ޚަބަރު
ޤަވާއިދުން ކުލި ދައްކާ މީހުންނަށް ޚާއްޞަ ސަބްސިޑީތައް ދެނީ: އެފްޑީސީ

ފޮޓޯ: އެފްޑީސީ

ފަރުދުން
21 ޖުލައި 2025، 12:39
21 ޖުލައި 2025، 12:39
ޤަވާއިދުން ކުލި ދައްކާ މީހުންނަށް ޚާއްޞަ ސަބްސިޑީތައް ދޭން އުޅޭ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން މިގޮތަށް ވިދާޅުވީ އެމްއެމް ޓީވީގެ ޕްރޮގްރާމަކަށް ރޭ ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ އެފްޑީސީން ދޫކުރާ ފްލެޓްތަކަށް ޤަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ހިތްވަރުދީ ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަބްސިޑީ ދިނުމަށް އެކުންފުނިން ތައްޔާރަށް ހުރި ކަމަށެވެ. ހަމްދާން މިގޮތަށް ވިދާޅުވެފައިވަނީ ސޯޝަލް ހައުސިން ފްލެޓްތަކަށް އެއްބަޔަކު ބަރާބަރަށް ކުލި ދައްކަމުންދާއިރު ބައެއް ފަރާތްތަކުން ކުލި ނުދައްކާ މައްސަލައަށް އިޝާރާތްކުރައްވަމުންނެވެ. ބޮޑެތި ލޯންތަކެއް ނެގުމަށްފަހު އަޅާފައިވާ މި ފްލެޓްތަކަށް ކަސްޓަމަރުން ކުލި ނުދައްކާނަމަ ކުރިއަށް އޮތް ތަނުގައި މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދެވޭނީ ކިހިނެއްކަމާއި ދޭތެރޭ ހަމްދާން ވަނީ ސުވާލު އުފައްދަވާފައެވެ. ކުލި ނަގަނީ ޚަރަދަށް ބަލާފައި ކަމަށާއި ކުލީގެ ފައިސާ އެއްވެސް ގޮތަކަށް އެފްޑީސީއަށް ނުވަންނާނެކަން ހަމްދާން ވަނީ ފާހަގަކުރައްވާފައެވެ.
4000 ފްލެޓް މަޝްރޫޢުގެ 2 ކޮޓަރިއާއި 3 ކޮޓަރީގެ ފްލެޓްތަކުގެ ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ ސަބްސިޑައިޒް ރެންޓެއް އޭގެ ތެރެއިން އެފްޑީސީ އިން ތަޢާރަފްކުރާނެ ކަމަށެވެ. އޭގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރާއިރު ޑިޕޮޒިޓެއް ހުށަހަޅާގޮތަށް ވެސް ހަދާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. އެއީ 2 ކޮޓަރީގެ ޔުނިޓަށް 15،000 ރުފިޔާ، 3 ކޮޓަރީގެ ޔުނިޓަށް 25،000 ރުފިޔާގެ ޑިޕޮޒިޓް ދައްކަންޖެހޭ ގޮތަށް ކަމުގައި ހަމްދާން ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ހަމްދާން ވަނީ ކުލި ނުދައްކާ ފަރާތްތަކަށް ސަަބްސިޑީ ދިނުމަކީ ބޭއިންސާފެއްކަން ފާހަގަކުރައްވާފައެވެ. ވީމާ، ޤަވާއިދުން އެ ދައްކަން ޖެހޭ ތާރީޚަށް ކުލި ދައްކާ ފަރާތްތަކަށް 100 އިންސައްތަ ސަބްސިޑީގެ ގޮތުގައި ދެ ކޮޓަރިއަށް 7000 ރުފިޔާ އަދި 3 ކޮޓަރިއަށް 9000 ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. އެކަމަކު، ކުލި ދެއްކުން ފަސްކުރަމުންގޮއްސަ މަހުގެ 25 އަށް ކުލި ނުދައްކައިފިއްޔާމު އެ ސަބްސިޑީއެއް ނުލިބޭނެ ކަމަށް ހަމްދާން މަޢުލޫމާތުދެއްވާފައިވެ އެވެ. އަދި އެފްޑީސީގެ ފްލެޓްތައް 25 އަހަރު ވަންދެން ކުލި ދައްކައިގެން ލީޒްޑް އޯވންޑް އެގްރީމެންޓްގެ ދަށުން މިލްކުވެވޭނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ޤަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ވަރަށް ކުލި ކުޑަވާނެ. ކުލި ފަސްކުރާ ވަރަކަށް ސަބްސިޑީ ދާނީ ކުޑަވަމުން. މަހުގެ 25 އާއި ހަމަައަށް ދާއިރު ސަބްސިޑީ ހުންނާނީ އެއްކޮށް ކެނޑިފަ. އޭރުން ބޮޑު ކުއްޔެއް ދައްކަންްޖެހޭނެ
މީގެ އިތުރުންވެސް، ހަމްދާން ވަނީ އެފްޑީސީން އަތޮޅު ތެރޭގެ އަރބަން ސެންޓަރުތަކަށް ޚާއްސަ މަޝްރޫޢުތައް ހިންގާނެކަމުގެ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން، ވަކި ރަށެއް ވަކި އަތޮޅެއް އިސްތިސްނާ ނުކޮށް ހިންގަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާކަން ހަމްދާން ވަނީ ފާހަގަކުރައްވާފައެވެ. އެއާއެކު، ހަމްދާން ވިދާޅުވީ އެފްޑީސީ އިން ނަގާ ލޯންތައް ދަށް އިންޓްރެސްޓް ރޭޓެއްގައި ހޯދުމަށް މުއައްސަސާތަކާއި މަޝްވަރާކުރެއްވި ކަމަށެވެ.