ކޮލަމް

ހޫނު މޫސުމުގައި ކާރު ފިނިކުރާނެ ފަސޭހަ އުކުޅެއް!

ހޫނު މޫސުމުގައި ކާރު ފިނިކުރާނެ ފަސޭހަ އުކުޅެއް!

ކާރުގައި ވައި ދައުރުކުރުވާ ފިތް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2025، 08:13

19 ޖުލައި 2025، 08:13

ހޫނުމޫސުމުގައި ގަދަ އަވި އޮންނަތަނެއްގައި ކާރު ޕާކުކުރުމުން، އޭގެ އެތެރެ އިންތިހާއަށް ހޫނުވެއެވެ. ކާރަށް އަރާއިރު، ހީވަނީ އަވަނެއްގެ ތެރޭގައި އިށީނދެ އިންހެންނެވެ.
އެހެންނަމަވެސް، ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކާރުގެ އެތެރެ ފިނިކުރެވިދާނެއެވެ. މިކަން ކުރެވޭނީ ހަމައެކަނި އެއަރ ކޮންޑިޝަނަރ (އޭސީ) ބޭނުންކޮށްގެން ނޫނެވެ.

ކާރު އަވަހަށް ފިނިކުރުމަށް އޮތް އެންމެ ފަސޭހަ އަދި ޚަރަދު ކުޑަ ގޮތަކީ ޑޭޝްބޯޑުގައި ހުންނަ، ގިނަފަހަރަށް އަޅާނުލެވޭ ނުވަތަ ހަނދާން ނެތޭ ފީޗަރއެއް ބޭނުންކުރުމެވެ. އާދެ، އަޅުގަނޑުމެންގެ ކާރުގެ ޑޭޝްބޯޑުގައި ގިނަ ނިޝާންތަކެއް ހުރެއެވެ. ކޮންމެ ނިޝާނަކުންވެސް ވަކި މާނައެއް ދޭހަކޮށްދެއެވެ. ގިނަ ބަޔަކަށް އެނގިފައި އޮންނަނީ އޭސީގެ ޖައްސާ ފިތެއް ހުންނަކަމެވެ. ނަމަވެސް ބައެއް ފަރާތްތަކަށް ނޭނގެނީ ވައި ދައުރުކުރާ ފިތެއް ހުންނަކަމެވެ. މި ފިތުގައި އާންމުކޮށް ހުންނަނީ ކުޑަ ކާރެއްގެ ނިޝާނާއި އަދި އޭގެ ވަށައިގެން ވަށް ތީރެކެވެ.

ބައެއް މީހުންނަށް ނޭނގެނީ މި ފިތް ބޭނުންކުރާ ގޮތެވެ. ނަމަވެސް މި ފިތަށް ފިތާލުމުން ކާރުގެ އެތެރެއަށް ބޭރުގެ ހޫނު ވައި ވަނުން ހުއްޓުވައި، ކާރުގެ އެތެރޭގައި ހުރި ފިނި ވައި ދައުރުކުރުވައެވެ. އާދެ، މި ފިތުން ބޭރުގެ ހޫނު ވައި ވެއްދުމުގެ ބަދަލުގައި ކާރުގެ އެތެރޭގައި ހުރި ވައި ދައުރުކުރުވައެވެ. މިއީ ޚާއްޞަކޮށް އޭސީ ޖައްސާއިރު ބޭނުންތެރި ކަމެކެވެ. ވައި ދައުރުކުރުވާ ފީޗަރ ބޭނުންކުރުމުން އޭސީ ސިސްޓަމަށް ބޭރުން އަންނަ ހޫނު ވައި ފިނިކުރުމުގެ ބަދަލުގައި ކުރިން ފިނިކޮށްފައިވާ އެތެރޭގެ ވައި ފިނިކުރެވެއެވެ.

މިގޮތުން ކާރު އަވަހަށް ފިނިވުމުގެ އިތުރުން އޭސީގެ މަސައްކަތް ލުއިވެ، ހަކަތަ ނުވަތަ ތެޔޮ ބޭނުންވާ މިންވަރު މަދުވެއެވެ. އެހެންކަމުން، މި ފިތުން ކާރު ފިނިކޮށް، ސާފުކޮށް، އަދި ތެޔޮ ސަލާމަތްކުރުމަށް އެހީތެރިވެދެއެވެ.

ނަމަވެސް މި ބަޓަން ބޭނުންކުރާއިރު ވަގުތު މުހިންމެވެ. ކާރަށް އަރާ އޭސީ ޖައްސާލުމާއިއެކު މި ފިތަށް ނުފިތާށެވެ. އެހެންކޮށްފިނަމަ ކާރުގެ އެތެރޭގައި ހުރި ހޫނު ވައި ދައުރުކުރަން ފަށާނެއެވެ. އޭގެ ބަދަލުގައި، ފުރަތަމަ ކާރުގެ ބިއްލޫރިތައް ތިރިކޮށް، ކުޑަވަގުތުކޮޅަކު ދުއްވާލާށެވެ. މިގޮތަށް އަމަލުކުރުމުން ކާރުގެ އެތެރޭގައި ހުރި ހޫނު ވައި ބޭރުވެގެން ދާނެއެވެ. މިހެން އަމަލުކުރުމަށްފަހު އޭސީ ނިއްވާލާށެވެ. އެއަށްފަހު ބިއްލޫރިތައް މައްޗަށް ނަގައި، ވައި ދައުރުކުރުވާ ބަޓަން ފިތާލާށެވެ. މިހާރު ކާރުގެ އެތެރެ އަވަހަށް ފިނިވާނެއެވެ.

މި ބަޓަން ބޭނުންކުރުމުގައި ސަމާލުވާންޖެހޭ އެހެން ކަމެއްވެސް ވެއެވެ. ގިނަ ވަގުތު މި ބަޓަން ބޭނުންކުރުމުން ކާރުގެ އެތެރޭގައި ހުންނަ ވައި ދައުރުކުރަމުން ދާނެއެވެ. މިގޮތަށް ކުރުމުން ކާރުގެ އެތެރޭގައި ހުންނަ ވައި ތާޒާނުވެ، އޮކްސިޖަން މަދުވެ، ކާބަން ޑައިއޮކްސައިޑް އިތުރުވެދާނެއެވެ. މިކަމުގެ ސަބަބުން ޑްރައިވަރަށް ނިދިއައުމާއި، ވަރުބަލިވުން ފަދަ ކަންކަން ދިމާވެދާނެއެވެ. އެހެން އެހެންކަމުން، ކޮންމެ 10-15 މިނެޓަކުން އެއްފަހަރު މި ބަޓަން ނިއްވާލައި، ބޭރުގެ ތާޒާ ވައި ވެއްދުމަށް ފުރުޞަތު ދޭންވާނެއެވެ. މިގޮތަށް އަމަލުކުރުމުން ކާރުގެ އެތެރެ ފިނިކޮށް ބެހެއްޓުމާއެކު، ތާޒާ ވައި ވެސް ލިބޭނެއެވެ.


މި އުކުޅު ބޭނުންކުރުމުން ތިބާގެ ކާރުގެ އެތެރެ އަވަހަށް ފިނިވެ، ދަތުރު ފަސޭހަވެ، އަދި ތެޔޮ ސަލާމަތްކުރެވޭނެއެވެ. ނަމަވެސް މިކަން ކުރާއިރު ރައްކާތެރިކަމާއެކު ކުރުމަށް ސަމާލުވާންވާނެއެވެ. އަދި ދުއްވުމުގައި ސަމާލުކަން ގެއްލޭ ފަދަ ކަމެއް ނުކުރުމަށް ވެސް ބަލަންވާނެއެވެ.


ކާރުގެ ވައި ދައުރުކުރުވާ ފީޗަރ ބޭނުންކުރުމަކީ ކާރުގެ އެތެރެ އަވަހަށް ފިނިކޮށް، ތެޔޮ ސަލާމަތްކުރެވޭނެ ފަސޭހަ ގޮތެކެވެ. ނަމަވެސް މިކަން ކުރަންވާނީ ރައްކާތެރިކަމާއެކު، އަދި ދުއްވުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭ ހާލުގައެވެ.

                    

                    

                    

Ads by MSS

މި ލިޔުން ކިޔާލުމުން