ޚަބަރު
މަންދީ، ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ސާބިތުވެއްޖެ

ސިވިލް ކޯޓް

ފަރުދުން
20 ޖުލައި 2025، 03:43
20 ޖުލައި 2025، 03:43
ްއެމްޑީޕީ އެކްޓިވިސްޓް މަރްޔަމް ޒުބައިރް (މަންދީ)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒުގެ ކަރާމާތަށް އަރައިގަތް ކަމަށް ސިވިލް ކޯޓުގައި ސާބިތުވެއްޖެއެވެ.
ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ރައީސްގެ އަނބިކަނބަލުން މަންދީއާއި ދެކޮޅަށް މައްސަލަ ހުށަހަޅުއްވާފައިވަނީ އެމްޑީޕީއިން މާޗް މަސް ތެރޭގައި ބޭއްވި އެއްވުމެއްގައި ރައީސްގެ ދެކަނބަލުންގެ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުން އެކުއްޖާގެ އަބުރަށް އަދި ކަރާމާތަށް އުނިކަމެއް އައި ކަމުގެ ތުހުމަތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް ނަސީމްގެ މަންމަ ކަމުގައިވާ މަންދީ ވަނީ ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރާތީ ކަމަށް އެއްވުމުގެ ތެރޭގައި ޢާންމުންނަށް އަޑުއިވޭގޮތަށް ތުހުމަތުކޮށްފައެވެ.
މަންދީގެ އިތުރުން އެމްޑީޕީއާއި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި ދެކޮޅަށް ދައުވާކޮށް، މިމައްސަލަ ސިވިލް ކޯޓަށް ހުށައަޅައިފައިވަނި މާރޗް މަހުގެ 19 ވަނަ ދުވަހުއެވެ. ސާޖިދާގެ ފަރާތުން މި މައްސަލައިގައި ވަކާލާތު ކުރެއްވި ޢާޒިމާ ޝަކޫރު ނެރުއްވައިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސްގެ ދަރިކަލުން ޢުމައިރަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އޭނާގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ޙާލަތެއް މެދުވެރިކުރުވައިފައިވާ ކަމަށެވެ.
ޢުމައިރުގެ ކިޔެވުމާއި މުސްތަޤްބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވީ ހިނދު، މިވާހަކަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލައިފައިވާތިއްޔާ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ ޢުމައިރުގެ މަންމަ ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މައްސަލަ ހުށައަޅަފައިވާ ކަމަށް އާޒިމާގެ ބަޔާނުގައިވެ އެވެ.
މި މައްސަލައާއި ގުޅިގެން ސާޖިދާ ވަނީ ތިން ކަމެއް ކުރުމަށް އެދިވަޑައިގެންފައެވެ. އެއީ، ޤާނޫނުއަސާސީންނާއި ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިން ދަރިކަލަށް ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްޤު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ދަރިކަލަށް ލިބިފައިވާ އަދި ލިބޭނެ ކަމަށް ޤަބޫލުކުރެވޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްޤު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށާއި، ދަރިކަލަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށާއި އޭގެ ސަބަބުން ނުކުމެފައިވާ ނަތީޖާއަށް ޢާންމުކޮށް މަޢާފަށް އެދުމަށް ދައުވާ ލިބޭ ފަރާތްތަކަށް ކޯޓުން އެންގުމަށެވެ.
ސިވިިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބެއްލެވި ޤާޟީ ފައިސަލް އާދަމް ހުކުމް ކުރައްވާފައިވަނީ ދައުވާ ރައްދުވާ އެމްޑީޕީއާއި ފައްޔާޒް އިސްމާޢީލްގެ ޣައިރު ޙާޟިރުގައެވެ.
ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރު (ކުއްޖާ) ގެ އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންދާކަން ސާބިތުވެއެވެ. މަރިޔަމް ޒުބައިރުގެ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްޤު ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށާއި، ގެއްލުމުގެ ބަދަލު ހޯއްދެވުމަށް ދައުވާކުރެއްވޭނެކަމަށް ޤާޟީ ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް ޢާންމުކޮށް މަޢާފަށް އެދުމަކީ ޤާނޫނު އަސާސީއިން ކޯޓަށް ފަހިކޮށްދީފައިވާ ބާރަކަށް ނުވާތީ ކޯޓަށް އެގޮތަށް ހުކުމް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.