ކޮލަމް

ރީތިވުމަށް ހިކަނދިފަތް ބޭނުންކުރެވޭކަން އެނގޭތަ؟

ރީތިވުމަށް ހިކަނދިފަތް ބޭނުންކުރެވޭކަން އެނގޭތަ؟

ހިކަނދިފަތަކީ ޒީނަތްތެރިވުމުގައި ބޭނުންކުރުަމަށް ރަނގަޅު އެއްޗެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

farudhun logo

ފަރުދުން

20 ޖުލައި 2025، 10:48

20 ޖުލައި 2025، 10:48

ހިކަނދިފަތަކީ ދިވެހިންގެ ކެއުމުގައި ވަރަށް ޢާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. މިއީ އަވަށްޓެރި އިންޑިޔާ މީހުންގެ ކެއުމުގައި އެހާ ޢާންމު އެއްޗެއް ނޫނެވެ. އެހެނަސް، އިންޑިއާ މީހުން ޒަމާނުއްސުރެ ރީތިވުމަށް ބޭނުންކުރާ 'އަޔުރްވެދާ' ފޯމިއުލާގައި ހިކަނދިފަތް ބޭނުންކުރެވޭކަން ހޯދިފައިވާ ކަމަށް އެނގޭ ހެއްޔެވެ؟ 

ހިކަނދިފަތަކީ އެންޓިއޮކްސިޑެންޓް،  ވިޓަމިންއާއި މިނަރަލަސްއިން މުއްސަނދި ފަތެއް ކަމުން މި ފަތަކީ ހަންގަނޑުގެ ދުޅަހެޔޮ ކަމާއި އިސްތަށިގަނޑުގެ ރީތިކަމަށް ވަރަށް ފައިދާހުރި ފަތެކެވެ. ވީމާ، މި ފަތް ޤަވާއިދުން ބޭނުންކުރުމުން ހަންގަނޑުގެ ރީތިކަމަށް ބަދަލެއް އަންނާނެ ކަމަށް އިންޑިއާގެ ބޭސްވެރިން ޤަބޫލުކުރެއެވެ. 

ހިކަނދިފަތުން ހަމަށް ލިބޭ ފައިދާ

  • އެންޓިއޮކްސިޑެންޓްގެ ސަބަބުން އިރުގެ ދޯދިތަކުން ނެރޭ ފްރީ ރެޑިކަލްސްގެ އަސަރު ކުޑަކޮށްދެއެވެ. އެގޮތުން މޫނުގައި ނަގާ ބައެއްކަހަލަ މުށި ކުލައިގެ ކުދިކުދި ލަށްތައް ނެގުންވެސް ކުޑަކޮށްދެއެވެ.  ފާހަގަވާނޭ ފަދައިން ގިނަ ވަގުތު އަވީގައި އުޅޭ މީހުންގެ ހަންގަނޑު މާ ނާޒުކުވެފައި އަވަހަށް ރޫޖެހޭކަން ދިރާސާތަކުން ދައްކައެވެ. 
  • ރާއްޖެ ފަދަ ހޫނު ތަންތަނުގައި ދިރިއުޅޭ ގިނަ މީހުންގެ ހަންގަނޑަށް އެކި މައްސަލަތައް ކުރިމަތިވެ އެވެ. މިސާލަކަށް ރަތްވުމާއި ހިރުވުން ފަދަ މައްސަލަތަކެވެ. ހިކަނދިފަތުގައި ހިމެނޭ އެންޓި-އިންފްލެމެޓްރީ ދައުރުގެ ސަބަބުން މި ކަންތައްތައް ފަސޭހަކޮށްދޭނެ އެވެ. 
  • ހިކަނދިފަތުގައި ބެކްޓީރިއާ ނައްތާލުމުގެ ކުޅަދާނަކަން ކޮންމެވެސް ވަރަކަށް ހުރެއެވެ. 
  • ހިކަނދިފަތުގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ހަންގަނޑުގައި މެލަނިން އުފެދޭ މިންވަރު ދަށްކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑުގެ ކުލަ އެއްވަރެއްގައި ހިފަހައްޓާ، ހަމުގެ ކުލަ އަލިކޮށްދޭކަމަށްވެ އެވެ.

ހިކަނދިފަތުން އިސްތަށިގަނޑަށް ލިބޭ ބައެއްް ފައިދާތައް

  • ހިކަނދި ފަތުގައި ބައެއް މުއްސަނދި މާއްދާ ތަކެއް ހިމެނޭތީ ބޮލުން އިސްތަށި ފައިބާ މިންވަރު މަދުކޮށްދެއެވެ.
  • މީގައި ހިމެނޭ އެންޓި މައިކްރޯބިއަލް ފައިދާތަކުގެ ސަބަބުން ބޮލުގެ ހަންގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައެވެ. އޭރުން ބޮލުގައި ހަންފޮޅޭ މިންވަރުވެސް މަދުވާނެއެވެ. 
  • ހިކަނދިފަތުން އިސްތަށިގަނޑުގެ ތެތްކަން ދެމެހެއްޓުމަށް އެހީތެރިވެ އެވެ. ކުރަކިވުމުގެ ބަދަލުގައި ތެތްކޮށް ހުންނަ އިސްތަށިގަނޑުގައި ރީތި އޮފްކަމެއް ހުންނާނެއެވެ. 
  • އޮކްސިޑޭޓީވް ސްޓްރެެސްއަކީ އިސްތަށިގަނޑު ނުރަވުމުގެ މައިގަނޑު ސަބަބެވެ. ހިކަނދިފަތުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ޒަރީޔާއިން އޮކްސިޑޭޓިވް ސްޓްރެސް ދަށްކޮށްދެއެވެ. 

ރީތިވުމުގައި ހިކަނދިފަތް ބޭނުންކުރާނީ ކިހިނެއް؟

  • ހިކަނދިފަތް ފޭސްމާކް: ހިކަނދި ފަތް ޕައުޑަރ އާއި ޔޯގަޓް ނުވަތަ މާމުއި އެއްކޮށްލައިގެން ފޭސް މާސްކެއް އުފައްދާށެވެ. މި ފޭސް މާސްކުން ކުރަކި ނުވަތަ ނާޒުކު ހަންގަނޑަށް ރާހަތު ގެނެސްދޭނެއެވެ. 
  • ހިކަނދިފަތުގެ ތެޔޮ: ހިކަނދިފަތުގެ ތެލާއި ކާށިތެޔޮ ނުވަތަ ޒައިތޫނި ތެޔޮ އެއްކޮށްލުމުން އިސްތަށިގަނޑު ވަރުގަދަވުމަށް އެހީތެރިވެ އެވެ. އަދި ބޮލުގައި ހަން ފޮޅުންވެސް ދަށްކޮށްދެއެވެ. 
  • ހިކަނދި ފަތު ފެން: ހިކަނދިފަތް ފެނު ކައްކާލައިިިގެން އެ ފެން ބޯން ބޭނުންކުރެވިދާނެއެވެ. ނުވަތަ ފިނިވުމުން ހަންގަނޑުގައިވެސް ހޭކިދާނެއެވެ.  މިފެނަކީ ހަމުގެ ޞިއްހަތަށް ވަރަށް ރަނގަޅު އެއްޗެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން