ދުނިޔެ

ދުނިޔޭގައި ފުރަތަމަ ފަހަރަށް ޕެޓްރޯލްއިން ދުއްވާ ކާރުތައް މުޅިން ނައްތާލުމާ ގާތްވެފައިވާ ޤައުމަކީ ނޯވޭ

ދުނިޔޭގައި ފުރަތަމަ ފަހަރަށް ޕެޓްރޯލްއިން ދުއްވާ ކާރުތައް މުޅިން ނައްތާލުމާ ގާތްވެފައިވާ ޤައުމަކީ ނޯވޭ

ނޯވޭގައި ބޭނުންކުރާ ބައެއް އުޅަނދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖުލައި 2025، 02:26

17 ޖުލައި 2025، 02:26

ދުނިޔޭގައި ފުރަތަމަ ފަހަރަށް ޕެޓްރޯލްއިން ދުއްވާ ކާރުތައް މުޅިން ނައްތާލުމާ ގާތްވެފައިވާ ޤައުމަކީ ނޯވޭ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ. ނޯވޭގެ ޕަބްލިކް ރޯޑްސް އެޑްމިނިސްޓްރޭޝަންއިން އާންމުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ނޯވޭގައި ވިކުނު އުޅަނދުތަކުގެ ތެރެއިން 93 އިންސައްތައަށްވުރެ ގިނައީ އިލެކްޓްރިކް އުޅަނދުތަކެވެ.

ނޯވޭއިން 2017 ވަނަ އަހަރު އިއުލާންކުރި ލަނޑުދަނޑިއަކީ 2025 ވަނަ އަހަރާ ހަމައަށް، އާކޮށް ވިއްކާ އުޅަނދުތަކުގެ 100 އިންސައްތަ އިލެކްޓްރިކް އުޅަނދުތަކަށް ހެދުމެވެ. މިހާރު، ނޯވޭގައި އާކޮށް ވިއްކާ ކޮންމެ 10 ކާރުގެ ތެރެއިން 9 ކާރު ދުއްވަނީ ކަރަންޓުންނެވެ. މިއީ އެ ޤައުމުގެ ލަނޑުދަނޑި ހާސިލުކުރަން ވަރަށް ކައިރިވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.

ނޯވޭ އިލެކްޓްރިކް ވެހިކަލް އެސޯސިއޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި، ނޯވޭގެ ބޮޑެތި ގިނަ ސިޓީތަކުގައި ހުންނަ ޕަސިންޖަރު އުޅަނދުތަކުގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތައަކީ އިލެކްޓްރިކް އުޅަނދުތަކެވެ. ވެރިރަށް އޮސްލޯގައި މި އަދަދު 40 އިންސައްތައަށް އަރައެވެ.

މުޅި ޤައުމަށް ބަލާއިރު، އިލެކްޓްރިކް އުޅަނދުތަކުގެ އަދަދު މިހާރު ވަނީ ޕެޓްރޯލް އުޅަނދުތަކުގެ އަދަދަށްވުރެ ގިނަވެފައެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް، ނޯވޭގައި 2.8 މިލިއަން އުޅަނދު ރަޖިސްޓަރީކޮށްފައިވެއެވެ. އޭގެ ތެރެއިން 754,302 އުޅަނދަކީ ކަރަންޓުން ދުއްވާ އުޅަނދުތަކަށް ވާއިރު، 753,905 އުޅަނދަކީ ޕެޓްރޯލްއިން ދުއްވާ އުޅަނދުތަކެވެ.

ޑީޒަލް އުޅަނދުތައް އަދިވެސް އެންމެ ގިނަ އަދަދަކަށް ހުރި ކެޓެގަރީއަށް ވާއިރު، އެ އަދަދު އެއް މިލިއަނާ ގާތްކުރެއެވެ. ނަމަވެސް އެފަދަ އުޅަނދުތައް ވިކޭ މިންވަރު ދަނީ ހަލުވިކަމާއެކު ދަށްވަމުންނެވެ. ސަރުކާރުން ވަނީ ޑީޒަލް ބަސްތައް 2025 ވަނަ އަހަރާ ހަމައަށް އިލެކްޓްރިކް ބަސްތަކަށް ބަދަލުކުރުމަށް ރޭވިފައެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ބަރު އުޅަނދުތަކުގެ (ޓްރަކް ފަދަ) 75 އިންސައްތަވެސް ތިމާވެއްޓާ ރައްޓެހި ހަކަތައިން ދުއްވާ އުޅަނދުތަކަށް ހެދުމަށް ނޯވޭއިން އަމާޒު ހިފާފައިވެއެވެ.

ނޯވޭގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ނައިބް ކްރޯގްލަންޑް ވިދާޅުވީ، ފޮސިލް ފިއުލްސްއިން އިލެކްޓްރިކް އުޅަނދުތަކަށް ބަދަލުވުން ކާމިޔާބީއާއެކު ކުރިއަށްދާ ކަމަށެވެ. އިލެކްޓްރިކް އުޅަނދުތަކަށް ބަދަލުވުމަށް އެހީތެރިވުމަށް ޓެކްސް އިނާޔަތްތަކާއި އެހެނިހެން ފައިދާތައް ދީފައިވާކަމަށާއި، އިލެކްޓްރިކް މޮބިލިޓީއަށް އެހީތެރިވުމަށް އިންފްރާސްޓްރަކްޗަރަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރެވިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކްރޯގްލަންޑް ވިދާޅުވި ގޮތުގައި، އިލެކްޓްރިކް ފަސިންޖަރު އުޅަނދުތަކުގެ އަދަދު އެންމެ ގިނަ ދުނިޔޭގެ ފުރަތަމަ ޤައުމަކަށް ނޯވޭ ވެގެންދާނެއެވެ. ތެލާއި ގޭސް އުފައްދާ ބޮޑު ޤައުމަކަށް ވީނަމަވެސް، ނޯވޭއިން ގެއްލުންދެނިވި ގޭސްތައް ނެރެނުލާ އުޅަނދުތައް އިސްކުރުމަށް ވަރުގަދަ ސަމާލުކަމެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކުގައި ޓްރާންސްޕޯޓް ސެކްޓަރުން ބޮޑު ދައުރެއް އަދާކުރާކަން، ގާތްގަނޑަކަށް 30 އިންސައްތަ ގެއްލުންދެނިވި ގޭސްތައް ބޭރުކުރާ ސެކްޓަރަކަށް ވުމުން، އޭނާ އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މި މައްސަލައަށް ހައްލު ހޯދުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ކްރޯގްލަންޑް އިތުރަށް ވިދާޅުވީ، ޓްރާންސްޕޯޓް ސެކްޓަރުގެ އެހެނިހެން ދާއިރާތަކުގައިވެސް އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމަށާއި، 2030 ވަނަ އަހަރާ ހަމައަށް ކާބަން ޑައިއޮކްސައިޑްގެ ނެޓް-ޒީރޯ އެމިޝަން ހާސިލުކުރުމަށް ނޯވޭއިން ލަނޑުދަނޑި ހިފާފައިވާ ކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން