ދުނިޔެ
ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކަށް ޖަވާބުދާރީވުމަށް އައި.ސީ.ޖޭ. އިން ތާރީޚީ ނިންމުމެއް

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.)
ނެދަލެންޑްސްގެ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އިން ބުދަ ދުވަހު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް އޮންނަ ޤާނޫނީ ވާޖިބުތަކާ ބެހޭގޮތުން ތާރީޚީ މަޝްވަރާ ރައުޔެއް ނެރެފިއެވެ. މި ރައުޔަކީ، މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ޤައުމުތަކަށް، ޖައްވު ނުސާފުވެފައިވާ ބޮޑެތި ޤައުމުތަކުގެ ޒިންމާތައް ކަނޑައަޅައިދޭނެ މުހިންމު ޤާނޫނީ އޮނިގަނޑެއް ކަމަށް ބެލެވެއެވެ.
އ.ދ. އިން ވަނުއާޓޫގެ އެދުމަށް އެ ކޯޓަށް ހުށަހެޅި މައްސަލައެއްގައި، ޤައުމުތަކުން ގްރީންހައުސް ގޭސް ބޭރުކުރުން ހުއްޓުވައި، ތިމާވެށި ރައްކާތެރިކުރުމަށް އޮންނަ ވާޖިބުތަކަކީ ކޮބައިކަމާއި، މޫސުމީ ނިޒާމަށާއި ތިމާވެށީގެ އެހެން ބައިތަކަށް ގެއްލުންދޭ ޢަމަލުތައް ހިންގާ ޤައުމުތަކަށް ޤާނޫނީ ގޮތުން އޮންނާނެ ނަތީޖާތަކާ ބެހޭގޮތުން މަޝްވަރާ ރައުޔެއް ނެރުމަށް އައި.ސީ.ޖޭ. އަށް ވަނީ އެންގިފައެވެ.
މިގޮތުން، ކަނޑުގެ ލޮނުގަނޑު މަތިވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ތިމާވެށި ނާޒުކު ކުދި ޖަޒީރާ ޤައުމުތަކަށާއި މޫސުމީ ހާދިސާތަކުގެ ގެއްލުންތައް ތަޙައްމަލުކުރާ ޤައުމުތަކަށް މި ނިންމުމުގެ ސަބަބުން ފާހަގަކުރެވޭފަދަ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.
މިދިޔަ ޑިސެންބަރު މަހު އައި.ސީ.ޖޭ. ގައި މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދިޔައިރު، މިއީ "ހަނގުރާމަ" އެއްގެ ގޮތުގައި ސިފަކުރެވުނެވެ. އެހެނީ، ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތައް ވަނީ އެކި ނުފޫޒުތަކާއެކު މި މައްސަލައިގައި ބައިވެރިވެފައެވެ. އައި.ސީ.ޖޭ. ގެ ހޭގްގެ ޕީސް ޕެލަސްގައި މި އަޑުއެހުންތައް ކުރިއަށްދިޔައިރު، 100 އަށް ވުރެ ގިނަ ޤައުމުން ވަނީ ޤާނޫނީ ވަކާލާތުތައް ހުށަހަޅާފައެވެ. މިއީ އެ ކޯޓުގެ ތާރީޚުގައި އެންމެ ގިނަ ޤައުމުން ބައިވެރިވި އަޑުއެހުންތަކެވެ.