ދީން

ނަމާދު އެޅުމަކީ އެންމެންގެ ޙައްޤުތަކާ މެދު ވެވޭ އިހުމާލެއް، ގެއްލުން ވަނީ ހަމައެކަނި ތިމާއަކަށް ނޫން

ނަމާދު އެޅުމަކީ އެންމެންގެ ޙައްޤުތަކާ މެދު ވެވޭ އިހުމާލެއް، ގެއްލުން ވަނީ ހަމައެކަނި ތިމާއަކަށް ނޫން

ކުއްޖަކު ނަމާދުކުރަނީ.

farudhun logo

ފަރުދުން

21 ޖުލައި 2025، 01:43

21 ޖުލައި 2025، 01:43

ނަމާދު ޤާއިމްކުރުމަކީ ޝަހާދަތުގެ ދެކަލިމައަށް ފަހު އިސްލާމްކަމުގެ އެންމެ މުހިންމު ރުކުނެވެ. އިސްލާމްކަމުގެ ރުކުން ތަކުގެ ތެރެއިން ކޮންމެ ދުވަހަކު ތަކުރާރުވާ ހަމައެކަނި ވާޖިބަކީ ވެސް ނަމާދެވެ. އެހެނީ، މުދަލު ޒަކާތް ދޭން ޖެހެނީ އަހަރަކު އެއް ފަހަރު، ވަކި ނިޞާބެއް ހަމަވުމުންނެވެ. ރޯދަ ހިފަން ޖެހެނީ ކޮންމެ އަހަރެއްގެ ވެސް 29 ނުވަތަ 30 ދުވަހު އެކަންޏެވެ. ޙައްޖުވުން ފަރުޟު ވަނީ ޢުމުރުން އެއް ފަހަރު، ކެރިކުޅަދާނަކަން ހުރި މީހަކަށެވެ. ނަމަވެސް ނަމާދަކީ މުޅިން ތަފާތު އަޅުކަމެކެވެ. ބުއްދި ސަލާމަތުން ހުރި ހާ ހިނދަކު، ބާލިޣުވެފައިވާ މުސްލިމު ފިރިހެނަކަށް ޤަޞްދުގައި ނަމާދު ދޫކުރެވޭނެ އެއްވެސް ޢުޛުރެއް ނެތެވެ. އަދި ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މުސްލިމު އަންހެނަކަށް، ޙައިޟުނިފާސްކަން ފިޔަވައި ޤަޞްދުގައި ނަމާދު ދޫކުރެވޭނެ އެއްވެސް ޢުޛުރެއް ނެތެވެ.

ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ ނަމަ، އިށީންދެގެން ނަމާދު ކުރަން ޖެހެއެވެ. އިށީންދެގެން ނުކުރެވޭ ނަމަ އަރިކަށިމަތީ އޮށޯވެގެންނެވެ. އެވަރުވެސް ނުވާ ނަމަ އުއްޑުން އޮށޯވެގެންނެވެ. އެވަރުވެސް ނުވާނަމަ ލޮލުން ނަމާދުގެ ޙަރަކާތްތަކަށް އިޝާރާތްކުރާނީއެވެ. އެވަރުވެސް ނުވާނަމަ، ނަމާދުގެ ޙަރަކާތްތައް ހިތަށް އަރުވާނީއެވެ. މިއެންމެހައި ޙުކުމްތަކުން ދޭހަވަނީ ނަމާދުގެ މުހިންމު ކަމާއި މާތްކަމެވެ. ނަމަވެސް ހިތާމަކުރަން ޖެހޭ ކަމަކީ، އަދުގެ ޒުވާނުން ކުރެ ބަޔަކު ނަމާދަށް އޭގެ ޙައްޤު ޤަދަރު ނުދޭ ކަމެވެ. އަދި ނަމާދުތަކާ މެދު ފަރުވާކުޑަކުރާ ކަމެވެ. ނަމާދުއެޅުމުގެ ނުބައިކަން އެފަދަ މީހުންނަށް ނުވިސްނެނީ ކަމަށް ވެދާނެއެވެ.

ނަމާދުއެޅުމުގެ ނުރައްކަލަކީ ޙަޤީޤަތުގައި ނަމާދުއަޅާ މީހާއަށް އެކަނި ކުރިމަތިވާ ނުރައްކަލެއް ނޫނެވެ. އަދި ކިއެއްތަ: މުޅި މުސްލިމު އުންމަތަށް އެކަމުގެ ގެއްލުން ސީދާ ކޮށާއި ނުސީދާ ކޮށް ފޯރާނެއެވެ. މިގޮތުން، އިމާމް އަލް ޤައްފާލް އަލް ކަބީރް ލިޔުއްވާފައިވާ ގޮތުގައި، ނަމާދު އެޅުމަކީ 4 ފަރާތެއްގެ ޙައްޤުތަކާ މެދު ވެވޭ އިހުމާލެކެވެ.

1. މާތް ﷲގެ ޙައްޤު- އަޅުކަންކުރުން ޙައްޤުވެގެންވާ ހަމައެކަނި ފަރާތަށް އަޅުކަން ނުކުރުމުން، މާތްﷲ އަށް ނުކިޔަމަންތެރިވެވި، އަޅުތަކުންގެ މައްޗަށް ވާ އެކަލާނގެ ޙައްޤުފުޅާ މެދު އިހުމާލުވެވޭނެ އެވެ.

2- ރަސޫލުﷲ ގެ ފާނުގެ ޙައްޤު- ކީރިތި ރަސޫލާ صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ލެއްވުން މާތް ﷲ ވަނީ ފަރުޟުކުރައްވާފައެވެ. އެކަން ފަރުޟުވެގެން ވަނީ ނަމާދުގެ ފަހު އައްތަޙިއްޔާތުގައެވެ. ވީމާ، ނަމާދުއަޅައިފި މީހާ ކީރިތި ރަސޫލާ صلى الله عليه وسلمގެ ޙައްޤުފުޅާ މެދުގައި ވެސް އިހުމާލު ވެއްޖެއެވެ.

3. އަމިއްލަ މީހާގެ ޙައްޤު- ނަމާދުގައި އަމިއްލަ މީހާ އަށް ހެޔޮކަންކަމަށް އެދި ކުރާ އެންމެހައި ދުޢާ ތަކުން، ނަމާދުއަޅާ މީހާ މަޙުރޫމު ވާނެއެވެ. އަދި ﷲ ހަނދުމަކުރުމުން ލިބޭ ހިތްހަމަޖެހުން ވެސް ގެއްލިގެން ދާނެއެވެ.

4. އެންމެހައި މުސްލިމުތަކުންގެ ޙައްޤު- އެނެމެހައި މުސްލިމުންނަށާއި ޞާލިޙު އަޅުންނަށް ހެޔޮދުޢާ ކުރުން އައްތަޙިއްޔާތުގައި ހިމެނިގެންވެއެވެ. ވީމާ، ނަމާދުއަޅާ މީހާ މިދުޢާތައް ނުކިޔުމުން، އެންމެހައި މުސްލިމުންގެ ޙައްޤު ތަކާ މެދު އިހުމާލުވެއެވެ. މިކަމުގެ ސަބަބުން، ނަމާދުކުރާ މީހުންގެ ދުޢާތަކުގެ ޛަރީޢާއިން މާތް ﷲ މުސްލިމުންނަށް މިންވަރުކުރައްވާ ޢާންމު އަދި ޚާއްޞަ އެތައް ނިޢުމަތްތަކެއް ގެއްލިގެން ދިއުމަށް މަގުފަހިވެއެވެ.

އަލް ޤައްފާލް ވިދާޅުވެފައިވާ ގޮތުގައި، ނަމާދު އެޅުމަކީ އެހައި ބޮޑު ފާފައެއް ކަމުގައި ވެގެން ދިޔައީ، އެކަމުގެ ސަބަބުން މިއެންމެހައި ފަރާތްތަކުގެ ޙައްޤުތައް ގެއްލިގެން ދާތީ އެވެ.

ނަމާދު އެޅުމަކީ އެންމެންގެ ޙައްޤުތަކާ މެދު ވެވޭ އިހުމާލެއް، ގެއްލުން ވަނީ ހަމައެކަނި ތިމާއަކަށް ނޫން

މިއަރޓިކަލްގައި ވާ ވާހަކަތައް ހިމެނިފައިވާ ތަންކޮޅު، އަލްޤައްފާލް އައްޞަޣީރުގެ "ފަތާވާ"ގެ މެނުސްކްރިޕްޓްއަކުން. އަލް ޤައްފާލް އައްޞަޣީރު މިވާހަކަތައް ނަޤުލު ކުރެއްވީ އަލްޤައްފާލް އަލްކަބީރުގެ ކިބައިން

މީގެ އިދިކޮޅަކީ ވެސް ތެދެކެވެ. އެއީ: ނަމާދު ޤާއިމް ކުރާ މީހާ މިއެންމެހައި ފަރާތްތަކުގެ ޙައްޤުތަކަށް ރައްކާތެރިވުމުގެ ސަބަބުން، އޭނާގެ ޘަވާބު އިންތިހާ އަށް އިތުރުވެގެން ދާނެއެވެ.

ވީމާ، ކިތަންމެ ގިނަ ފާފައެއް ކުރެވުނަސް، ނަމާދު ދޫ ކޮށްނުލާށެވެ. ތިމާއަށް ގޯސްކޮށް އުޅެވޭތީ ނަމާދު ދޫކޮށްލަން ބުނާ ފިކުރުތަކަކީ ޝައިޠާނާގެ ވަސްވާސްތަކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ސުވަރުގެވަޑައިގެންނެވުމުގެ ކުރިން އެންމެ ފަހުން މިއުންމަތަށް ކުރެއްވި ވަޞިއްޔަތަކީ ވެސް "الصلاة الصلاة" މިއެވެ. މާނައީ: "ނަމާދެވެ! ނަމާދެވެ!" (އެބަހީ: ނަމާދަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ.)

ނަމާދުތަކަށް ރައްކާތެރިވުމުގެ ހެޔޮ ތައުފީޤު މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކުރައްވާށި!

މި ލިޔުން ކިޔާލުމުން