Ads by Stelco

ޚަބަރު

ސިއްޙީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އަބްދުލްކަރީމް އާދަމް އަވަހާރަވެއްޖެ

ސިއްޙީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އަބްދުލްކަރީމް އާދަމް އަވަހާރަވެއްޖެ

ހ. ސެންޓާލަމް އަބްދުލްކަރީމް އާދަމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖުލައި 2025، 12:37

17 ޖުލައި 2025، 12:37

ދިވެހި ދައުލަތުގެ ސިއްޙީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން މަތިވެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ހ. ސެންޓާލަމް އަބްދުލްކަރީމް އާދަމް، އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެއްޖެއެވެ. އެމަނިކުފާނުގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު، އިސްލާމީ މަރުކަޒުގައެވެ.

އަބްދުލްކަރީމް އާދަމްއަކީ، މުޅި ޖުމްލަ 47 އަހަރު ދިވެހި ދައުލަތަށް މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 18 ޖޫން 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޞިއްޙަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ (ލޭ ނެގުމާ ބެހޭ) ވަޒީފާއެވެ. އެއަށްފަހު 16 ޖުލައި 2009 ގައި އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރައްވަންދެން، އެމަނިކުފާނު ޚިދުމަތް ކުރެއްވީ ޞިއްޙީ ދާއިރާގައެވެ. އެމަނިކުފާނު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

އަބްދުލްކަރީމް އާދަމް، ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެ ދުވަސްވަރު ހެލްތު ވޯރކަރުން ތަމްރީނު ކުރުމަށް ހޮލެންޑުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ވަޑައިގެން، ދެއްވި ތަމްރީނުތަކަށްފަހުގައެވެ. އެއަށްފަހު ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އިންޑިއާއިންނާއި، ތައިލެންޑުންވެސް އެމަނިކުފާނު ވަނީ އިތުރު ތަމްރީނުތައް ފުރިހަމަކުރައްވައިފައެވެ.

ސިއްޙީ ދާއިރާގައި އެމަނިކުފާނު ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ޓީ.ބީ.އާއި ފައިލޭރިއާއާއި، ލެޕްރަސީ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލްކުރާ ފަރާތްތައް އެކަހެރިކޮށް، އެ ފަރާތްތަކަށް ފަރުވާދިނުމުގައި، އެކި އަތޮޅުތަކުގައި ހުންނަވައިގެން، އެކިފަހަރުމަތިން ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވުން ހިމެނެއެވެ.

މީގެއިތުރުން، މާލޭގެ ގޭގޭގެ ފެންވަޅުތައް ކްލޮރިނޭޓް ކުރުމުގެ މަސައްކަތާއި، ބޯން ބޭނުންކުރާ ފެން ޓެސްޓް ކުރުމާއި، ކޮލެރާ ދުވަސްވަރު ވެކްސިން ދިނުމުގެ މަސައްކަތާއި، ހޮޓާ ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ހުރި ނެތް ގޮތް ބައްލަވައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުއްވުމުގެ މަސައްކަތްވެސް ވަނީ ކުރައްވައިފައެވެ.

އަބްދުލްކަރީމް އާދަމްގެ ޚިދުމަތްތައް ރާއްޖެއިން ޔޫރަޕްގެ މާކެޓަށް އެކްސްޕޯޓް ކުރާ ކަންނެލި، ޔޫރަޕްގެ ސްޓޭންޑަޑަށް ޕެކް ކުރެވޭކަން ކަށަވަރުކޮށް، ސެޓުފިކެޓު ދޫކުރެއްވުމާއި، ރާއްޖެއަށް އަލަށް އެތެރެކުރާ ބޭސް ޓެސްޓުކޮށް އިމްޕޯޓް ކުރުމުގެ ހުއްދަ ދެއްވުމުގެ މަސައްކަތްވެސް އެމަނިކުފާނު ވަނީ ކުރައްވައިފައެވެ.

އަދި އުމުރުން ދުވަސްވެފައިވާ ބަލިމީހުންނަށް ފަރުވާދިނުމަށް، ނުރަސްމީ ގަޑިތަކުގައި ގޭގެޔަށް ޒިޔާރަތް ކުރައްވަމުން ގެންދެވުމުގެ އިތުރުން، ކުދިން ޚިތާނުކުރުމުގެ މަސައްކަތްވެސް އޭނާ ވަނީ ކުރައްވައިފައެވެ.

އަބްދުލްކަރީމްގެ ޤައުމީ ޚިދުމަތްތައް ފާހަގަކުރައްވާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2023 ވަނަ އަހަރު ސަރުކާރުން ވަނީ އެމަނިކުފާނަށް ދެއްވާފައެވެ. ދިވެހި ޤައުމަށްޓަކައި އެމަނިކުފާނު ކުރެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވައި، އެމަނިކުފާނުގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން