ދުނިޔެ
މަސްޖިދުއްނަބަވީގައި ޤުރުއާނުގެ ޙަލަޤާތައް އިތުރަށް ތަރައްޤީކުރަން އާ ބޯޑެއްގެ މަސައްކަތް ފަށައިފި

މަސްޖިދުއްނަބަވީގައި ހިންގާ ކީރިތި ޤުރުއާނާއި މުތޫނުގެ ކްލާސްތައް ހިންގާ އިދާރާގެ ފުރަތަމަ ބޯޑު ބައްދަލުވުން
މަސްޖިދުއްނަބަވީގެ ދީނީ ކަންތައްތަކާބެހޭ ރިއާސަތުން، މަސްޖިދުއްނަބަވީގައި ހިންގާ ކީރިތި ޤުރުއާނާއި މުތޫނުގެ ކްލާސްތައް ހިންގާ އިދާރާގެ ފުރަތަމަ ބޯޑު ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ދީނީ ކަންތައްތަކާބެހޭ ރައީސް ޝެއިޚް ޑރ. ޢަބްދުއްރަޙްމާން އަލް-ސުދައިސްގެ ރިޔާސަތުގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރުއާނާބެހޭ ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ޕްރޮގްރާމްތަކުގެ ދާއިރާ ފުޅާކުރުމެވެ. ބައްދަލުވުމުގައި ބައިވެރިންވަނީ ކުރިއަށް އޮތް ތަނުގައި ހާސިލުކުރެވިފައިވާ ކާމިޔާބީތައް މުރާޖަޢާކޮށް، މި އާ ބޯޑުގެ ބާރާއި ވާޖިބުތައް ކަނޑައަޅާފައެވެ. އަދި، ޕްރޮގްރާމްތަކުގެ ޢިލްމީ އަދި ތަޢުލީމީ އަސަރު ފުޅާކުރުމަށްޓަކައި، ބަދަލުތަކަށް ވޯޓުދީ، މުހިންމު ނިންމުންތައްވެސް ނިންމާފައިވެއެވެ.
ބައްދަލުވުމުގެ ބައިވެރިންވަނީ ޤުރުއާނުގެ ކްލާސްތަކަށް ސަޢޫދީ ޢަރަބިއްޔާގެ ވެރިންގެ ފަރާތުން ލިބިގެންދާ ބޮޑު އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ. އަދި، މިފަދަ މަސައްކަތްތަކުގެ ސަބަބުން މަސްޖިދުއްނަބަވީއަކީ ޢިލްމީ މައިދާނުގައި ފާހަގަކޮށްލެވޭ އަލިގަދަ މަޝްޢަލެއްގެ ގޮތުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.