ދީން
އަބޫ ނުވާސްގެ ވާހަކަ: ވަޤުތު ފާއިތު ނުވަނީސް ތައުބާވޭ!

އަބޫ ނުވާސް.

ފަރުދުން
20 ޖުލައި 2025، 12:00
20 ޖުލައި 2025، 12:00
އަބޫ ނުވާސް އަކީ ޢައްބާސީ ޒަމާނުގައި އުޅުނު ޝާޢިރެކެވެ. "އަލްފު ލައިލާ ވަ ލައިލާ"ގެ މަޝްހޫރު ފުލޯކު ވާހަކަ ތަކުގައި ވެސް މީނާގެ ނަން ގަނެވިފައިވެއެވެ. ނުހަނު ހަގު ޢުމުރުގައި މީނާގެ ބައްޕަ ނިޔާވުމުން، މަންމައާ އެކު ބަޞްރާއަށް ހިޖުރަކޮށް، އެތަނުގައި ކީރިތި ޤުރުއާން މީނާ ހިތުދަސް ކުރިއެވެ. ނަމަވެސް، ފަހުން މީނާގެ ޙަޔާތުން ފެނިގެން ދިޔައީ މުޅިން ތަފާތު ކުލަވަރުތަކެކެވެ.
މި މައްސަލަތައް ފެށުނީ، އަބޫ ނުވާސް ކުޑަ ޢުމުރުގައި ވަލީބާ އޭ ކިޔުނު ޝާޢިރު މީހާ އާ އެކު ކޫފާ އަށް ދިޔުމުންނެވެ. އަބޫ ނުވާސްގެ ކިބައިގައި ޅެންވެރިކަމުގެ ހުނަރު ހުރި ކަމާއި، ޅެންވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އަބޫ ނުވާސް އަށް މީނާ ބުނެދިނެވެ. ޅެންވެރިކަމޭ ބުނުމުން އެހައި ގޯސް ކަންތައްތަކެއް އަޅުގަނޑުމެންގެ ހިތްތަކަށް ނޭރިއަސް، އެޒަމާނުގެ ޅެންވެރީން ކުރެ ގިނަ މީހުންނީ ވިޔާ ނުދާ ހަޑިހުތުރު ވާހަކަތަކުން ޅެން ހަދައި އުޅުނު ބައެކެވެ.
ކޮންމެއަކަސް، އަހިވަކާ ޖެހި އަހިވައް ފާ ވާ އުޞޫލުން، އަބޫ ނުވާސް ވެސް މިޝާޢިރުންނާ އެކު އުޅުމުން، މިމީހުންގެ ހުތުރު ޢާދަތައް ދަސްކުރަން ފެށިއެވެ. އެމީހުންނެކޭ އެއްފަދައިން، އަބޫ ނުވާސް ވެސް ފާޙިޝް ކަންކަމާއި ރާބުއިމާ ބެހޭ ޅެންތައް ހަދައިގެން، މިކަމަށް މީނާ މަޝްހޫރު ވެއްޖެއެވެ. އަދި މި ޙިސާބުން ނިމުނީ އެއް ނޫނެވެ. މި ފުން އަނދަވަޅު ތެރޭގައި އޮވެ، ކުފުރުގެ ބަސްތައް ވެސް މީނާ އަށް ވަނީ ބުނެވިފައެވެ.
މިއިތެރެއިން ޅެމެއް:
دَعِ المَساجِدَ لِلْعُبَّادِ تَسْكُنُهَا ... وَسِرْ إلَى حَانَةِ الخَمَّارِ يَسْقِينَا
مَا قَال رَبّكَ وَيْلٌ لِلأُلَى سَكِرُوا ... وَإنّمَا قَال وَيْلٌ لِلمُصَلِّينَا
މާނައީ:
"އަޅުވެރީންނަށް މިސްކިތްތައް ދޫކޮށްލާށޭ، އެމީހުން އެތާނގައި ތިބެން... އަހަރެމެން ރާ ބޯ ތަނަށް ރާބޯން ދާން ހިނގާށޭ.
ކަލޭގެ ރައްބު (ﷲ) ވަޙީނުކުރައްވައޭ: ރާ ބޯ މީހުނަށް ހާލާކު ހުއްޓޭ... އެހެނެއްކަމަކު އެކަލާނގެ ވަޙީކުރެއްވިއޭ: ނަމާދުކުރާ މީހުންނަށް ހަލާކު ހުއްޓޭ."
މިޅެމުގައި އަބޫ ނުވާސް ކުރި ކަމަކީ: ޤުރުއާނުގެ ތަންކޮޅެއް މާނަ އޮޅޭ ގޮތަށް ނަގައިގެން ބޭނުންކުރީ އެވެ. އެއީ އަލްމާޢޫން ސޫރަތުގައި ވާ "فَويلٌ للمُصَلّينَ الّذينَ هُم عَن صلاتِهم ساهُونَ الّذينَ هم يراءُون" މިއާޔަތްތަކެވެ. މާނައީ: "ފަހެ ނަމާދުކުރާ މީހުންނަށް ހަލާކު ހުއްޓެވެ.. އެއީ އެމީހުންގެ ނަމާދާ މެދު ޣާފިލުވެ ތިބެ ނަމާދުކުރާ މީހުންނެވެ. ދެއްކުންތެރިކަމަށް ނަމާދުކުރާ މީހުންނެވެ."
މިއާޔަތްތަކުގެ ފުރަތަމަ ތަންކަޅު ނަގައި، ބާޠިލް ގޮތުގައި އަބޫ ނުވާސް ވަނީ އެތަންކޮޅު ބޭނުންކޮށްފައެވެ.
އަބޫ ނުވާސްގެ ތައުބާ
އަބޫ ނުވާސް ތައުބާ ވީ މަރުވުމާ ވަރަށް ގާތް ވުމުންނެވެ. މީނާގެ ތައުބާގައި ރިވާވެގެންވާ ރިވާޔަތްތަކުގެ ތެރެއިން މަޝްހޫރު ދެރިވާޔަތެއް ހިމަނާލާނަމެވެ:
އެއިތެރެއިން އެކެއް:
އިމާމް އައްޝާފިޢީ ވިދާޅުވިއެވެ: އަބޫ ނުވާސް މަރުގެ ތަންމަތީގައި އޮއްވައި ތިމަންކަލޭގެފާނު އޭނާގެ ކޮޓަރިއަށް ވަދެވަޑައިގަތީމެވެ. އަދި ސުވާލު ކުރެއްވީމެވެ: "މިދުވަހަށް ކަލޭ ތައްޔާރުކުރީ ކޮން އެއްޗެއް ހެއްޔެވެ؟"
އެހިނދު އަބޫ ނުވާސް ޅެމެއް ހަދާފައި ކިޔައިފިއެވެ:
تَعَاظَمَنِي ذَنْبِي فَلَمَّا قَرَنْتُهُ ... بِعَفْوِكَ رَبِّي كَانَ عَفْوُكَ أَعْظَمَا
وما زِلْتَ ذَا عَفْوٍ عَنِ الذَّنْبِ لَمْ تَزَلْ ... تجودُ وتَعفُو مِنّةً وتكَرُّمَا
ولولاك لَم يَصمد لإبليسَ عَابدٌ ... وَكيفَ وَقد أغوَى صَفِيَّك آدَمَا
މިޅެމުގެ މާނަ:
އަޅުގެ ފާފައިގެ ބޮޑުކަން އެނގިއްޖެއޭ، އެކަމަކު އިބަރަސްކަލާނގެ ޢަފޫކުރެއްވުމާ އަޅާބެލިއިރު، އެޢަފޫކުރެއްވުން މާ ބޮޑޭ.
ފާފަތައް ފުއްސަވާ ކަލަކު ކަމުގައި އަބަދުމެ އިބައިލާހު ވޮޑިގެންވެޔޭ، އިބަރަސްކަލާނގެ ހެޔޮފުޅުކަމާއި ނިޢުމަތްފުޅުން، ދީލަތިވަންތަ ކަލަކު ކަމުގައި އަބަދުމެ އިބައިލާހު ވޮޑިގެންވެޔޭ.
އިބައިލާހުގެ ވާގިފުޅާ ނުލައި އެއްވެސް އަޅަކަށް އިބްލީސް ބަލި ނުކުރެވޭނެޔޭ... ކިހިނެއް ތޯއޭ، ފަހެ އިބަރަސްކަލާނގެ ޠާހިރު ކުރެއްވި އާދަމުގެފާނު ވެސް އޭނާގެ އަވާގައި ޖެއްސީ ވިއްޔާއޭ.
ދެވަނަ ރިވާޔަތް:
އަބޫ ނުވާސް މަރުވުމުން، އޭނާގެ އެނދުގެ ބޯލާ ކޮޅުގައި އޮތް ކަރުދާސް ކޮޅެއް ފެނުނެވެ. އެކަރުދާސް ކޮޅުގައި އޮތީ މަފަދައިންނެވެ:
يَا رَبِّ إِنْ عَظُمَت ذنُوبِي كَثرَةً ... فَلقَد عَلِمتُ بأنّ عَفوَك أعظَمُ
أدعُوك ربّي كَمَا أَمَرْتَ تَضَرُّعًا ... فَإِذَا رَدَدْتَ يَدِي فَمَنْ ذا يَرحَمُ
إِنْ كَانَ لَا يَرْجُوكَ إِلَّا مُحْسِنٌ ... فَمَنِ الّذي يرجو المُسِيءُ المُجرِمُ
مَا لِي إِلَيْكَ وَسِيلَةٌ إِلَّا الرَّجَا ... وَجَمِيلُ عَفوِكَ ثُمّ أنّي مُسلِمُ
މިއީ އިހުގެ ޅެމާ އެއްގޮތް ކަމެއް ހުރި ޅެމެކެވެ.
މިޅެމުގެ މާނަ:
އަޅުގެ ވެރިރަސްކަލާއްކޮ! އަޅުގެ ފާފަތައް ކިތަންމެ ބޮޑުވެފައި ގިނަވިޔަސް... އިބަރަސްކަލާނގެ ޢަފޫކުރެއްވުން މާ ބޮޑު ކަމުގައި އަޅު ޔަޤީންކުރަމޭ.
އިބަރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންވެ ހުރެ، މަޑުމޮޅިކަމާ އެކު ދުޢާ ކުރަމޭ... އަޅުގެ އަތް (މިބަހީ: އަޅުގެ އެދުން) އިބަރަސްކަލާނގެ ރައްދު ކުރައްވައިފި ނަމަ، ދެން މިއަޅާ އަށް ރަޙުމު ކުރާނީ ފަހެ ކާކު ތޯއޭ.
އިބަރަސްކަލާނގެ ރަޙުމަތަށް އެދުމަކީ ހަމައެކަނި ޞާލިޙުންނަށް އޮތް ކަމަކީ ނަމަ... ދެން ނުލަފާ މުޖުރިމުން (ތައުބާ ވުމަށްފަހު) ރަޙުމަތަށް އެދޭނީ ކޮން ފަރާތެއްގެ ކިބައިން ތޯއޭ.
އިބަރަސްކަލާނގެ ރަޙުމަތަށް ވާޞިލުވުމަށް މިއަޅާ އަށް އެއްވެސް ވަޞީލަތެއް ނެތޭ... މިއަޅާ އިބަރަސްކަލާނގެ ރަޙުމަތަށް އުންމީދު ކުރާ ކަމާއި، އިބަރަސްކަލާނގެ ޢަފޫކުރެއްވުމުގެ ރިވެތިކަމާއި، މިއަޅާ އިސްލާމް ވެފައިވާ ކަމާއި، މި ތިން ކަންތައް މެނުވީ އޭ.
(ނޯޓު: "އިބަރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންވެ ހުރެ، މަޑުމޮޅިކަމާ އެކު ދުޢާ ކުރަމޭ..." މިތަނުގައި އަބޫ ނުވާސް އެ އިޝާރާތް ކުރާ އާޔަތަކީ އަލްއަޢުރާފު ސޫރަތުގެ 55 ވަނަ އާޔަތެވެ. އެއީ: "اُدعُوا رَبَّكُم تَضَرُّعًا" މިއެވެ. މާނައީ: "ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އަށް، މަޑުމޮޅިކަމާއެކު ތިޔަބައިމީހުން ދުޢާ ކުރާށެވެ.")
މި ދެ ރިވާޔަތް ވެސް، އިމާމް އިބުނު ޢަސާކިރު އާއި، އިމާމް އިބުނު ކަޘީރު ފަދަ ބޭބޭކަލުންގެ ތާރީޚު ފޮތްތަކުގައި ވެއެވެ.
ބުނެވޭ ގޮތުގައި، މިކަރުދާސް ކޮޅު ފެނުމުން، އޭނާގެ ޖަނާޒާ ގައި ބައިވެރި ވުމަށް ކުރިން އިންކާރު ކުރި އެތައް ބަޔަކު އޭނާގެ ޖަނާޒާގައި ބައިވެރިވިއެވެ.
ވާހަކައިން ލިބޭ ޢިބުރަތްތައް:
- މަރު އައިސް ބައްދަލުކުރާނޭ ވަޤުތެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ނަމަވެސް، އެއީ ހަމަ ޔަޤީނުން ވެސް އަންނާނޭ ކަމެއް ކަން އެނގެއެވެ. ވީމާ، ކޮންމެ ވަޤުތެއްގައި ވެސް މަރަށް ތައްޔާރު ވާށެވެ.
- ތައުބާވުން ލަސްފަސް ނުކުރާށެވެ. ފުރާނަ ނޭވާ ހޮޅި އަށް އެޅުމަކީ ތައުބާގެ ދޮރުތަށް ބަންދުވާ ކަމެކެވެ. އަބޫ ނުވާސް އަށް ވެސް ތައުބާ ގެ ފުރުޞަތު ލިބުނީ ހަމަ ކިރިޔަ ކިރިޔާ އެވެ.
- ހެޔޮ ގޮތުގައި ތިބާގެ ޢުމުރު ވޭތުކުރާށެވެ. ފަހުން އެކަމުން ތައުބާ ވިޔަސް، މާޟީގައި ކޮށްފައިވާ ކަންކަމުގެ ސަބަބުން ތިބާގެ ޤަދަރު ވެއްޓިފައިވާ ނަމަ، އެ ޤަދަރު އަލުން އަނބުރާ ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
- އެއް ވެސް ކަމެއްގައި ހައްދުފަހަނަ އަޅައި ނުދާށެވެ. މިގޮތުން، ޅެންވެރިކަމުގައި މާ ގިނަ ވަޤުތުތައް ބޭކާރު ކުރުން ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ނަހީ ކުރައްވާފައެވެ. (ޞަޙީޙް އަލް ބުޚާރީ: ހަދީޘް 6155)
އަޅަމެންނީ މިއެންމެހައި ކަންކަމުން ޢިބުރަތް ލިބިގަނެ، ތައުބާ ވުމަށް އަވަސްވެގަންނަ ބަޔަކުކަމުގައި ލެއްވުން އެދި ދުޢާ ކުރާ ޙާލު، މިލިޔުން ކުރުކޮށްލަމެވެ.