ދުނިޔެ
ޓިކްޓޮކް އެކައުންޓް ޑިލީޓްކުރަން ދަރިފުޅު ދެކޮޅު ހެދުމުން ބައްޕަ ދަރިފުޅު މަރާލައިފި

ޕާކިސްތާނުގައި ޓިކްޓޮކްއާ ގުޅޭ މަރުތަކާއި ބެހޭ އެއްވުންތައް ވަނީ ބާއްވާފަ
ޕާކިސްތާނުގެ ރާވަލްޕިންޑީގައި، ޓިކްޓޮކްގައި ހުރި އެކައުންޓް ޑިލީޓްކުރަން ދެކޮޅު ހެދުމުން، ބައްޕައަކު އޭނާގެ 16 އަހަރުގެ ދަރިފުޅު ބަޑިޖަހައި މަރާލާފައިވާ ކަމަށް ފުލުހުން ހުކުރު ދުވަހު ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން، މި މަހު ތެރޭގައެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ "ޓިކްޓޮކް އެކައުންޓް ޑިލީޓްކުރުމަށް އެ އަންހެން ކުއްޖާގެ ބައްޕަ އެދުނު ކަމަށާއި، އެކަމަށް ދެކޮޅު ހެދުމުން އޭނާ މަރާލީ" ކަމަށެވެ.
ފުލުހުންގެ ރިޕޯޓެއް އެއެފްޕީއާ ހިއްސާކޮށްފައިވާ ގޮތުގައި، ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިވަނީ ބައްޕަ އޭނާގެ 16 އަހަރުގެ ދަރިފުޅު "އިއްޒަތް ދެމެހެއްޓުމަށް" މިދިޔަ އަންގާރަ ދުވަހު މަރާލީ ކަމަށެވެ. އޭނާ ވަނީ ފަހުން ހައްޔަރުކޮށްފައެވެ. މި ހަމަލާ ދިން ރާވަލްޕިންޑީގެ ފުލުހުން ބުނެފައިވާ ގޮތުގައި، މަރުވި ކުއްޖާގެ އާއިލާއިން ވަނީ ފުރަތަމަ މި މަރު އަމިއްލައަށް މަރުވުން ކަމަށް ދައްކަން މަސައްކަތްކޮށްފައެވެ. ރާވަލްޕިންޑީ އަކީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ކައިރީގައި އޮންނަ ސިޓީއެކެވެ.
މިދިޔަ މަހު ވެސް ޓިކްޓޮކްގައި އެތައް ލައްކަ ފޮލޯވަރުން ތިބި 17 އަހަރުގެ އަންހެން ކުއްޖަކު، އޭނާ ދެކޮޅު ހެދި ފިރިހެނަކު އޭނާގެ ގޭގައި މަރާލާފައިވެއެވެ. ސަނާ ޔޫސުފް ނަމަކަށް ކިޔާ މި ކުއްޖާ އޭނާގެ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިލިއަނަކަށް ވުރެ ގިނަ ފޮލޯވަރުން ހޯދާފައިވެއެވެ. އޭނާ ވަނީ އޭނާގެ އެންމެ ގަޔާވާ ކެފޭތަކާއި، ސްކިންކެއާ ޕްރޮޑަކްޓްތަކާއި، ތަފާތު ސަގާފީ ހެދުންތަކުގެ ވީޑިއޯތައް ހިއްސާކޮށްފައެވެ.
ޓިކްޓޮކް އަކީ ޕާކިސްތާނުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއްޗެކެވެ. މީގެ އެއް ސަބަބަކީ ތައުލީމީ ފެންވަރު ދަށް މީހުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް އެ އެޕް ހުރިކަމެވެ. މި އެޕްގެ ސަބަބުން އަންހެނުންނަށް ވަނީ އޯޑިއަންސްއެއްގެ އިތުރުން އާމްދަނީއެއް ވެސް ލިބިފައެވެ. ޕާކިސްތާނުގައި ރަސްމީ އިގްތިސާދީ ދާއިރާގައި ބައިވެރިވަނީ އަންހެނުންގެ ހަތަރުބައިކުޅަ އެއްބައިން ވެސް މަދު އަދަދެއްގެ ބަޔަކަށް ވުމުން މިއީ ވަރަށް ނާދިރު ކަމެކެވެ.
ނަމަވެސް، "މޯބައިލް ޖެންޑާ ގެޕް ރިޕޯޓް 2025" ގައިވާ ގޮތުން ޕާކިސްތާނުގެ އަންހެނުންގެ ތެރެއިން 30 އިންސައްތަ މީހުންގެއަތުގައި ނޫނީ ސްމާޓްފޯނެއް ނޯވެއެވެ. ފިރިހެނުންނާއި އަޅާބަލާއިރު (58 އިންސައްތަ) މި ދެ ޖިންސްގެ މެދުގައި ފޯނު ބޭނުންކުރުމުގެ ފަރަގު އޮތީ ދުނިޔޭގައި ވެސް އެންމެ ބޮޑަށް ޕާކިސްތާނުގައެވެ.
ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާނުގައި، ގިނަ ރަށްފުށުގެ ސަރަހައްދުތަކުގައި ގަބީލީ ގާނޫނުތަކަށް އަމަލުކުރާ ހިނދު، މީގެ ކުރިން މި އަހަރު، ފިރިހެނަކު އޭނާގެ 14 އަހަރުގެ ދަރިފުޅު ޓިކްޓޮކް ވީޑިއޯތަކާ ގުޅިގެން މަރާލި ކަމަށް އިއުތިރާފުވެފައިވެއެވެ. އެ މީހާ ބުނެފައިވަނީ އެ ވީޑިއޯތަކުގެ ސަބަބުން އޭނާގެ ދަރިފުޅުގެ "އިއްޒަތަށް" އުނިކަން ލިބުނު ކަމަށެވެ.