދާޅުވެފައިވެ އެވެ. 

ހަމްދާން ވިދާޅުވީ އެފްޑީސީ އިން ކުލި ނުދައްކާ ފަރާތްތައް ޖޫރިމަނާނުކުރި ނަމަވެސް ކޯޓަށް ގެންދިއުމުގެ ބާރު ދައުލަތަށް ލިބިގެންވާ ކަމަށެވެ. ވަކި މުއްދަތެއް ވަންދެން ކުލި ނުދައްކާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ގެންދެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވާކަން ހަމްދާންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. 

އެހެން ނަމަވެސް، ވަގުތުން ވަގުތަށް ކުލި ނުދެއްކޭނެ ޙާލަތްތަކުގައި އެފްޑީސީ އިން ޢަމަލުކުރާ ޕޮލިސީއެއް އޮތް ކަމަށް ހަމްދާން މަޢުލޫމާތުދިނެވެ. 

"މިނިސްޓަރ މުއްޠަލިބުވެސް ވިދާޅުވެފައިވާނެ ޕްރެސްތަކުގަ އެގްރީމެންޓް މިހާރު ހަދާފަ ހުންނާނީ ފުދޭވަރަކަށް ދުވަސްވަންދެން ކުލި ނުދައްްކައިފިއްޔާމު މައްސަލަ ކޯޓަށް ގެންގޮސް އެވިކްޓް ކުރެވޭ ގޮތަށް. މިސާލަކަށް ސެލެރީ އެރޭންޖްމެންޓް އިންނަ ގޮތުން މަހުގެ މެދަށް މުސާރަ ލިބެނީ. އެކަހަލަ ފަރާތްތަކުން އަޅުގަނޑުމެންނަށް ލިޔުން ހުށަހަޅައިފިއްޔާމު އެކަމުގެ ލުއިތައް އަޅުގަނޑުމެން ދެއްވާނަން. އެބޭފުޅެއްގެ ސެލެރީ ލިބޭ ޑޭޓަކަށް ބަލާފައި ސިސްޓަމް އަޕްޑޭޓްކުރާނަން"

ހަމްދާން އިތުރަށް  ވިިދާޅުވިގޮތުގައި މި އެގްރީމެންޓާއި ކުރީގެ ސޯޝަލް ހައުސިން އެގްރީމެންޓްތަކުގެ ތަފާތަކީ ލީޒްޑް އޯވންޑް އެގްރީމެންޓަކަށްވާ ތަންކޮޅު ކަމަށެވެ. އެހެން ނަމަވެސް، ކެރިފޯރުންތެރިކަން ނެތް  މީހެއް ގޮވައިގެން ކޯޓަށް ނުދާނެ ކަމާއި އެފަރާތްތަކުގެ އުޒުރު އެފްޑީސީއަށް އެނގޭނެކަަމަށް ހަމްދާން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން