ދުނިޔެ
ދެކުނު ކޮރެއާގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް އެކަކު މަރުވެ ތިންމީހުން ގެއްލިއްޖެ

ދެކުނު ކޮރެއާގެ ގެއެއް ފެނުއަޑީގައި
ދެކުނު ކޮރެއާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެންދިއުމުގެ ޚާދިސާއެއް ހިނގައި، އެކަކު މަރުވެ ތިންމީހުން ގެއްލިފައިވާކަމަށް އެ ޤައުމުގެ ގައުމީ ފަޔަރ އެޖެންސީން ހޮނިހިރު ދުވަހު ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ދެކުނު ކޮރެއާގެ ދެކުނަށްވާ ސަންޗޮން ކައުންޓީގެ ރަށެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބިންގަނޑު ކަނޑައިގެންދިއުމުގެ ސަބަބުން ދެ ގެއެއް އެއްކޮށް ވަޅުލެވިފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ގެދޮރުދޫކޮށްގޮސްފައެވެ. ސަންޗޮން ކައުންޓީގެ ފަޔަރ ސްޓޭޝަންގެ އޮފިޝަލަކު ބުނި ގޮތުގައި، ގެއްލިފައިވާ ތިން މީހުންގެ ތެރޭގައި 20 އަހަރުގެ މީހަކާއި، 70 އަހަރުގެ ދެމަފިރިއަކު ހިމެނެއެވެ.
ބޯކޮށް ވާރޭވެހުން އަދިވެސް ކުރިއަށްދާތީ، ސަންޗޮން ކައުންޓީގެ 34،000 އެއްހާ ރައްޔިތުން ވަނީ ހޮނިހިރު ދުވަހު "ހި ސަލާމަތީ ތަނަކަށް ބަދަލުވާން" އަންގާފައެވެ.
ރަސްމީ މޫސުމީ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ދެކުނު ކޮރެއާގައި އާންމުކޮށް ޖުލައި މަހު މޫސުމީ ވާރޭވެހުން އިހުސާސްކުރެވެއެވެ. ނަމަވެސް މި ހަފުތާގައި އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް ވެހުނު ވާރޭގެ މިންވަރަކީ މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބޯ ވާރޭކަމަށް ވެއެވެ.
އެ ގައުމުގެ ހޯމް މިނިސްޓްރީ އޮފް އިންޓީރިއާ އެންޑް ސޭފްޓީން ހޮނިހިރު ދުވަހު ބުނި ގޮތުގައި، ވާރެއާ ގުޅުންހުރި ހާދިސާތަކުގައި މަދުވެގެން ހަތަރު މީހުން މަރުވެފައިވާއިރު، 7،000 އަށް ވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.
ދެކުނު ކޮރެއާއަށް ގިނަ ފަހަރު ހުޅަނގު މޫސުމުގައި ފެންބޮޑުވުމުގެ ހާދިސާތައް ދިމާވެއެވެ. ނަމަވެސް، އާންމުކޮށް މިފަދަ ހާދިސާތަކަށް އެ ގައުމު ރަނގަޅަށް ތައްޔާރުވެފައި ހުންނާތީ، މަރުވާ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެއެވެ.
ނަމަވެސް، ސައިންސްވެރިން ބުނާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމާ ގުޅުންހުރި ހާދިސާތައް އިތުރަށް ހާއްސަކޮށް، ގިނަވެފައިވެއެވެ. 2022 ވަނަ އަހަރުވެސް ދެކުނު ކޮރެއާއަށް ރެކޯޑު މިންވަރަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 11 މީހުން މަރުވެފައިވެއެވެ.