ދުނިޔެ
ޣައްޒާގައި ބަނޑުހައިހޫނުކަން ހައްދުފަހަނައަޅާ، 4 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ނިޔާވެއްޖެ

ޣައްޒާގައި ކާން ލިބުމުގެ ދަތިކަން ތަޙައްމަލް ކުރަމުންދާ ކުޑަ އަންހެންކުއްޖެއް
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ބަނޑުހައިހޫނުކަމާއި ނުތަނަވަސްކަމުގެ ސަބަބުން 4 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ނިޔާވެއްޖެ ކަމަށް ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ.
މި ކުއްޖާ ނިޔާވީ އާދިއްތަ ދުވަހު ކަމަށާއި، މިއީ ރަޒާން އަބޫ ޒާހިރު ނަމަކަށް ކިޔާ ކުއްޖެއް ކަމަށް ދެއިރުލް ބަލަހްގައި ހުންނަ އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ޑޮކްޓަރުން ވިދާޅުވީ ކުއްޖާ މަރުވީ ވަރަށް ނާޒުކު ހާލަތަކަށް ވާސިލްވެފައިވާ މެލްނިއުޓްރިޝަން (ބަނޑުހައިހޫނުކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ކާނާ ނުލިބުން) ގެ ސަބަބުން ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.
މިކަމާ ގުޅިގެން، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިވާން އުފައްދާފައިވާ އދ. ގެ އެޖެންސީ، ޔޫ.އެން.އާރު.ޑަބްލިޔޫ.އޭ އިން ވަނީ ޣައްޒާގައި ކުޑަކުދިންނަށް ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ މިންވަރު އިތުރުވަމުންދާކަމަށް އިންޒާރު ދީފައެވެ. އެ އެޖެންސީން ހާމަކުރި ގޮތުގައި، މިދިޔަ މާރޗް އާއި ޖޫން އާ ދެމެދު އެމީހުންގެ ހެލްތް ސެންޓަރުތަކުން ފަސް އަހަރުން ދަށުގެ 74،000 ކުޑަކުދިންގެ ހާލަތު ބެލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
މިބެލުންތަކުން ވަރަށް ނާޒުކު ހާލަތެއްގައި ތިބި 5،500 އެއްހާ ކުޑަކުދިން ފެނިފައިވާ އިރު، މީގެތެރެއިން 800 އަށްވުރެ ގިނަ ކުދިން ތިބީ އެންމެ ނާޒުކު ހާލަތުގައެވެ.ޔޫ.އެން.އާރު.ޑަބްލިޔޫ.އޭ އިން ބުނީ ޣައްޒާއަށް މި ހާލަތު ކުރިމަތިވެފައިވަނީ އިސްރާޢީލުން އެ ސަރަހައްދު ވަށައިގެން އަޅާފައިވާ ބްލޮކޭޑްގެ ސަބަބުން ކަމަށެވެ. މި ބްލޮކޭޑްގެ ސަބަބުން ޣައްޒާއަށް ބޭނުންވާ ކާނާއާއި ބޭސްފަރުވާއާއި އެހެނިހެން އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާ ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.