ދުނިޔެ

ޕާކިސްތާނުގައި އެއްފައިނެތް ޖަމަލެއް މަސްނުއީ ފަޔާއި އެކު ހިނގަން ދަސްކޮށްފި

ޕާކިސްތާނުގައި އެއްފައިނެތް ޖަމަލެއް މަސްނުއީ ފަޔާއި އެކު ހިނގަން ދަސްކޮށްފި

ކެމީ މަސްނުއީ ފަޔާއި އެކު ކޮޅަށް ތެދުވެ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2025، 12:25

21 ޖުލައި 2025، 12:25

ޕާކިސްތާނުގެ ދެކުނުގެ ސިންދުހް ޕްރޮވިންސުން އެއްފައި ނެތިފައިވާ ޖަމަލެއް ކަމަށްވާ "ކެމީ" އަށް މަސްނުއީ ފައި ލެއްވުމަށްފަހު ހިނގަން ދަސްކޮށްދީފިއެވެ. މިކަމުގެ ސަބަބުން އެ ޖަމަލަށް ބަލަހައްޓާ ފަރާތްތަކަށް ވަނީ ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފައެވެ.
ކެމީގެ ކުރިމަތީ ފައި ކަނޑާލާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ސަރަހައްދުގެ ދަނޑުވެރިއެކެވެ.

މިކަންކޮށްފައިވަނީ ކެމީ ކާނާ ހޯދަން ވެރިމީހާގެ ދަނޑަށް ވަނުމުން އެކަމުގެ އަދަބެއްގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޒަހަމްވެފައިވާ ކެމީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން ވަނީ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. ސަންގަހާރްގެ ޑެޕިއުޓީ ކޮމިޝަނަރު ވިދާޅުވީ، ވީޑިއޯ އާންމުވިތާ 1 ދުވަސްތެރޭ ކެމީ ވަނީ 250 ކިލޯމީޓަރު ދުރުގައި އޮންނަ ކަރާޗީއަށް ގެންގޮސްފައި ކަމަށެވެ. އެދުވަހުން ފެށިގެން ކެމީ ދިރިއުޅެމުންދަނީ ކަރާޗީގައި ހުންނަ ޖަނަވާރުންގެ ހިޔާގައެވެ.

ކަރާޗީގައި ހުންނަ ޖަނަވާރުންގެ ހިޔާގެ މެނޭޖަރު ޝީމާ ޚާން އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކެމީ ފުރަތަމަ ސަންގަހާރް އިން އައިއިރު ވަރަށް ބޮޑަށް ބިރުގަނެފައި ހުރި ކަމަށެވެ. "އެ ޖަމަލު ރޮއިރޮއި އޮތްތަން ދެކިފަ އަހަރެމެން ވަރަށް ހިތްދަތިވި،ފިރިހެނުން ދެކެ އެ ޖަމަލު ބިރުގަނޭ،" ޝީމާ ޚާން ވިދާޅުވިއެވެ.

ކެމީ ބަލަހައްޓާ ފަރާތްތަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ޖަމަލުގެ އިތުބާރު ހޯދުމެވެ. "އެ ޖަމަލު ހުރި ހާލު ބަޔާންކުރަން ބަހެއް ނެތް،" ޝީމާ ޚާން އިތުރަށް ވިދާޅުވިއެވެ.

ކެމީއަށް ރަނގަޅުވުމަށް އެހީތެރިވުމަށްޓަކައި، އެ ހިޔާގައި ތިބި މީހުން ވަނީ ކެލީ ނަމަކަށް ކިޔާ އިތުރު ޒުވާން ޖަމަލެއް އޭނާއާއި އެކުވެރިކޮށްފައެވެ. ކެލީގެ ހާޒިރީގެ ސަބަބުން ޒަހަމްވެފައިވާ ކެމީއަށް ވަނީ ހިތްހަމަޖެހުމެއް ލިބިފައެވެ. ކެލީ ދުވާތަން ފެނިގެން ކެމީ ވަނީ ފުރަތަމަ ފަހަރަށް ތިންފައިން ކޮޅަށް ހުންނަން މަސައްކަތްކޮށްފައެވެ..

ޒަހަމަށް ފަރުވާދީ، ފުރަތަމަ ބޭސްފަރުވާގެ މަރުޙަލާ ނިންމުމަށްފަހު، ކޮމްޕްރިހެންސިވް ޑިޒާސްޓަރ ރެސްޕޮންސް ސަރވިސަސް (ސީޑީއާރުއެސް) ބެންޖީ ޕްރޮޖެކްޓް ކިޔާ އެ ހިޔާއިން ވަނީ އެމެރިކާގެ ކުންފުންޏަކުން މަސްނުއީ ފައެއް ހޯދައި، ކެމީއަށް  ހަތަރު ފައިން ހިނގޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ވެޓެރިނޭރިއަން ބާބަރު ހުސެއިން އޭއެފްޕީއަށް ވިދާޅުވީ، މިއީ ޕާކިސްތާނުގައި  ޖަނަވާރަކަށް މަސްނުއީ ފައެއް ލެއްވި ފުރަތަމަ ފަހަރު  ކަމަށެވެ. "އަހަރެމެން އެ ޖަމަލަށް ހިނގަން މަޖުބޫރެއް ނުކުރަން. މަސްނުއީ ފައި ހަރުކުރުމަށްފަހު، އަހަރެމެން 15 އިން 20 މިނިޓާ ދެމެދުގެ ވަގުތެއް ވަންދެން މަޑުކުރަން. އެއަށްފަހު އެސޮރު އަމިއްލައަށް ތެދުވެ މަޑުމަޑުން ހިނގައިގަންނާނެ،" ވެޓެރިނޭރިއަން ހުސެއިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި އާ ފައަށް މުޅިން ހޭނުމަށް އިތުރު 15 ނުވަތަ 20 ދުވަސް ނަގާނެ ކަމަށެވެ.
ޝީމާ ޚާން ވިދާޅުވީ، ކެމީ މަސްނުއީ ފައި ލައިގެން ހިނގާތަން ފެނުމުން އޭނާއަށް ރޮވުނު ކަމަށާއި، އެއީ ހަގީގަތަކަށް ވެގެންދިޔަ ހުވަފެނެއް ކަމަށެވެ. ކެމީއަށް ބަލަހައްޓާ ފަރާތްތަކުން ބުނީ، ކެމީ ދާއިމީކޮށް އެ ހިޔާގައި ބެހެއްޓޭނެ ކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން