ދުނިޔެ
"ސްލީޕިންގ" ޕްރިންސް 20 އަހަރު ކޯމާގައި އޮންނެވުމަށްފަހު އަވަހާރަވެއްޖެ

އަލްވަލީދު ބިން ޚާލިދު ބިން ތަލާލް
ސަޢޫދީ އަރަބިއްޔާގެ ރޯޔަލް ފެމިލީގެ ޕްރިންސް އަލްވަލީދު ބިން ޚާލިދު ބިން ތަލާލް، ގާތްގަޑަކަށް 20 އަހަރެއްހާ ދުވަހު ކޯމާގައި އޮންނެވުމަށްފަހު އަވަހާރަވެއްޖެއެވެ. ޕްރިންސް އަލްވަލީދު އަވަހާރަވީ ހޮނިހިރު ދުވަހުއެވެ.
ސަޢޫދީ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން، ޕްރިންސް އަލްވަލީދުގެ ބައްޕާފުޅު ޕްރިންސް ޚާލިދު ބިން ތަލާލް ވިދާޅުވީ، ކަށުނަމާދު އާދިއްތަ ދުވަހު އަސްރު ނަމާދަށްފަހު ރިޔާޟްގައި ހުންނަ އިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތުގައި އޮންނާނެ ކަމަށެވެ.
ޕްރިންސް އަލްވަލީދަށް "ނިދިފައިވާ ރަސްކަލުން" (ދަ ސްލީޕިންގ ޕްރިންސް) ގެ ނަމުން ގިނަ ބަޔަކު މުޚާޠަބު ކުރެއެވެ. އެމަނިކުފާނު ކޯމާއަށް ވަޑައިގެންނެވީ 2005 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ލަންޑަންގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވިއިރު ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުންނެވެ. އެހެން ކަމުން، އެމަނިކުފާނު ކޯމާގައި ހޭދަކުރެއްވި މުއްދަތު 20 އަހަރަށް ގާތްވެފައި ވާނެއެވެ.
އެކްސިޑެންޓް ހިނގިއިރު ޕްރިންސް އަލްވަލީދުގެ އުމުރުފުޅަކީ 15 އަހަރެވެ. ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތެރެއިން ލޭ އެޅުމުގެ ސަބަބުން، 20 ގަޑިއިރަށްވުރެ ގިނައިރު ދިރިހުރުމަކީ ވެސް މުޢުޖިޒާތެއް ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ނަމަވެސް، 20 އަހަރު ދިރިހުންނެވުމަކީ ދުނިޔެއަށް ލިބިގެންދިޔަ ހައިރާންކުރުވަނިވި ކަމެކެވެ. މި މުއްދަތުގެ ތެރޭގައި އެމަނިކުފާނު ދެމިހުންނެވީ ކުޑަ ކުޑަ ހަރަކާތްތަކެއް ފިޔަވައި ނިދިފައިއޮވެގެންނެވެ. ނަމަވެސް، މި ކުޑަ ހަރަކާތްތަކަކީ ވެސް އުންމީދުގެ ކުޑަ ހިނދުކޮޅެއް ގެނެސްދިން ކަމެކެވެ.
މި މުއްދަތު ތެރޭގައި ޕްރިންސް ޚާލިދު ބިން ތަލާލް ދެމިހުންނެވީ އެމަނިކުފާނުގެ ދަރިކަލުން ލައިފް ސަޕޯޓުން ނެގުމަށް ދެކޮޅު ހައްދަވައި، ދިރިހުރުމާއި މަރުގެ ކަންކަން ހުރީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަތްޕުޅުގައި ކަމަށް ކެތްތެރިކަމާއެކު އިޢުތިޤާދު ކުރައްވަމުންނެވެ.
ޕްރިންސް އަލްވަލީދުގެ ޙާލުކޮޅަށް ސަޢޫދީ ޢަރަބިއްޔާއާއި އެހެން ޤައުމުތަކުގެ އެތައް މިލިއަން ބަޔެއްގެ ހަމްދަރުދީ ލިބި، އެތައް އަހަރުތަކެއް ވަންދެން އެމަނިކުފާނުގެ ވާހަކަ ގިނަ ބަޔަކު ގާތުން ބަލަމުން ދިޔައެވެ. ޕްރިންސް އަލްވަލީދުގެ ދިގު ކޯމާ ނިމުމަކަށް އައީ އެމަނިކުފާނު އަވަހާރަވިކަން ހޮނިހިރު ދުވަހު އިއުލާން ކުރުމުންނެވެ. މިއީ އެތައް ބަޔެއްގެ ހިތްތަކަށް ވަރަށް ބޮޑަށް އަސަރުކުރި ބާބެއް ނިމުމަކަށް އައުމެވެ.