ޚަބަރު
4000 ފްލެޓް ލިބޭ ފަރާތްތަކަށް އެފްޑީސީގެ ފަރާތުން އިތުރު ޚިދުމަތެއް!

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާޓް ކޮށްފައިވާ ފްލެޓްތަކެއް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކުރި 4000 ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކަށް އިތުރު ޚިދުމަތެއް ތައާރަފްކުރަން ގަސްދުކޮށްފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން މިގޮތަށް ވިދާޅުވީ ރޭ އެމްއެމް ޓީވީގެ ޕްރޮގްރާމަކަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަމްދާން ވަނީ އެއްފަހަރާއި 4000 ޔުނިޓަށް މީހުން ބަދަލުވާއިރު ވަރަށް ބައިވަރު ތަކްލީފުތައް ކުރިމަތިވާނެ ކަމަށެވެ. މި ތަކުލީފުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން އެފްޑީސީ އިން މި ފަރާތްތަކާއެކު އެކުލަވާލާ އެއްބަސްވުމެއްގައި ޚާއްސަ އިޚްތިޔާރެއް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެެވެ. ބޭނުންވާ ފަރާތްތަކަށް އެތަންތަނުގެ ފަރުނީޗަރާއި ބަދިގެ ސާމާން ސަޕްލައިކުރެވޭނެ ގޮތަކަށް މިހާރު ރޭވިފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
މީގެ ތެރޭގަ ހިމެނޭނެ އުނދުން، މައިކްރޮވޭވް އަވަން، ހޮޓްޕޮޓް، ބަދިގެ ކަބަޑް ސެޓް، ކޮޓަރީގެ ކަބަޑް ސެޓް، ކޮޓަރީގެ ކަބަޑު ސެޓް، އެނދު، ޑައިނިން ޓޭބަލް، ޑައިނިން ޓޭބަލް ގޮނޑިތައް، ކޮފީ ޓޭބަލް. މީގަ ނުހިމެނޭނީ އޭސީއާއި ޓީވީ އަދި ފްރިޖް. މި ތިނެތި ފިޔަވައި ހުރިހާ އެއްޗެއް އަޅުގަނޑުމެން ހުންނާނީ ވަރަށް ފަސޭހަ، ކޮންމެ ބޭފުޅަކަށްވެސް ސައިންއަޕް ކުރެވޭ ގޮތަށް އެއްލައްކަ ރުފިޔާއަށް
މި އެއްލައްކަ ރުފިޔާ މަހަކު 2500 ރުފިޔާއަށް ބަހާލައިގެން ދައްކާގޮތަށް އަގުހެޔޮކޮށް ނެގޭނެހެން ސޮއިކުރާގޮތަށް އިޚްތިޔާރު އެބައޮތް ކަމަށް ހަމްދާން ވިދާޅުވިއެވެ. މި ހުރިހާ ކަމެއްގެ މިސާލުވެސް ހަމްދާން ވަނީ ނަންގަވާފައެވެ. އެގޮތުން 24 އޮޕްޝަނެއް ހިމެނޭ ކަމަށާއި އެމީހަކު ބޭނުންވާ ކަހަލަ ކުލައާއި އެއްޗެހި ލެވޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ. އެޕާޓްމެންޓަށް ބަދަލުވާންވާއިރަށް މިކަންކަން ފުރިހަމަވެފައިވާނެ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
ހަމްދާން އިތުރަށް ވިދާޅުވީ މިކަން މިގޮތަށް ކުރަން އެފްޑީސީން ނިންމީ ހިޔާ ފްލެޓް މިސާލަކަށް ބަލާފައި ކަމަށެވެ. ހިޔާ ފްލެޓަށް ބަދަލުވީ މީހުން އެތަންތަން ފަރނިޝް ކުރުމުގެ ތެރެއިން ސްކޭމް ކަހަލަ ކަންކަމާއިވެސް ކުރިމަތިލިކަން ފާހަަގަކުރެއްވިއެވެ. ހަމްދާން ވަނީ މިހެން ކަންތައް ކުރުމުން ފްލެޓްގެ ސްޓްރަކްޗަރއަށް ގެއްލުންވުން ފަދަ ކަންތައްތައް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ހަމްދާން މިގޮތަށް މަޢުލޫމާތުދެއްވާފައިވާއިރު މިހާރު އެފްޑީސީ އިން ދަނީ މިއަދުން ފެށިގެން މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުވުމުގެ މަސައްކަތް ފަށާފައެވެ. އެފްޑީސީ އިން ތަރައްޤީކުރި މި ފްލެޓްތަކަކީ ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި ފްލެޓްތަކެކެވެ.
ހަމްދާން ވިދާޅުވީ، ސޮއިކުރުން އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައިކަމަށެވެ. އަދި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 4:00 ކަމަށެވެ.
މީގެއިތުރުން ހަމްދާން ވިދާޅުވީ، އެފްޑީސީއިން އިސްކަންދެނީ އެންމެ ފުރަތަމަ ނިމިފައިވާ ޓަވަރުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ވެރިފަރާތްތަކާ ހަވާލުކުރުމަށްކަމަށެވެ.މިއަހަރުގެ ސެޕްޓެމްބަރު މަހަށް ފްލެޓްތަކުގެ ޙައްޤުވެރިން ފްލެޓްތަކަށް ބަދަލުކުރުވަން އަމާޒުކުރައްވާ ކަމަށް ހަމްދާން ވިދާޅުވެފައިވެ އެވެ.