ޚަބަރު
އިންޑިއާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުއާއި ބައްދަލުކުރެއްވުން : ފޮޓޯ- ރައީސް އޮފީސް

ފަރުދުން
21 ޖުލައި 2025، 02:25
21 ޖުލައި 2025، 02:25
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރާތުގައި އިންޑިއާއާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުން ވަރުގަދަކޮށް ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާއިގުޅޭ މަޝްވަރާތައް ކުރައްވާފައިވެއެވެ. ދެ ބޭފުޅުންގެ މަޝްވަރާގައި ވަނީ، ދެ ޤައުމުން ހިއްސާކުރާ މަސްލަހަތުތަކާއި ގިޔަމުތަކުގެ މަތީ ދެ ޤައުމުން ބިނާކޮށްފައިވާ ބަދަހި ގުޅުމުގެ މައްޗަށާއި، ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެއީ ދެ ޤައުމުގެ ގުޅުމުގެ ބިންގާކަމުގައި ވިދާޅުވެފައެވެ.
ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދެފަރާތަށް ޤަބޫލުކުރެވޭ ހަމަތަކުގެ މަތީގައި މާނަވީ ގޮތެއްގައި މުޢާމަލާތްތަކެއް ކުރިއަށްގެންދިއުމަކީ ދިވެހި ސަރުކާރުގެ އިލްތިޒާމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާއިރު، މި ހިނގާ ޖުލައި މަހުގެ 25 އިން 26 އަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.