ކޮލަމް

އެވޭލާ ދިވެހިރާއްޖެ: އިބުނު ބަޠޫޠާގެ ޤަލަމުން (ތިންވަނަ ބައި)

އެވޭލާ ދިވެހިރާއްޖެ: އިބުނު ބަޠޫޠާގެ ޤަލަމުން (ތިންވަނަ ބައި)

ދިވެހިރާއްޖެއާއި ސިލޯނު ހިމެނޭ ޤަދީމީ ޗާޓެއް

16 ޖުލައި 2025، 03:21

މަޝްހޫރު މުސްލިމު ދަތުރުވެރިޔާ ކަމުގައިވާ އިބުނު ބަޠޫޠާގެ ލިޔުންތަކުން، ދިވެހި ފަރުދުންނާއި، އެމީހުންގެ ދީންވެރިކަމާ ބެހޭވާހަކަތައް އިހުގެ އަރޓިކަލްގައި ވާނީ ޚުލާޞާކުރެވިފައެވެ. އެހެންކަމުން، މިބައިގައި ހިމަނާލާނީ، ދިވެހިންގެ ކެއިންބުއިމުގެ ކަންކަމާ މެދު އޭނާ ލިޔުއްވި ވާހަކަތަކެވެ.

ދިވެހިންގެ ކެއުން

ދިވެހިން ޢާންމު ގޮތެއްގައި ކައިއުޅުނު ބަނޑު ކެއުމަކީ ކާށްޓާއި ކަނޑުމަސް ކަމަށް އިބުނު ބަޠޫޠާގެ ލިޔުން ތަކުގައި ވެއެވެ. ދިވެހި ރުކުގެ "ޙަޤީރު" (މިބަހީ: ނިކަމެތި) ބައިތަކަށް ދިވެހިން ދޭ މަތިވެރި ޤަދަރަކީ ޢަޖައިބެއް ކަމަށް އޭނާ ދެކިލެއްވިއެވެ. އިބުނު ބަޠޫޠާ ދިވެހިރާއްޖޭގައި ހުންނެވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ވެސް މައިގަނޑު ކެއުމަކީ ކުރުނބަލާއި ކާށި ކަމަށް އޭނާ ލިޔުއްވިއެވެ. ކުރުނބާފެނަކީ ފޮނި، މީރު، ފެނެއްކަމަށް އޭނާ ޞިފަކުރައްވާފައިވާ އިރު، ކުރުނބާފެން ބުއިމަށް ފަހު، ކުރުނބާ ފަޅާލައި، ކުރުނބަލުގެ ތޮށިގަނޑުން ސަމުސަލެއް ފަދަ އެތިކޮޅެއް ބުރިކޮށް، އެތޭރޭގައި ހުންނަ އެއްޗެތި (މިބަހީ: ހެވާތައް) އޭގެން ކަހާލައިގެން ކާލާ ކަމަށް އިބުނު ބަޠޫޠާ ވަނީ ލިޔުއްވާފައެވެ.

ދިވެހި ރުކުގެ އަޞްލާ މެދު ދިވެހިން ދައްކާ އުޅުނު ފުލޯކު ވާހަކައެއް ވެސް އިބުނު ބަޠޫޠާ ވަނީ ޛިކުރުކުރައްވާފައެވެ. މިވާހަކައިގައި ވާ ގޮތުން، ޤަދީމީ ޒަމާނުގައި ހިންދުކަރަ (އިންޑިޔާ) ގެ ޙަކީމަކު ދިވެހިރާއްޖޭގައި އުޅުނެވެ. މީނާ މިއީ ރާއްޖޭގެ އެއިރުގެ ރަސްގެފާނަށް ވަރަށް އަރިސް ބޭފުޅެކޯލައެވެ. އެހެނެއް ކަމަކު، ރަސްގެފާނުގެ ވަޒީރު ބޭފުޅަކާއި މިޙަކީމު މީހާ އާ ދެމެދު ހަމަނުޖެހުން ތަކެއް އުފެދުނެވެ. މިކަމާ ގުޅިގެން އެ ޙަކީމުމީހާ ބުނިކަމަށްވަނީ އެ ވަޒީރުގެ ބޮލާއި ކަނދުރާ ވަކިކުރުމަށެވެ. ވަޒީރުގެ ބޯ ބުރިކޮށްލައި، ބޮލުގެ ނާށިގަނޑުގެ ތެރޭގައި ކަދުރު އޮށެއް އިންދައިފި ނަމަ، ދިވެހިރާއްޖެއަށާއި، މުޅި ދުނިޔެއަށް ވެސް މަންފާ ކުރަނިވި މޭވާއެއް އަޅާ ރުކެއް އޭނާގެ ބޮލުން ފަޅާނެކަމަށް އެޙަކީމު މީހާ ބުންޏެވެ. ވަޒީރުގެ ބޮލަށް މިފަދައިން ކަންކުރުމަށް ފަހު، މީނާ މިބުނި ގޮތަށް ކަން ނުވެއްޖެ ނަމަ ދެއްވަންވީ އަދަބަކީ ކޮބައި ތޯ ރަސްގެފާނު ސުވާލުކުރެއްވުމުން، ޙަކީމު މީހާ ދެންނެވީ ޙަކީމު މީހާގެ ބޯ ވެސް އެއިރުން ބުރިކޮށްލުމަށެވެ.

ކޮންމެއަކަސް، ވަޒީރުގެ ބޯ ބުރި ކުރުމަށް ރަސްގެފާނު އަމުރުކުރައްވައިފިއެވެ. ޙަކީމުމީހާ ވަޒީރުގެ ސިކުނޑި ތެރޭގައި ކަދުރު އޮށެއް އިންދައި، އޭނާ ގެ ބޯ ބިމުއަޑީގައި ވަޅުލައިފިއެވެ. ދުވަސްކޮޅެއް ފަހުން އެތަނުން ރުކެއް ފަޅައިފިއެވެ. މިއީ ދިވެހި ރުއް އުފެދުނު ގޮތް ކަމަށް ކިޔައި އުޅުނެވެ. (މިއީ ކަނޑައެޅިގެން ދޮގު ވާހަކަ އެއް ކަން ފާހަގަކުރައްވަމުން، އިބުނު ބަޠޫޠާ ވިދާޅުވީ އޭނާގެ ފޮތުގައި މިވާހަކަ ހިމެނުއްވީ ދިވެހިންގެ މެދު މިވާހަކައަށް ލިބިގެންވީ މަޝްހޫރުކަމެއްގެ ސަބަބުން ކަމަށެވެ. އަޅުގަނޑު ޢަޖައިބުވި ކަމަކީ -އަރޓިކަލްގެ 2ވަނަ ބައިގައި ވާފަދައިން- ރަންނަމާރި ވާހަކަ އިބުނު ބަޠޫޠާ ޤަބޫލުކުރައްވައިމެ ހުންނަވައި، މިވާހަކަ އަކީ ދޮގެއް ކަމަށް އޭނާ ލިޔުއްވުއްވާފައިވުމެވެ.)

ބޮލުގެ ވާހަކަ ނަންގަނެވިފައިވުމުން، އިތުރު ކަމެއް ހިމަނާލާނަމެވެ. އެކަމަކީ: އިބުނު ބަޠޫޠާ ޞިފަކުރައްވާފައިވާ ގޮތުގައި، ދިވެހި ރުކުގެ މޭވާއަކީ އިންސާނެއްގެ ބޮލާ ނުހަނު އެއްގޮތް އެއްޗެކެވެ. އެހެނީ، ކާށީގައި ވެސް ލޯ ހުރެއެވެ. އަދި އިންސާނުންގެ ބޮލުގައި އިސްތަށި ހުންނަހެން ކާށީގެ ބޭރުގައި ނަރުތަކެއް ހުރެއެވެ. އަދި ރުކުގެ ޅަ މޭވާ ތަކުގައި (މިބަހީ: ކުރުނބަލާއި ގަބުޅީގައި) ސިކުނޑިއެއް ފަދަ ހެވާ ތަކެއް ހުރެއެވެ. އަދި ބައްޓަމާއި ބޮޑުމިނުގެ ގޮތުން، ޚާއްޞަ ގޮތެއްގައި ދިވެހި ކާށި އިންސާނެއްގެ ބޮލާ ބޮޑަށް ވައްތަރު ކަމަށް އިބުނު ބަޠޫޠާ ލިޔުއްވިއެވެ.

ކޮންމެއަކަސް، ދިވެހި ރުކުން ދިވެހިން ތައްޔާރު ކުރާ ކެއުމުގެ ބާވަތްތައް އިބުނު ބަޠޫޠާ ވަނީ ޞިފަކުރައްވާފައެވެ:

1. "ކިރު" – ހުންޏާއި ފެން އެއްކޮށްގެން، ކެއްކުމަށް ބޭނުންކުރާ ކާށިކިރު. އިބުނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި، ކޮންމެ ގެއެއްގައި ވެސް ހުނިގޭނުމަށް ބޭނުންކުރާ "ގޮނޑިއެއް ފަދަ އާލާތެއް" ހުރެއެވެ. އެއީ އިހުޒަމާނުގެ ހުނިގޮނޑި ކަމަށް ބެލެވެއެވެ. އެއާލާތުގެ އެއް ކޮޅުގައި ތޫނު ދަގަނޑު ތިލައެއް ހުރެއެވެ. ކާށި ކިރު އަޅައިގެން އަލަފުށުން ހަދާ މީރު ފޮނިއެއްޗެއްގެ ވާހަކަ ވެސް އިބުނު ބަޠޫޠާ ލިޔުއްވިއެވެ.

2. "ތެޔޮ" – ކާށިތެޔޮ ހަދާގޮތަކީ: ކާށި އުތުވާލުމަށް ފަހު، އަވީލައި ކުޑަކޮށް ހިއްކަނީއެވެ. އެއަށްފަހު، އެތަކެތި އަލިފާނުން ކައްކާ، އޭގައި ހުރި ތެލުގެ މާއްދާތައް ނެރެއެވެ. ބައްތި އަލިކުރުމަށާއި، ބޮލުގައި ލުމަށް މިތެޔޮ އެއިރު ބޭނުން ކުރިއެވެ.

3. "މާމުތް" – އޭނާ ދިޔާހަކުރު ޞިފަކުރައްވާފައިވަނީ މާމުތުގެ ނަމުންނެވެ. މި "މާމުތް" ތައްޔާރު ކުރާ ގޮތަކީ: ރާވެރިން ދުވާލަކު ދެއިރު ރާ އެރުމުން، އެރުކުރާ އޮލަވަންދެން އަލިފާނުން ކައްކަނީއެވެ. މިހަކުރުން ހަދާ ފޮނިއެއްޗެއް ކާށްޓާ އެކު ދިވެހިން ކައި އުޅުނެވެ. އެޒަމާނުގައި ރާއްޖެއަންނަ އިންޑިޔާއާއި، ޞީނު ކަރަ (ޗައިނާ) އާއި، ޔަމަނުކަރައިގެ ވިޔަފާރިވެރިން މި ދިޔާހަކުރު ގަނެ، އެމީހުންގެ ބިމަށް އުފުލާ ހަދާ ކަން ވެސް އިބުނު ބަޠޫޠާ ފާހަގަކުރެއްވިއެވެ. 

މިއެންމެހައި ކަންކަމަކީ ދިވެހި ރުކުގެ ޢަޖައިބެއް ކަމަށް އޭނާ ވަނީ ލިޔުއްވާފައެވެ.

ގޮވާމުގެ ބާވަތްތަކަށް ނަޒަރު ހިންގާލާ އިރު، ސުވައިދު (ހުވަދު އަތޮޅު) ފިޔަވާ ރާއްޖޭގެ އެއްވެސް ޙިސާބެއްގައި އޭރު ގޮވާން ނުހައްދާ ކަމަށް އިބުނު ބަޠޫޠާ ލިޔުއްވިއެވެ. ހުވަދު އަތޮޅުގައި ހައްދަނީ ބިންބިއެވެ. މި ބިންބި މަހަލް އަށް (މިބަހީ: މާލެ އަށް) ގެނެވެއެވެ. 

މަހުގެ ބާވަތްތަކަށް ބަލާ އިރު، ދިވެހިން މައިގަނޑު ގޮތެއްގައި ކައި އުޅުނީ ކަނޑުމަހެވެ. އިބުނު ބަޠޫޠާ ލިޔުއްވި ގޮތުގައި، ދިވެހިން މި މަހަށް ކިޔައި އުޅުނީ "ޤުލްބުލް މާސް" މިހެންނެވެ. މިއީ ކަޅުބިލަމަސް ކަމާމެދު އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތެވެ. އިބުނު ބަޠޫޠާ ޞިފަކުރައްވާފައިވާ ގޮތުގައި، މިއީ، އެތެރެ ރަތް ކޮށް ހުންނަ، އެއްގަމު މަސް ފަދަ މީރު ވަހެއް ދުވާ މަހެކެވެ. ކަޅުބިލަ މަސް ކެއުމުން ބާއަތު (މިބަހީ: ޖިންސީ ބާރު) ވަރުގަދަވާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިން މިމަސް ބޭނުމަށް ފަހު ހަތަރު ހިއްޔަށް ފަޅި ކުރެއެވެ. ދެން ކުޑަކުޑަކޮށް ކައްކާލުމަށް ފަހު، ފަނުން ހަދާފައި ހުންނަ ގޮށިތަކަކަކަށް އަޅާފައި ދުންގަނޑު ބުރާހެން އެލުވާލައެވެ. މަސްހިލިތައް ހިކުމުން، ހިންދު (އިންޑިޔާ) އާއި، ޞީނު (ޗައިނާ) އާއި ޔަމަން ހިމެނޭހެން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެޒަމާނުގައި ވެސް ހިކިމަސް ބޭރުކުރެވުނު ކަމަށް އިބުނު ބަޠޫޠާ ވަނީ ލިޔުއްވާފައެވެ. އެޤައުމުތަކުގެ މީހުން ވެސް އެމަހަށް ކިޔައި އުޅުނީ ދިވެހި ނަން "ޤުލްބުލް މާސް" (އެބަހީ: ކަޅުބިލަމަސް) އެވެ.

މިޙިސާބުން މިއަރޓިކަލްގައި ލިޔަން ޤަޞްދުކުރި ބައިތައް ނިމުނީއެވެ. ދިވެހިންގެ ހެދުންއެޅުމާއި، އެހެނިހެން ބައެއް ވާހަކަ މިލިޔުމުގެ ހަތަރުވަނަ ބައިގައި އިރާދަކުރެއްވިއްޔާ ހިމަނާލާނަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން