ދުނިޔެ
ފައިޓަރ ޖެޓްތަކެއް ވައްޓާލިކަމަށް ޓްރަމްޕް ބުނި ވާހަކައިގެ ހަގީގަތް ހާމަކުރަން މޯދީއަށް ގޮވާލައިފި

ރާހުލް ގާންދީ
އިންޑިއާގެ އިދިކޮޅު ސިޔާސީ ޕާޓީ ކޮންގްރެސް އިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި އަސްކަރީ ކުރިމަތިލުމެއްގައި ފަސް ފައިޓަރ ޖެޓް ވައްޓާލާފައިވާ ކަމަށް ބުނެފައިވާ ވާހަކައިގެ ހަގީގަތް ބޮޑުވަޒީރު ނަރެންދުރަ މޯދީ ހާމަކުރުމަށް ގޮވާލައިފިއެވެ.
މިކަމަށް ގޮވާލާފައިވަނީ ކޮންގްރެސް ލީޑަރު ރާހުލް ގާންދީ، މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ލިޔުއްވާފައިވަނީ "މޯދީ ޖީ، ފަސް ޖެޓްގެ ހަގީގަތަކީ ކޮބައިތޯ؟ ގައުމަށް އެކަން އެނގުމަކީ ހައްގު ކަމެއް" މިހެންނެވެ.
މި މައްސަލަ ފެށިފައިވަނީ ޑޮނަލްޑް ޓްރަމްޕް ހައިރާން ކުރުވަނިވި ބަޔާނެއް ދެއްވުމުންނެވެ. އެމެރިކާގެ ރިޕަބްލިކަން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއެކު ވައިޓް ހައުސްގައި ބޭއްވި ރޭގަނޑުގެ ކެއުމެއްގައި ޓްރަމްޕް ވަނީ އިންޑިއާ-ޕާކިސްތާން ދެމެދު ހިނގި ހަމަލާތަކާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.
ޓްރަމްޕް ވަނީ މެއި 10 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ހަމަލާ ހުއްޓާލުމަށް މަގުފަހިވީ އެމެރިކާގެ ބައިވެރިވުމުގެ ސަބަބުން ކަމަށް ވެސް ދައުވާކުރައްވާފައެވެ. އެބޭފުޅާ ވިދާޅުވި ގޮތުގައި، އެމެރިކާގެ ޑިޕްލޮމެޓުން ވަނީ ދެ ފަރާތާ ސިއްރުން ގުޅާ، އިތުރު އަސްކަރީ ހަމަލާތަކެއް ހިނގިޔަ ނުދިނުމަށްޓަކައި ސުލްހަ އަށް އެދި ބާރުއަޅާފައެވެ.
ނަމަވެސް އިންޑިއާ އިން ވަނީ މި ދައުވާތައް ދޮގުކޮށްފައެވެ. އިންޑިއާ އިން ބުނާ ގޮތުގައި ހަމަލާ ހުއްޓާލީ އެމެރިކާގެ އެއްވެސް ބާރެއް ނުވަތަ އިންޒާރެއްގެ ސަބަބުން ނޫނެވެ. އޭގެ ބަދަލުގައި، އިންޑިއާގެ އޮފިޝަލުން ހާމަކުރަނީ ހަމަލާ ހުއްޓާލުމުގެ ނިންމުން ނިންމީ ނިއު ދިއްލީ އާއި އިސްލާމާބާދާ ދެމެދު ސީދާ މަޝްވަރާތަކަށްފަހު ކަމަށެވެ.
ކޮންގްރެސް ޕާޓީގެ ކޮމިއުނިކޭޝަންސް އިންޗާޖް ޖައިރާމް ރަމޭޝް ވަނީ ބޮޑުވަޒީރަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޓްރަމްޕް ތަކުރާރުކޮށް ކުރައްވާ ދައުވާތަކަށް މޯދީ ޖަވާބުދެއްވާފައި ނުވާ ކަމަށެވެ.