ޚަބަރު
ގަސްގަހާގެހި ރައްކާތެރިކުރަން ބޯޑަރު ކަރަންޓީނު ހަރުދަނާކުރުން މުހިންމުކަމަށް ވުޒާރާއިން ބުނެފި

މި ބަލިތައް ކޮންޓްރޯލުކޮށް ނައްތާލުމަށް ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ރާއްޖޭގެ ގަސްތަކަށް ޖެހޭ ބަލިތައް މަދުކުރުމަށްޓަކައި ބޯޑަރލައިން ކަރަންޓީނު ފެސިލިޓީ ހަރުދަނާކުރުން މުހިންމުކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ބަލިތައް ކޮންޓްރޯލުކޮށް ނައްތާލުމަށް ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނަރަލް އޮފް އެނިމަލް ވެލްފެއަރ ޙާމިދު އިބްރާހީމްފުޅު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކޭ އެއްގޮތައް ރާއްޖޭގެ ބޯޑަރލައިން ކަރަންޓީނު ފެސިލިޓީއަކީ ވަރަށް މުހިންމު ތަނެއްކަމަށެވެ. އެގޮތުން، ރާއްޖޭން ބޭރުން އެތެރެކުރާ ގަސްގަހާގެހި އެ ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނު ކުރުމަކީ މުހިންމުކަމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޙާމިދު އިބްރާހިމްފުޅު ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރުން ގެންނަ ގަސްތައް ކަރަންޓީނުކުރުމަށް ހާއްސަކުރެވިފައިވާ ކަރަންޓީނު ފެސިލިޓީ އިތުރަށް ތަރައްޤީކުރުމަށްޓަކައި، މިހާރު ބޭނުންކުރާ ތަން ވަނީ ރޫޅާލާފައެވެ. އަދި މި ތަން ތަރައްޤީކުރުމަށް އެމްއޭސީއެލްއިން މިހާރު ވަނީ ހުއްދަ ދޫކޮށްފައެވެ.
ރާއްޖޭގައި މިހާރު ގަސްތަކަށް ޖެހޭ ބަލިތަކަކީވެސް ކަރަންޓީނު ފެސިލިޓީ ހަރުދަނާ ނުވުމުގެ ސަބަބުން އެތެރެވެފައިވާ ބަލިތަކެއްކަން ފާހަގަކުރައްވާ ޙާމިދު އިބްރާހިމްފުޅު ވިދާޅުވީ ގަސްތަކަށް ޖެހޭ ބަލިތަކުގެ އިތުރުން ޖަނަވާރުންގެ ސަބަބުން އިންސާނުންނަށް ޖެހޭ ނުރައްކާތެރި ބަލިތައްވެސް މިހެން ވުމުގެ ސަބަބުން އިތުރުވެދާނެ ކަމަށެވެ.
އެގޮތުން، "ވައިޓް ވެލެއާރސް" ފަދަ ބަލިތަކަކީ ކަރަންޓީނު ނިޒާމު ހަރުދަނާ ނުވެގެން އެތެރެވިފައިވާ ބަލިތައް ކަމަށް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދޫނި ރޯގާ ފަދަ ބަލިތައް ރާއްޖެއަށް އަތުވެއްޖެއްޔާ އިންސާނުންނަށް ވަރަށް ނުރައްކާ ވާނެކަމަށާއި، ކަރަންޓީނުގެ ނިޒާމު ހަރުދަނާކޮށްގެން ނޫނީ މިފަދަ ބަލިތައް ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ދަނީ ރާއްޖޭގެ ގަސްގަހާގެހި ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ގަސްގަހާގެހި ހިމާޔަތްކުރުމަށް ހަދާ ޤަވާއިދުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ޙާމިދު އިބްރާހިމްފުޅު ވިދާޅުވިއެވެ. މީގެ އިތުރުން، ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކާއެކުވެސް ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދިފަހުން ޗައިނާއާއެކު ރުއްތަކަށް ޖެހޭ ބަލިތަކާއި ރުކު މަޑި ކޮންޓްރޯލްކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ގަސްތަކަށް ޖެހޭ ބަލިތައް ތަހުލީލުކުރުމަށް ޤައުމީ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.