ދުނިޔެ

ފުކުޝިމާގެ ފަސްގަނޑުގެ ރައްކާތެރިކަން ރައްޔިތުންނަށް ދައްކަން ، އެފަސްތައް ބޮޑުވަޒީރުގެ އޮފީހަށް

ފުކުޝިމާގެ ފަސްގަނޑުގެ ރައްކާތެރިކަން ރައްޔިތުންނަށް ދައްކަން ، އެފަސްތައް ބޮޑުވަޒީރުގެ އޮފީހަށް

ފުކުޝިމާގައި ހުންނަ ނިއުކްލިއަރ ޕަވަރ ޕްލާންޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2025، 04:09

19 ޖުލައި 2025، 04:09

ޖަޕާނުގެ ފުކުޝިމާ ސަރަހައްދުން 2011 ވަނަ އަހަރު ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ދިމާވި ހާދިސާގެ ސަބަބުން ރޭޑިއޯއެކްޓިވް މާއްދާތައް ފެތުރި، ފަހުން ސާފުކުރެވިފައިވާ މަދު މިންވަރެއްގެ ރޭޑިއޯއެކްޓިވް ފަސްގަނޑު، އާންމުންނަށް އޭގެ ރައްކާތެރިކަން ދެއްކުމުގެ ގޮތުން، ހޮނިހިރު ދުވަހު ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހަށް ގެންގޮސްފިއެވެ. މިއީ 2011 ވަނަ އަހަރުގެ ނިއުކްލިއަރ ހާދިސާއަށްފަހު، ތަފާތު ތަޖުރިބާތަކުގައި ބޭނުންކުރުމުގެ އިތުރުން އެހެން ކަމަކަށް މިފަދަ ފަސްގަނޑެއް ބޭނުންކުރެވޭ ފުރަތަމަ ފަހަރެވެ.

2011 ވަނަ އަހަރު ފުކުޝިމާ ދާއިޗީ ނިއުކްލިއަރ ބާރު އުފައްދާ މަރުކަޒަށް ބިންހެލުމަކާ ސުނާމީއެއް އައުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، އެ ސަރަހައްދަށް ބޮޑު މިންވަރަކަށް ރޭޑިއޯއެކްޓިވް މާއްދާތައް ފެތުރިގެން ދިޔައެވެ. މި ޚާދިސާއަށްފަހު އެ ސަރަހައްދުގައި ކުރެވުނު  ސާފުކުރުމުގެ މަސައްކަތްތަކުން އެއްކުރެވުނު 14 މިލިއަން ކިއުބިކް މީޓަރުގެ ފަސްގަނޑު ރީސައިކަލް ކުރުމުގެ މައްޗަށް އާންމުންގެ ހިތްހަމަޖައްސައިދިނުމަށް ސަރުކާރުން ބޭނުންވެއެވެ. މި މިންވަރަކީ 11 ބޭސްބޯލް ކުޅޭ ދަނޑު ފުރާލެވޭ ވަރަށް ވުރެ ގިނަ މިންވަރެކެވެ. މި ފަސްގަނޑު މިހާރު ހުންނަނީ ފުކުޝިމާގައި ހުންނަ ނިއުކްލިއަރ ޕްލާންޓް ކައިރީގައިވާ ބޮޑު ތަނެއްގައެވެ. ސަރުކާރުގެ މަގްސަދަކީ 2045 ވަނަ އަހަރުގެ ނިޔަލަށް މި ފަސްގަނޑު އެންމެ ފަހުގެ ގޮތަކަށް ނައްތާލެވޭނެ ތަންތަން ހޯދުމެވެ.

ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވަނީ، ބޮޑުވަޒީރު ޝިގޭރު އިޝިބާގެ ޓޯކިޔޯގައި ހުންނަ އޮފީސް ކޮމްޕްލެކްސްގައި ބޭނުންކުރުމަށް ގެނެވުނު 2 ކިއުބިކް މީޓަރުގެ ފަސްގަނޑު ބޭނުންކުރާނީ، ބަގީޗާގެ ބައެއްގައި ކަމުގައެވެ. މިކަން ކުރަނީ މިނިސްޓްރީގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، މި މިންގަނޑުތަކަށް އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ ގެ ތާއީދު ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މި ފަސްގަނޑުގައި ޕްލާންޓްގެ ތެރެއިން ނެގިފައިވާ އެއްވެސް ފަސްގަނޑެއް ހިމެނިފައެއް ނުވެއެވެ.

ސަރުކާރުން މިކަމުގެ ރައްކާތެރިކަމުގެ ޔަގީންކަން ދިނުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އާންމުންގެ ތެރޭގައި ބޮޑު ހާސްކަމެއް އުފެދިފައިވެއެވެ. މީގެ ކުރިންވެސް، ޓޯކިޔޯއާ އެ ސަރަހައްދުގައި ހުންނަ ބައެއް އާންމު ޕާކުތަކުގައި ފަސްގަނޑު ބޭނުންކޮށްގެން ޕޮޓްގައި ގަސް އިންދުމުގެ ތަޖުރިބާތައް ކުރުމަށް ސަރުކާރުން ހަދާފައިވާ ރޭވުމެއް، އާންމުންގެ ނުރުހުމާ މުޒާހަރާތަކަށްފަހު ދޫކޮށްލަން މަޖުބޫރުވެފައިވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން