ކޮލަމް

"ކަމޫޖު": ކިޔަން ދަންނަ، ކިޔާ އެއްޗެއް ފަހުމު ނުވާ ޖަނަވާރެއް

"ކަމޫޖު": ކިޔަން ދަންނަ، ކިޔާ އެއްޗެއް ފަހުމު ނުވާ ޖަނަވާރެއް

ކަމޫޖު؟

19 ޖުލައި 2025، 01:21

އަބުލް ޙަސަން އަލް އިޝްބީލީއަކީ ހިޖުރައިން 7 ވަނަ ޤަރުނުގައި އުޅުއްވި ބަހުގެ ޢިލްމުވެރިއެކެވެ.

މިކަލޭގެފާނުގެ ދަރިވަރަކު އެއް ދުވަހަކު މިކަލޭގެފާނާ ސުވާލު ކުރެއްވިއެވެ: "އުސްތާޛު...، 'ކަމޫޖު' އެއީ ކޮން އެއްޗެއް ތޯ އެވެ؟"

އަލް އިޝްބީލީ ދެންނެވިއެވެ: "މިލަފުޒު ތިބާއަށް ފެނުނީ ކޮންތާކުން ހެއްޔެވެ؟"

ދަރިވަރު ބުންޏެވެ: "އިމްރުއުލް ޤައިސް ގެ ޅެން ބައިތެއްގެ ޞަދުރުގައެވެ. އެއީ:

وَلَيْلٍ كَموجِ البَحْرِ أرخَى سُدُولَه."

މިހިނދު އަލް އިޝްބީލީ ވިދާޅުވިއެވެ: "'ކަމޫޖު' އެއީ ފޮތްތައް އުފުލައި ހަދާ، އެފޮތްތަކުގައި ހުންނަ ވާހަކަތައް ފަހުމު ނުވާ ޖަނަވާރެކެވެ."

ޝަރަޙަ:

އިމްރުއުލް ޤައިސްގެ މިޅެމަކީ 7 މުޢައްލަޤާތު ޅެން ތަކުގެ ތެރެއިން އެންމެ މަޝްހޫރު ޅެމެވެ. "މުޢައްލަޤާތު" މި ބަހުގެ މާނައީ "އެލުވާފައިވާ ތަކެތި" އެވެ. މިޅެންތަކަށް މިނަން ދެވުނީ، ޖާހިލިއްޔަ ޒަމާނުގައި މި 7 ޅެން ކަޢުބަތުﷲ ގެފުޅުގައި އެލުވާފައި ހުރުމުގެ ސަބަބުންނެވެ. އެއީ، އިސްލާމްދީން އައުމުގެ ކުރިން މިޅެންތަކަށް ޢަރަބިން ދިން މަތިވެރިކަމެއްގެ ސަބަބުންނެވެ.

ކޮންމެއަކަސް، އިމްރުއުލް ޤައިސްގެ މިޅެން ބައިތުގެ ޞަދުރުގައި ވާ "كموج" އަކީ "ކަމޫޖު" އެއް ނޫނެވެ. އެހެނަސް އެއީ "ކަ މައުޖި" އެވެ. ޢަރަބި ބަހުގައި "ކަ" އެއީ އެއްފަދަ ކުރުމަށް ބޭނުންކުރާ ލަފުޒެކެވެ. "މައުޖު" އެއީ "ރާޅު" އެވެ. މާނައީ: "ރާޅެއް ފަދަ" މިއެވެ.

މުޅި ޞަދުރުގެ ޖުމުލަ މާނައީ: "ރޭގަނޑުގެ އަނދިރިކަމުގެ ދޫލަތައް، ކަނޑުގެ ރާޅުތައް ފަދައިން ފަތުރައިފިއެވެ."

މަޖާޒީ ގޮތުން މިޅެން ބައިތުން ސިފަ ކޮށްދެނީ، އިރުއޮއްސުމަށް ފަހު ރޭގަނޑުގެ އުދަރެސް މަޑުމަޑުން އަނދިރިވަމުންދާ މަންޒަރެވެ.

ކޮންމެއަކަސް، ޢަރަބީންނަކީ ޢާންމު ގޮތެއްގައި ފިލި ނުޖަހައި ލިޔެ އުޅޭ ބަޔަކަށް ވާތީ، އަލް އިޝްބީލީގެ ދަރިވަރު ކުއްޖާއަށް "كَمَوجِ" (ކަމައުޖި) ކިޔަންވީ ތަނުގައި "كَمُوجُ" (ކަމޫޖު) އޭ ކިޔުނީ އެވެ. މިކަމުގެ ސަބަބުން އެކުއްޖާ އާ ސަމާސާ ކޮށްލުމުގެ ގޮތުން، "ކަމޫޖު" އަކީ ކިޔާ ތަކެތި ފަހުމު ނުވާ ޖަނަވާރެއް ކަމަށް އަލް އިޝްބީލީ ވިދާޅުވީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން