Ads by Stelco

ޚަބަރު

އަހަރުގެ ފުރަތަމަ 5 މަހުގައި 600 އާއި ގާތްކުރާ އަދަދުގެ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހަޅައިފި

އަހަރުގެ ފުރަތަމަ 5 މަހުގައި 600 އާއި ގާތްކުރާ އަދަދުގެ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހަޅައިފި

ޕީޖީ ޢައްބާސް ޝަރީފް

farudhun logo

ފަރުދުން

20 ޖުލައި 2025، 11:41

20 ޖުލައި 2025، 11:41

އަހަރުގެ ފުރަތަމަ 5 މަހުގައި 600 އާއި ގާތްކުރާ އަދަދުގެ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހަޅައިފިކަމަށް އެ އޮފީހުން ދާދި ފަހުން ހާމަކޮށްފިއެވެ. 

އެމްއެމް ޓީވީއަށް މަޢުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނީ ތަހުޤީޤު ކުރާ އިދާރާތަކުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވަނީ ދައުވާއާ މެދު ގޮތް ނިންމުމަށް  މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ޖުމްލަ 592 މައްސަލައެއް ހުށަހަޅާފައި ކަމަށެވެ. 

 މި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ތަހުޤީޤުކޮށް ފޯވާޑްކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. ފުލުހުންގެ ޚިދުމަތުން 581 މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކެވެ.  

ޕީޖީ އޮފީހަށް ފުލުހުން ފޮނުވި މައްސަަލަތައް:

މަސްތުވާތަކެތީގެ ކުށްތައް: 317
ޖިންސީ އަނިޔާ: 28
ތަޅާފޮޅުމުގެ މައްސަލަތައް: 73
ވައްކަން: 88
މަރުގެ މައްސަލަތައް: 2
އަމުރަށް ނުކިޔަމަންތެރިވުން: 17
ޖަލުގައި މަނާ ތަކެތި ގެންގުޅުން: 1
ސައިބަރ ކްރައިމް: 1
ސިހުރު: 3
މަކަރާއި ހީލަތް: 23
އަނިޔާ ދިނުން: 27
ފަރުވާކުޑަވުމުގެ ސަބަބުން ދިމާވި އަލިފާނުގެ ހާދިސާތައް: 1


އެހެން އިދާރާތަކުން ވެސް ވަނީ ހަމަ އެ މުއްދަތުގައި ޕީޖީ އޮފީހަށް މައްސަލަތައް ހުށަހަޅާފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހެޅި ފަސް މައްސަލައިގެ ތެރޭގައި ހިޔާނާތުގެ ދެ މައްސަލައަކާއި، ނާޖާއިޒު ފައިދާއެއް ހޯދުމަށް ރަސްމީ މަޤާމުގެ ބޭނުން ހިފުމުގެ މައްސަލައަކާއި، ކޮރަޕްޝަނާ ގުޅުން ހުރި ދެ މައްސަލަ ހިމެނެ އެވެ.

މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން 6 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް މުދާ އެތެރެކުރުމުގެ އެއް މައްސަލައާއި، ރާއްޖެއަށް މުދާ އެތެރެކުރުމުގެ ތިން މައްސަލައާއި، މަނާ ތަކެތި ގެންގުޅުމުގެ އެއް މައްސަލަ ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ 124 މައްސަލައެއްގައި ދައުވާ އުފުލާފައެވެ. އޭގެ ތެރެއިން 28 މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވެ އެވެ. 2025 ވަނަ އަހަރު ހުށަހެޅި އެއްވެސް މައްސަލައެއް އަދި ބާތިލްކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން