ދުނިޔެ
ސަޢޫދީ އަރަބިއްޔާގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގި ބަޔަކު ހައްޔަރުކޮށްފި

ފުލުހުންގެ ވެހިކަލް
ސަޢޫދީ އަރަބިއްޔާގެ ސަލާމަތީ ބާރުތަކުން ހަށިވިއްކުމުގެ ވިޔަފާރި ހިންގި ބަޔަކު ހިމެނޭ 12 މީހުން ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ސަޢޫދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން އެ ޤައުމުގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީއެވެ. މީގެ އިތުރުން، މައްކާގައި އާންމުންގެ ތެރޭގައި ހަމަނުޖެހުމެއް ހިންގި ހަ ބިދޭސީއަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
އިންޓީރިއާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ހަށިވިއްކުމުގެ ވިއުގަ ހިންގި ބަޔަކު ހައްޔަރުކުރީ ގެއަކަށް ވަދެ ހިންގި އޮޕަރޭޝަނެއްގައެވެ. މި ޚާދިސާ ހިނގާފައިވަނީ ސަޢޫދީގެ ނަޖްރާންގައެވެ. ހައްޔަރުކުރެވުނު 12 މީހުންގެ ތެރޭގައި ހިމެނެނީ ފިރިހެނުންގެ ތެރެއިން ފަސް މީހުންނާއި، އަންހެނުންގެ ތެރެއިން ހަތް މީހުންނެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ނަޖްރާން ޕޮލިހުގެ ސްޕެޝަލް ޓާސްކްސް އެންޑް ޑިއުޓީޒް ފޯސްއާއި، ޖެނެރަލް އެޑްމިނިސްޓްރޭޝަން ފޯ ކޮމިއުނިޓީ ސެކިއުރިޓީ އެންޑް ހިއުމަން ޓްރެފިކިން ކޮންޓްރޯލް ގުޅިގެންނެވެ.
ހައްޔަރުކުރެވުނު އެންމެން މިހާރު ދަނީ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރަމުން ކަމަށާއި، އެ މީހުންގެ މައްސަލަތައް ވަނީ ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވާފައި ކަމަށް އިންޓީރިއާ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ހަށިވިއްކުމާއި ޒިނޭގެ ޢަމަލުތަކާއި، އިންސާނުން ޓްރެފިކް ކުރުމާއި، އެއާ ގުޅުންހުރި ކުށްތަކާ ދެކޮޅަށް ދުނިޔޭގައި އެންމެ ހަރުކަށި ޤާނޫނުތައް ތަންފީޒުކުރާ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ އަރަބިއްޔާ ހިމެނެއެވެ. މިފަދަ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތަކުގެ ތެރޭގައި ދިގު މުއްދަތުގެ ޖަލު ހުކުމާއި، ކުށުގެ ބާވަތަށް ބަލައި މަރުގެ ހުކުމްވެސް ހިމެނެއެވެ.
މި ޚާދިސާއާ ގުޅުންނެތް އެހެން ކަމެއްގައި، މައްކާގެ އާންމު މަސްލަހަތު ހިފެހެއްޓުމާ ބެހޭ އިދާރާ (ޕަބްލިކް އޯޑަރ ޑިޕާޓްމެންޓް) އިން ވަނީ ހަ ބިދޭސީއަކު ހައްޔަރުކޮށްފައެވެ. މި މީހުން ހައްޔަރުކުރީ އާންމުންގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެނިފައިވަނީ ޕާކިސްތާނާއި ބަންގްލަދޭޝް ރައްޔިތުންގެ މެދުގައި ހިނގި ބަހުގެ ހޫނު ބަހުސެކެވެ. ހައްޔަރުކުރުމަށްފަހު، މި މީހުންގެ މައްސަލަ ޕަބްލިކް ޕްރޮސެކިއުޝަނަށް ވަނީ ފޮނުވާފައެވެ.