ދީން
ޒަމްޒަމްފެނުގައި ފޮނިރަހަ ނުލަނީ ކީއްވެ؟

ޒަމްޒަމް ފެން ފުޅި އެއް.

ފަރުދުން
19 ޖުލައި 2025، 03:17
19 ޖުލައި 2025، 03:17
ޒަމްޒަމް ފެނުގެ މޮޅުކަމާއި މާތްކަމަކީ ކޮންމެ މުސްލިމަކު ވެސް ދަންނަ ކަމެކެވެ. އެފެނަކީ ކިރިތި ރަސޫލާ صلّى الله عليهِ وسلّمގެ ހިތްޕުޅު ސާފުކުރެއްވުމުގައި ބޭނުންކުރެވުނު ފެން ކަމުގައި ސީރަތުގައި އަޅުގަނޑުމެން އަޑުއަހަމެވެ. މިސަބަބަށްޓަކައި، ޒަމްޒަމް ފެނަކީ ކައުޘަރު ފެނަށް ވުރެ ވެސް މާތް ފެނެއް ކަމަށް ނުހަނު ގިނަ ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ. އެހެނީ، ކީރިތި ރަސޫލާ صلّى الله عليهِ وسلّمގެ ހިތްޕުޅު ދޮވެލެއްވުމަށް ޖިބުރީލުގެފާނު ވަޑައިގަތީ ސުވަރުގޭގެ ރަން ކަންވާރެއް ހިތްޕަވައިގެންނެވެ. ނަމަވެސް، ސުވަރުގޭގެ ކައުޘަރު ފެނުގެ ބަދަލުގައި، އެ ކަންވާރުގައި ހުރީ ޒަމްޒަމް ފެން ކަމަށް ރިވާޔަތްތަކުގައި ވެއެވެ. ވީމާ، ޒަމްޒަމް ފެނަށް މިފަދަ މާތްކަމެއް ލިބިގެން ވީ އިރު، މި ފެން އެހައި ރަހަ މީރު ނޫނީ ކީއްވެ ހެއްޔެވެ؟ މިލިޔުމުގައި އިރާދަކުރެއްވިއްޔާ މިސުވާލުގެ ޖަވާބު ހިމަނާލާނަމެވެ.
އާދެ، މިއީ މަޝްހޫރު އިސްލާމީ ޢިލްމުވެރިޔާ އަލް ޙާފިޡު އިބުނު ޙަޖަރް އަލް ޢަސްޤަލާނީގެ ހިތްޕުޅުގައި ވެސް އުފެދިގެން ދިޔަ ސުވާލެކެވެ. އިބުނު ޙަޖަރަކީ ޙަދީޘް ޢިލްމުގައި އަރައި ހުންނެވި، ފުންނާބު އުސް ދަންނަބޭކަލެކެވެ. އެކަލޭގެފާނަށް ވަނީ "އަމީރުލް މުއުމިނީން ފިލް ޙަދީޘް"ގެ ލަޤަބު ލިބިވަޑައިގެންފައެވެ. މި ލަޤަބުގެ މާނައަކީ "ޙަދީޘް ޢިލްމުގައި މުއުމިނުތަކުންގެ އަމީރު" މިއެވެ. 1400+ އަހަރުގެ މުޅި އިސްލާމީ ތާރީޚުގައި މިލަޤަބު ލިބިވަޑައިގަތީ 30 އަށް ވުރެ މަދު ބޭކަލަކަށެވެ. މިޒަމާނުގައި ވެސް، ޙަދީޘް ޢިލްމުވެރިންގެ މަޖިލިހެއްގައި "އަލް ޙާފިޡު ވިދާޅުވިޔޭ..." ބުނެފި ނަމަ، އެބަސްފުޅު ނިސްބަތް ކުރެވިގެން ވަނީ އިބުނު ޙަޖަރު އަށް ކަން އެ އެންމެހައި ޢިލްމުވެރިން ޝައްކެއްނެތި ޔަޤީން ކުރައްވާނެއެވެ. އެކަލޭގެފާނު "އަލް ޙާފިޡު" ގެ ނަމުން މަޝްހޫރުވެވަޑައިގަތީ، އެކަލޭގެފާނު ހިތުދަސްކުރެއްވި ޙަދީޠް ތަކުގެ ގިނަކަމުންނެވެ.
ކޮންމެއަކަސް، އިމާމް އިބުނު ޙަޖަރު މިޞްރަށް ކުރެއްވި ޒިޔާރަތެއްގައި އިމާމް އިބުނު ޢަރަފާ އާ ބައްދަލުވެވަޑައިގަތެވެ. އިބުނު ޢަރަފާ އަކީ މާލިކީ މަޛުހަބަށް ނިސްބަތްވާ މަޝްހޫރު ފިޤުހު ޢިލްމުވެރިއެކެވެ. އިބުނު ޙަޖަރު މިފުރުޞަތުގެ ބޭނުން ހިއްޕަވައި، އިބުނު ޢަރަފާ އާ ސުވާލު ކުރެއްވިއެވެ: "ޒަމްޒަމް ފެނުގައި ފޮނިރަހަ ނުލަނީ ކީއްވެގެން ތޯއެވެ؟" އިބުނު ޢަރަފާ ޖަވާބުގައި ވިދާޅުވިއެވެ: "އެއީ، އެފެން ބުއިމަކީ ޚާލިޞް ވެގެންވާ އަޅުކަމެއް ކަމުގައި ލެއްވުމަށްޓަކައެވެ. ލައްޛަތަކަށް އެދުމުގެ ނިޔަތެއް ނެތިއެވެ." މިޖަވާބުގެ ފުރިހަމަ ކަމާ މެދު އިބުނު ޙަޖަރު ހިތްޕުޅުހަމަޖެހި ވަޑައިގެން، އުފާފުޅު ކުރެއްވިއެވެ. ޒަމްޒަމް ފެނުގައި މީރު ފޮނި ރަހަ އެއް ނުލުމުން، އެފެން ބޯ މީހުން އެފެން ބޯނީ ހަމައެކަނި ﷲގެ ޙަޟްރަތުން ޘަވާބަށް އެދޭ ޙާލުގައި، ނުވަތަ އެފެނުގެ މާތް ކަމުން ނަޞީބު ލިބިގަތުމަށްޓަކައެވެ. މިމާތް ނިޔަތް އެއްވެސް ދުނިޔަވީ ލައްޛަތެއްގެ އެދުމަކުން ކިލަނބު ވެގެން ނުދާނެއެވެ.
އިތުރު ފައިދާ އެއް:
އެންމެ މާތް ފެން ތަކާ މެދު ތާޖުއްދީން އައްސުބްކީ ހެއްދެވި މަޝްހޫރު 2 ޅެން ބައިތެއް:
وَأَفْضَلُ الْمِيَاهِ مَاءٌ قَدْ نَبَعْ ... بَيْنَ أصَابِعِ النّبِيِّ المُتَّبَعْ
يَليهِ مَاءُ زَمْزَمٍ فَالْكَوثَرِ ... فَنَيْلُ مِصْرَ ثُمَّ بَاقِي الْأَنْهُرِ