ދީން

"ކަލޭ ތިޔަ ކިޔަވަނީ ނުބައިކޮށް": ފުރަތަމަ ފަހަރަށް ޤުރުއާން އަޑުއެހި މީހެއްގެ މޮޅުކަން

"ކަލޭ ތިޔަ ކިޔަވަނީ ނުބައިކޮށް": ފުރަތަމަ ފަހަރަށް ޤުރުއާން އަޑުއެހި މީހެއްގެ މޮޅުކަން

ކީރިތި ޤުރުއާނުގެ "ބަރމިންޣަމު މެނުސްކްރިޕްޓް". މިއީ މިއަދު ހުރި ކީރިތި ޤުރުއާނުގެ މެނުސްކްރިޕްޓް ތަކުގެ ތެރެއިން އެންމެ ޤަދީމީ އެއް މެނުސްކްރިޕްޓް.

farudhun logo

ފަރުދުން

17 ޖުލައި 2025، 02:49

17 ޖުލައި 2025، 02:49

بسم الله الرحمن الرحيم

ކީރިތި ޤުރުއާނުގެ ބަލާޣަތްތެރިކަމާއި ފަޞާޙަތްތެރިކަމަކީ ވަންހަނާ ވެގެން ނުވާ މުޢުޖިޒާތެކެވެ. އެގޮތުން، މިލިޔުމުގައި ހިމަނާލާނީ، ފުރަތަމަ ފަހަރަށް ކިރިތި ޤުރުއާން އަޑުއެހި އަޢުރާބީ މީހަކު، ކިޔެވި މީހާގެ ކުށެއް ދެނެގަތް ގޮތުގެ ވާހަކައެވެ.

އަޢުރާބީންނަކީ ޢަރަބިކަރައިގައި އުޅުނު، ވަކި ސަރައްޙައްދެއްގައި ވަޒަންވެރިނުވާ މީހުންނެވެ. މިމީހުން ޞަޙަރާގެ އެކި ޙިސާބުތަކުގައި ދަތުރުފަތުރުކޮށް އުޅުނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އިސްލާމްވި ނަމަވެސް، ކީރިތި ޤުރުއާނުގައި ވާ ކަންކަން އެހައި ރަނގަޅަށް އެނގިފައިނުވާ މީހުންނެވެ. މިވާހަކައިގައި ވާ އަޢުރާބީ އަކީ މިފަދަ މީހެކެވެ.

މިވާހަކަ ރިވާކުރެއްވީ އަލްއަޞްމަޢީގެ ފާނެވެ. މިކަލޭގެފާނަކީ ޢަރަބިބަހުގެ ޢިލްމުގައި އަރައިހުންނެވި މަޝްހޫރު އަދީބެކެވެ.

 ކޮންމެއަކަސް، އަލްއަޞްމަޢީގެފާނު ރިވާކުރެއްވިއެވެ:

ތިމަން އެއްދުވަހަކު މާއިދާ ސޫރަތް ކިޔަވަން އިނީމެވެ. އެއިރު ތިމަން ގާތުގައި އަޢުރާބީއަކު އިނެވެ. ދެން، ސޫރަތް ފަށައިގެން ކިޔަވަނިކޮށް، والسارق والسارقة މިއާޔަތާ ޙިސާބަށް ދެވިއްޖެއެވެ.

ދެން، ތިމަންނާ ކިޔަވައިފީމުއެވެ:

وَالسّارقُ والسّارِقَةُ فاقْطَعُوا أيدِيَهُما جَزاءً بِمَا كَسَبَا نَكَالًا مِنَ اللهِ

މާނައީ: "އަދި ވައްކަންކުރާ ފިރިހެނާއާއި ވައްކަންކުރާ އަންހެނާ (އާ މެދު ދަންނާށެވެ). ފަހެ ތިޔަބައިމީހުން އެދެމީހުންގެ އަތްތައް ބުރިކުރާށެވެ. އެއީ، އެއުރެން ލިބިގަތް ކަމެއްގެ ސަބަބުން ﷲގެ ޙަޟުރަތުން ކަނޑައަޅުއްވާފައިވާ ޢުޤޫބާތެއްގެ ގޮތުންނެވެ."

ދެން، މިއާޔަތުގެ ނިންމުމުގައި ތިމަންނާ ކިޔަވައިފީމުއެވެ: 

وَاللهُ غَفورٌ رَحيمٌ

މާނައީ: "އަދި ﷲއީ ޣަފޫރުވަންތަ، ރަޙީމުވަންތަ ރަސްކަލާނގެއެވެ." (މުރާދަކީ: ގިނަގިނައިން ފާފަފުއްސަވާ، ރަޙުމަތްލައްވާ ރަސްކަލާނގެއެވެ.)

ދެން އަޢުރާބީ މީހާ ބުނެފިއެވެ: "ތިޔައީ ކާކުގެ ކަލާމެއް ހެއްޔެވެ؟"

ތިމަންނާ ދެންނެވީމެވެ: "މިއީ ﷲގެ ކަލާމްފުޅެވެ."

އޭނާ ބުންޏެވެ: "އަލުން ތިޔަ ކިޔެވި އެއްޗެއް އިޢާދަ ކޮށްބަލާށެވެ."

ދެން ވެސް ތިމަންނާ ކިޔެވީމުއެވެ:

وَاللهُ غَفورٌ رَحيمٌ

ދެން އޭނާ ބުނެފިއެވެ: "ތިޔައީ ﷲގެ ކަލާމްފުޅެއް ނޫނެވެ."

އެޙިސާބުން ތިމަންނާ އަށް ނުބައި ކޮށް ކިޔުނީ ކަން ހަނދާންވެއްޖެއެވެ. ދެން ރަނގަޅުގޮތަށް ކިޔައިފީމުއެވެ:

وَاللهُ عَزيزٌ حَكيمٌ

މާނައީ: "އަދި ﷲއީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ." (ޢަޒީޒު ގެ މުރާދަކީ ޢިއްޒަތާއި ބާރު ލިބިވޮޑިގެންވުމެވެ. ޙަކީމުގެ މުރާދަކީ ޙުކުމް ކަނޑައެޅުއްވުމުގެ ޙައްޤު ލިބިވޮޑިގެންވުމެވެ.)

ކޮންމެއަކަސް، ދެން މި އަޢުރާބީ މީހާ ބުނެފިއެވެ: "މިހާރު ތިޔަ ކިޔެވީ ރަނގަޅަށެވެ. ތިޔައީ ﷲގެ ކަލާމްފުޅެވެ."

ތިމަންނާ ދެން އޭނާ އާ ސުވާލުކުރީމުއެވެ: "ތިބާ ޤުރުއާން ކިޔަވާ އުޅެމު ހެއްޔެވެ؟"

އޭނާ ބުނެފިއެވެ: "ނޫނެކެވެ."

ތިމަންނާ ބުނެފީމުއެވެ: "ދެން ފަހެ، ތިމަންނާ ނުބައިކޮށް ކިޔެވި ކަން ތިބާ އަށް އެނގުނީ ކޮންފަދައަކުން ހެއްޔެވެ؟"

އޭނާ ބުނެފިއެވެ: "އޭ ކަލެޔާ އެވެ. އެކަލާނގެއަށް ޢިއްޒަތާއި ބާރު ލިބިވޮޑިގެންފައިވުމުން، ޙުކުމް ކަނޑައަޅުއްވައި، ބުރިކުރުމަށް އަމުރުކުރެއްވިއެވެ (= عَزيزٌ حَكيم). އެކަލާނގެ އެކަން ފުއްސަވައި، ރަޙުމަތް ލެއްވި ނަމަ (غَفور رحيم)، ބުރިކުރުމަކަށް އަމުރެއް ނުކުރެއްވީހެވެ."

މި އަޢުރާބީ މީހާގެ ވާހަކައިން ދޭހަވަނީ، ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މުނާސަބަތެވެ. އެއްވެސް އާޔަތެއްގެ ނިންމުމެއް އެހެނިހެން އާޔަތްތަކާ ނުގުޅެއެވެ. ނަމަވެސް މިކަން ދެނެގަނެވޭނީ، މާނައާ މެދު ޣާފިލު ނުވެ، ކިޔަވާ އެއްޗަކާ މެދު ވިސްނާ ބަޔަކަށެވެ.

މިވާހަކަ އަކީ ތަފުސީރު ފޮތްތަކުގައި މަޝްހޫރު ވެގެންވާ ވާހަކައެކެވެ. މިވާހަކައިން، ކީރިތި ޤުރުއާނުގެ ޢިބާރާތްތަކުގެ ފުރިހަމަކަމާއި، އަޢުރާބީންގެ ފަޞާޙަތްތެރިކަން ދޭހަވެއެވެ.

މި ލިޔުން ކިޔާލުމުން