ކޮލަމް
ސިވެޓް ކޮފީ ހަދަނީ ކިހިނެއް؟

ސިވެޓް އެއް ކޮފީ ޗެރީ ކަނީ.

ފަރުދުން
21 ޖުލައި 2025، 12:14
21 ޖުލައި 2025، 12:14
ސިވެޓް ކޮފީ، ނުވަތަ "ކޮޕީ ލުވަކް" އަކީ ކޮފީގެ ބާވަތްތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް ބާވަތެވެ. މި ބާވަތުގެ ކޮފީ ޚާއްޞަ ވަނީ، މިބާވަތް އުފެއްދުމުގައި ސިވެޓް ކިޔާ ޖަނަވާރެއްގެ ބޭނުން ކުރާތީއެވެ. ދިވެހި ބަހުން މިޖަނަވާރަށް ކިޔަނީ ޒަބާދު ބުޅަލެވެ.
ސިވެޓް ކޮފީ އުފެއްދުމުގެ ފުރަތަމަ މަރުޙަލާ އަކީ ކޮފީ ޗެރީ ސިވެޓް އަކަށް ކާންދިނުމެވެ. ސިވެޓް ގެ ހަޖަމުކުރާ ނިޒާމުގެ ތެރޭގައި ކޮފީ މޭވާގެ އޮށް ފިޔަވައި އެހެން ހުރިހާ ބައިތައް ހަޖަމުވެއެވެ. ހަޖަމު ނުވެ ހުންނަ ކޮފީ އޮށްތައް ސިވެޓްގެ ގޮހޮރު ތެރެއިން ދަތުރު ކިރާ އިރު، އެއޮށްތައް "ފަރމެންޓް" ވެ، އެއޮށްތަކުގައި ހުންނަ ހިތިރަހަ ލައްވާ މާއްދާތައް ނައްތާލައެވެ. މިކަމުގެ ސަބަބުން، މިކޮފީ އޮށްތަކުން އުފައްދާ ކޮފީ މާ ފޮނި ވެފައި މީރެވެ.
ކޮފީ ޗެރީ ކެއުމަށްފަހު ސިވެޓް ބޮޑުކަމުދިއުމުން، ކޮފީ އޮށްތައް ނަގައި، އޮށްތައް ދޮވެ ރަނގަޅަށް ސާފުކުރެއެވެ. އެއަށް ފަހު އެއޮށްތައް އަވިން ހިއްކާ، ހަނާކުރުމަށް ފަހު އާދައިގެ ކޮފީ ފަދައިން މުގުރާލައެވެ. މިކޮފީ ޕައުޑަރ އިން އުފައްދާ ކޮފީއަކީ ނަންމަޝްހޫރު "ސިވެޓް ކޮފީ" އެވެ.
ސިވެޓް ކޮފީ ކިތަންމެ މީރު ކަމުގައި ވިޔަސް، މިކޮފީ އުފައްދާ ގޮތާ މެދު ބައެއް މީހުންގެ ކަންބޮޑުވުން ތަކެއް ހުރެއެވެ. މިގޮތުން، މިކޮފީގެ ޠާހިރުކަމާ މެދު ބައެއް މީހުން ޝައްކުކުރާ އިރު، އަނެއް ބައި މީހުން މިކޮފީ ބުއިމުން ދުރުހެލި ވަނީ، މިޞިނާޢަތުގައި ސިވެޓް ބަންދުކޮށްގެން ގެންގުޅޭ ގޮތުގެ ސަބަބުންނެވެ.